ފަލީހަތް
އެއީ އެ ފަދަ ކޯލެއް އަންނަން އެންމެ ސުންޕާ ދަނޑިވަޅެވެ. ފޯނު ނަގަންވީ ކަމެއް ނުވަތަ ފެންނަކަމަށް ނަހަދަންވީ ކަމެއް ޒިޔާނަކަށް ނުނިންމުނެވެ. ފޯނު ކަނޑައިލަންވީކަމެއް ނުވަތަ ނަގާށޭ ޒިޔާން ގާތުގައި ބުނަންވީ ކަމެއް ދީމާއަކަށް ނުނިންމުނެވެ. އެންމެ ފަހުން ފޯނު ކެނޑުނީއެވެ. ހަދަންވީ ގޮތް ދީމާއަށް ނިންމުނީ އެ ހިސާބުންނެވެ.
"ފޯނު ނެގި ނަމަ.." ދީމާއަށް ބުނެވުނެވެ.
"އަހަރެން މިހާރު އޭނަގެ ކޯލަށް ޖަވާބުދޭކަށް ނުޖެހޭނެ،" ޖަވާބުގައި ޒިޔާން ބުންޏެވެ. "މިހާރު އެއްވެސް ގުޅުމެއް ނޯންނާނެ."
"ގުޅުމެއް ނެތް ނަމަ ފޯނު ނެގެންވާނެ،" ހިތްވަރުދޭ ރާގެއްގައި ދީމާ ބުންޏެވެ. "ކޮންމެވެސް އެއްޗެއް ހިތުގަ އޮތީމަ ފޯނު ނުނެގޭނީ. ދެން ގުޅައިފިއްޔާ ނަގާ! އަހަރުމެން ދެމީހުން އެއްކޮށް މި ކަމާ ފައިޓްކުރާނީ! އަހަންނަކީ، ލައިފްގަ ކޮންމެ މީހަކަށް ވެސް ސެކަންޑް ޗާންސެއް ދޭންޖެހޭނެ ކަމަށް ގަބޫލުކުރާ މީހެއް."
ޒިޔާންގެ ނަޒަރުގައި ޒިޔާނަށް ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށެވެ. ދީމާ ފަދަ ލޯބިވާ އަންބަކު ލިބުމުން ވެސް ޒިޔާނަކަށް ޝުކުރެއް ނުކުރެވުނެވެ. އިތުބާރުގެ އަގެއް ނިހިފޭއްޓުނެވެ. އުޅެވުނީ އުޅޭނެ ގޮތަކަށެވެ. ހުރިހާ ވެސް މައްސަލައަކީ ދީމާ ދިން އިތުބާރާއި، މިނިވަންކަމެވެ. ދަރިންނާއި، ގެއާއި، ޒިޔާންގެ ހުރިހާ ކަމެއް ދީމާ ތަރުތީބުކޮށް ބަލަހައްޓައިދިނުމުން ޒިޔާނަށް އޭގެ މާނަ އޮޅުނީއެވެ. ތިމާގެ ޒިންމާތަކުގެ މަތިން ހަނދާންނެތުނީއެވެ. ފިރިއެއްގެ އިންތައް ފަހަނައަޅައި، އޮޅިތައް ގިރާކޮށް، ދޮރުތައް ހުޅުވައިލެވުނީއެވެ. ހޭވެރިކަން ވީއިރު ނޭފަތާ ހަމައަށް ފެންއަރައިފިއެވެ.
ފުލުހުންނަކީ ފުލުހުން ބަދުނާމުކުރަން ބަޔަކު ޓުވީޓެއް ކޮށްފިއްޔާ، ކަން އޮތް ގޮތް ފިސާރި ރަނގަޅަށް ބުނެދޭ ބަޔެކެވެ. ނުގަވައިދުން ވެހިކަލެއްގައި އިސްޓިކާ ޖެހިޔޭ މީހަކު ބުންޏަސް، އެ ވެހިކަލުގެ ފޮޓޯ ޖަހައިފައި ވެހިކަލު ޕާކުކުރި ތަނާއި ވަގުތަށް ދާންދެން ޓެގުކޮށްފައި ތަފުސީލު ލިޔެލައެވެ. އެކަމަކު ޒިޔާންގެ ނަން ކިލަނބުވުމާ ގުޅިގެން ޓުވިޓާއިން އަންނަ އެއްވެސް ޓުވީޓަކަށް ހެއްކެއް ނުދެއްކުނެވެ. ޒިޔާން ވަޒީފާއިން ވަކިކުރީ ކޮން ކުށެއް ކޮށްގެންކަން ސާބިތެއް ނުކޮށްދެވެއެވެ. ބަދަލުގައި ހުންނަނީ ޒިޔާނަށް މަލާމާތް ރައްދުވާ ކަހަލަ އިބާރާތްތަކެވެ. ޒިޔާންގެ ވިޔާނުދާކަމާއި، އެއްވެސް ތާކުން ޒިޔާނަށް ދެން ވަޒީފާއެއް ނުލިބޭނެ ވާހަކައެވެ. އެއީ އެންމެހާ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ އިދާރާއަކުން ކުރެވިގެން ވާނެ ކަމެއް ކަމަކަށް ޒިޔާންގެ ނަފުސު ގަބޫލެއް ނުކުރެއެވެ. ޒިޔާނަށް އަދަބުދިނީ ނުހައްގުން ކަމުގައި ބުނާ ޓުވީޓުތަކަށް ރައްދު ނުދެވުމަކީ، ޒިޔާންގެ ކުށެއް ނެތްކަން ސާބިތުވާ އެންމެ ވަރުގަދަ ދަލީލެވެ. ޒިޔާންގެ ތެދުވެރިކަން އެހެން މީހުންނަށް ސާބިތުކޮށްދޭން ޒިޔާން ބޭނުންކުރި ހަތިޔާރަކީ ވެސް އެއީއެވެ.
ވަޒީފާ ގެއްލުނު އިރު ޒިޔާނަށް ރައްކާކުރެފައި ހުރީ މަދު ފައިސާކޮޅެކެވެ. އެއިން ދެކޮޅުޖައްސަން ޒިޔާނަށް މަޖުބޫރުވިއެވެ. މައްސަލައަކީ، އިތުރު އެއްޗެއް ރައްކާ ނުކުރެވި، ހުރި އެއްޗެއް ހުސްވާން ފެށުމެވެ.
"ކޮންމެވެސް ކަމެއް ކުރަން އެބަ ޖެހޭ!" ދީމާ ބުންޏެވެ. "މީހަކު ކަމެއް ކޮށްދޭނެކަމަށް މިހެނެއް ނުތިބެވޭނެ! އެކި ނޫހުގަ އެ ވާހަކަ ޖަހަނީ އެކި ގޮތަށް. ނުވާ ތާކަށް ޕޮލިހުން ވެސް ހަގީގަތް ކިޔައެއްނުދޭ! އެހެނެއް ނެހެދޭނެ!"
"ހެދޭނެ!" ޒިޔާން ޖަވާބުދިނެވެ. "އެއީ ޕޮލިސް. އެ މީހުން އަތުގަ ބާރު އޮންނާނެ. ހައްގު ހޯދަން އަހަރުމެން ދާންވީ މީހުން އެ ފާޑަށް ކަންތައް ކުރީމަ ދެން ކޮން ބައެއް ކައިރިއަށް އަހަރުމެން ދާނީ؟"
ޒިޔާން އެ ބުނަނީ ކީކޭކަން ދީމާއަށް ވިސްނެއެވެ. ގަބޫލުކުރަން ބޭނުން ނުވަނީއެވެ.
"ތަންތަނަށް ސިޓީލެވިދާނެ!" ދީމާ ރަނގަޅު ހިޔާލެއް ދިނެވެ. "އޭރުން ވެސް ކޮންމެވެސް ކަމެއް ކުރެވުނީ. އެކި ކަހަލަ ނަންނަން ކިޔާ އޮފީސްތަކާ، ކޮމިޝަންތައް މިހާރު ހުރެއެއްނު! ބޮޑު ނިއުސްއެއް ގޮތަށް ތި ވާހަކަ ނޫސްތަކުގެ ހެޑްލައިނަށް އެރުމުގެ ކުރިން ކަން ވީ ގޮތް އެންމެންނަށް އެނގެން ޖެހޭނެ."
"ސިޓީލެވިދާނެ،" ޒިޔާން ބުންޏެވެ. "ބަލާތި ވާ ގޮތް!"
މައްސަލަ އިތުރަށް ތަހުގީގު ކޮށްދޭތޯ ޒިޔާން ފުލުހުންގެ އޮފީހަށް ސިޓީ ލިޔެވެ. ތަހުގީގު ނުކޮށްދިން ތަނުގައި ސިޓީގެ ޖަވާބެއް ވެސް ނުދިނެވެ. މައްސަލަ ކޯޓަށް ފޮނުވަން ވެގެން ބަޔާންތަކުގެ ކޮޕީ ދޭން ޒިޔާން އެދުނެވެ. އެ ކަމާ ވެސް އަޅައެއްނުލިއެވެ. ހީވާ ކަހަލައެވެ. ފުލުހުންގެ އިދާރާއަކީ އަމިއްލަ ކުންފުންޏެކެވެ. ބޭނުން ކޮޅަކަށް މައްސަލައެއް އަނބުރައިލެވިދާނެއެވެ. ބަދަލުވެސް ކޮށްލެވިދާނެއެވެ. ހަމަ އެހެންމެ އޮއްބައި ވެސް ލެވިދާނެއެވެ.
އިންސާފުގެ އިންތިޒާރުގައި ޒިޔާން ހުއްޓައި ފެނުނީ، ޚަބަރެއް ގޮތަށް އެ ވާހަކަ ފަތުރައިލި ތަނެވެ. އެންމެ ހުތުރުކޮށް، އެންމެ ލަދުވެތިކޮށެވެ. މޯލްޑިވްސް ޕޮލިސް ސާވިސްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާތީ ޒިޔާން ވަޒީފާއިން ވަކިކޮށްފިއެވެ. ފުލުސްއޮފީހުގެ ނޯޓިސްބޯޑަށް އެރުވީ އެހެންނެވެ. ކިތައް މުވައްޒަފުން ކަމެއް، ޒިޔާން ކުރީ ކީއްކަމެއް ވެސް ބުނެފައެއް ނެތެވެ. އެ ކަމަށް ޒިޔާން އިންކާރުކުރި ވާހަކައެއް، ކޯޓަށް މައްސަލަ ނުފޮނުވާ ވާހަކައެއް ވެސް ނެތެވެ. އެ ދުވަހު ޒިޔާންގެ ފޯނުން އަޑު ކަނޑައިގެން ނުދެއެވެ. ފަހަރަކު ރައްޓެއްސެއް ގުޅައިފައި އެ ވާހަކަ ކިޔައިދެއެވެ. ސުވާލުތައް ކުރިމަތިކުރުވިއެވެ. ބައެއް މީހުން ނުރުހުން ފާޅުކޮށް މަލާމާތް ވެސް ކުރިއެވެ. ކޮންމެ މީހަކަށް ހުރިހާ ވާހަކައެއް ކިޔައިދިނުމަކީ ޒިޔާނަށް ކުރެވޭނެ ކަމެއް ކަމަކަށް ޒިޔާން ނުދެކެއެވެ. މަނާރަތު ބޭނުންވީ އެ ގޮތެވެ. އެ ކަން މަނާރަތަށް ބަޔަކު ކޮށްދިނީއެވެ. މަނާރަތަކީ އޭނަގެ އިޝާރާތްތަކަށް ފިރިހެނުން ނަށުވަން ކުޅަދާނަ އަންހެނެކެވެ. ފުލުހުންގެ މުޅި މުވައްސަސާ ބަދުނާމުކޮށް ކިހައްޑިހަ ބުރުވަން އެ ފަދަ އެންމެ އަންހެނެއް ފުދެއެވެ. ދީމާއަށް ވެސް ދޭތެރެއަކުން ފޯނުކޯލެއް އާދެއެވެ. ހިތްވަރުކުރިޔަސް ދެ މީހުންގެ ވެސް ހިތްވަރުއެލުނެވެ.
"ދީމާގެ ފެމެލީ މީހުން ބުނާނެ ދޯ ކޮން ކަހަލަ މީހަކާހޭ ދީމާ އިނދެގެން ތި އުޅެނީ؟" މާޔޫސްވެފައިވާ އަޑަކުން ޒިޔާން ބުންޏެވެ. "އަހަންނަކީ ކިހާ ކަޑަ މީހެއް."
"އެ މީހުންނަށް ޒިޔާން ވަރަށް ރަނގަޅަށް އެނގޭނެ،" ދީމާ ހިތްވަރުދިނެވެ. "ޒިޔާނޭ ކިޔައިގެން ދައްކާ އެ ކަހަލަ އެއްވެސް ވާހަކައެއް އެ މީހުން ގަބޫލެއް ނުކުރާނެ."
އެ ކަހަލަ ކަންތައް އޮންނަ ގޮތް ޒިޔާނަށް އެނގެއެވެ.
"ތީ ހަމަ ހީވާ ގޮތް،" ޒިޔާން ބުންޏެވެ. "ކޮންމެ މީހަކު ވެސް ބުނާނީ މިހެން. ޒިޔާން ހިޔެއް ނުވެއޭ އެ ކަހަލަ ކަމެއް ކުރާނެހެނެއް. އެހެން ބުނެފަ ދެން ބުނާނީ، އެކަމަކު ނޭނގޭނޭ މީހެއްގެ ގޮތެއް."
ވަޒީފާ ގެއްލުމަށް ވުރެ ބޮޑު ތަދެއް ޒިޔާނަށް އިހުސާސްކުރެވުނީ، ނުކުރާ ކުށެއްގައި ބައްދައި ބަދުނާމުކުރީމައެވެ. ވަޒީފާއެއް އަލުން ލިބިދާނެއެވެ. އެކަމަކު ބަޔެއްގެ ކުރިމަތީގައި ގެއްލިއްޖެ އިތުބާރެއް ދެނެއް ނުހޯދޭނެއެވެ. ކުރިން ފާހަގަ ނުކުރެވުނު ކަމެއް ޒިޔާނަށް ފަހުން ފާހަގަކުރެވުނެވެ. މީހުންގެ ތެރެއަށް ޒިޔާން ބަދުނާމު ކުރިޔަސް، މަނާރަތުގެ ދެކެ ޒިޔާން ފޫހިވީ އިސްތިހާރާ ނަމާދު ކުރި ފަހުންނެވެ. އެކަމަކު އެ ނަމާދުގެ ނަތީޖާއަކީ، މަނާރަތުގެ ހަގީގީ ސިފަ އެ ފަދަ ގޮތަކަށް ޒިޔާނަށް ފެނުން ކަމެއް އޭރަކު ޒިޔާންގެ ހިތަކަށް ނާރައެވެ.
ޒިޔާންގެ ގިނަ އެކުވެރިންނަކީ ފުލުހުންނެވެ. އެކުގައި މަސައްކަތް ކުރި މީހުންނެވެ. މަނާރަތުގެ ދޮގު ވާހަކަތަކުގެ ސަބަބުން އެކުވެރިންގެ ތެރެއިން ވެސް ފީ ހޮވައިލަން ޒިޔާނަށް ފުރުސަތު ލިބުނެވެ. ހިތްނުބައި ހަސަދަވެރިންނާއި، ތެދުވެރި ގާތް އެކުވެރިން ވަކިކުރެވުނެވެ. އެ ހުރިހާ ކަމަކާ އިސްތިހާރާ ނަމާދާ ގުޅުމެއް ހުރި ކަމެއް އެ ދުވަސްވަރަކު ޒިޔާނަކަށް ނުވިސްނެއެވެ. ޒިޔާނަށް ލިބުނީ ހިތްދަތިކަމާއި، އެކަނިވެރިކަމާއި، ފަލީހަތެވެ. ވަޒީފާއެއް ހޯދަން އުޅޭނެ ހިތްވަރު ނުލިބި، ގެއިން ބޭރަށް ނުކުންނަން ފޫހިވެ، މީހުންނާ ފޯނުން ވިޔަސް ކުރިމަތިލާން ޒިޔާނަށް އުނދަގޫވިއެވެ. ކެއުންބުއިމާ ދުރުވިއެވެ. ފިކުރުކުރުން ނޫން އެހެން ކަމެއް ނުކުރެވެއެވެ. ގާތުގައި ދީމާ ނެތް ނަމަ، ހަށީގައި ނޭވާ ހުންނާނެ ހެނެއް ވެސް ޒިޔާނަކަށް ހިޔެއްނުވެއެވެ. ޒިޔާންގެ އަމިއްލަ ނަފުސަށް އޮތް އިތުބާރު، ދުވަހަކު ވެސް ނުގެއްލޭ ވަރަށް އެ ދުވަސްވަރު ގެއްލުނެވެ. އުންމީދުގެ ގެއްލުވައިނުލީ ދީމާއެވެ. ޒިޔާންގެ ހާލު ފެނި ރޯން ބޭނުންވެ، އެ ކަރުނަތައް ވެސް ލޮލަށް ހިންދައިލައިގެން ދީމާ ސާބިތުވެ ހުއްޓެވެ. ނަމާދުކޮށް، ދުއާކޮށް، ނަދުރުބުނެ ހެދިއެވެ.
ދިރިހުރުމުގެ ވަގުތު ހަމަވުމުގެ ކުރިން ދިރިއުޅުމުގައި ސިއްކައެއް ނުޖެހޭނެއެވެ. މަޑުމަޑުން ޒިޔާނަށް އެ ކަން ވިސްނެން ފެށިއެވެ. ދުނިޔެއަށް އަންނަނީ ތިމާގެ އިހުތިޔާރަކު ނޫނެވެ. ދުނިޔެއިން ދިޔުމަކީ ވެސް އިންސާނާއަށް ދެއްވާފައިވާ އިހުތިޔާރެއް ނޫނެވެ. ޓެކްސީ ސެންޓަރަކުން ވެސް ޒިޔާނަށް ދެން ވަޒީފާއެއް ނުލިބޭނޭ މީހަކު ބުނި ހަނދާން ޒިޔާންގެ ސިކުނޑީގައި ތާޒާކޮށް ހަރުލައިފައި ހުއްޓެވެ. އެއީ ހަގީގަތެއްކަން ގަބޫލުކުރުމާ ވަރަށް ގާތަށް ޒިޔާނަށް ދެވުނު ވެސް މެއެވެ. އެކަމަކު އާއިލާ ބިކަވާން ދޫކޮށްލުމުގެ ބަދަލުގައި ހިތްވަރުކޮށްފައި ޒިޔާން އެނދުން ތެދުވިއެވެ. ހިންދަމައިލިއެވެ. ގޭގައި ޓިއުޝަން ދޭން ފެށިއެވެ. ވަޒީފާއެއް ހޯދަން ތަންތަނަށް ސިޓީލާން ފެށިއެވެ. ކުރާހިތްވި ހަމަ އެކަނި ކަންތައް ދޫކޮށްލައިފައި، ކޮންމެ ކަމެއް ވިޔަސް ކުރުމަށް ޒިޔާން ކުރިމަތިލިއެވެ. ކަށިން މަދުނަގައިގެންނެވެ. އެކަމަކު ލާ އެއްވެސް ސިޓީއެއްގެ ޖަވާބެއް ނުލިބެއެވެ.
"ދެން ޖޮބެއް ނުލިބޭނެބާ؟" ނުބުނަން ހުއްޓައި އެއްދުވަހަކު ޒިޔާނަށް ބުނެވުނެވެ.
"ލިބޭނެ!" ދީމާ ޔަގީންކަމާ އެކު ބުންޏެވެ. "މި ފަހަރު ޒިޔާން އެކަންޏެއް ނޫން، އިރާދަކުރެއްވިއްޔާ މަ ވެސް ޖޮބަށް ނުކުންނާނަން. އަހަރުމެންގެ ރިޒުގަކު އެހެން މީހަކަށް އަތެއް ނޭޅޭނެ. އަހަރެން ބުނީތީ ވެސް ބަލާތި!"
ޒިޔާން ހާލުގައި ޖެހުނު ވަގުތު ދީމާ ހުރީ ޒިޔާންގެ ފަހަތަކު ނޫނެވެ. ޒިޔާނާ އެއް ހަމައިގައެވެ. ޒިޔާންގެ ހިތުވިންދު އަޑުއިވޭ ހިސާބުގައެވެ. ކައިވެނި ހުތުބާގެ އެއް ޖުމުލަ ދީމާގެ ކަންފަތުގައި އަބަދުވެސް ހަރުލައިފައި ހުރެއެވެ. އެއީ، ހިތާމައިގެ ވަގުތުގައި އެކަކު އަނެކަކަށް އެހީތެރިވުމެވެ. މާޒީގައި ޒިޔާން ކުރި ކަންތަކަށް ވުރެ، ދެމަފިރިންގެ މުސްތަގުބަލު ދީމާއަށް މާ މުހިންމެވެ.
ނުނިމޭ