ބުދަ ދުވަހާ ގުޅޭ

މާޒީގައި ޒިޔާން ކުރި ކަންތަކަށް ވުރެ، ދެމަފިރިންގެ މުސްތަގުބަލު ދީމާއަށް މާ މުހިންމެވެ. އިންސާނުންނަށް ކުށް ކުރެވޭނެއެވެ. އެ ކުށް ކުރެވުނީތީ ހިތާމަކޮށް، މާފަށް އެދެފި ނަމަ މާފުދޭން ޖެހޭނެއެވެ. ފަހުން އެ ކުށް ތަކުރާރު ނުކޮށްފި ނަމަ އިތުބާރު ވެސް ކުރަން ޖެހޭނެއެވެ. ދީމާ ގަބޫލުކުރާ އުސޫލަކީ އެއީއެވެ.

ޒިޔާން ވަޒީފާއިން ވަކިކުރެވުމުން އެންމެ އުފާވި މީހަކީ މަނާރަތެވެ. އޭނައަށް ލިބުނު އުފާތައް ގުނާ އަދަދު ނުކުރެވެއެވެ. ގެއްލެން އުޅުނު މަގާމު އަނެއްކާ ވެސް މަނާރަތަށް ކަށަވަރުވީއެވެ. މޮޅުވީ މަނާރަތުކަން ޒިޔާނަށް ސާބިތުކޮށްދެވުނީއެވެ. ޒިޔާން ކަހަލަ ކުޅަދާނަ، މަގުބޫލު މުވައްޒަފަކު ތަނުން ބޭރުކުރެވުމުން އެހެން މުވައްޒަފުންގެ ހިތަށް ބިރުވެރިކަން ވެއްދުނީއެވެ. މަނާރަތަށް އެނގެއެވެ. މަނާރަތާ ކުރިމަތިލާން އެހެން މުވައްޒަފަކު ދެން ހިތަށް ވެސް ނާރުވާނެއެވެ. ހަމަ އެހެންމެ މަނާރަތުގެ ބާރާއި ނުފޫޒާ މެދު އެކަކު ވެސް ދެން ޝައްކެއް ނުކުރާނެއެވެ. އެ މަސައްކަތުގައި މަނާރަތަށް އެހީވި އެންމެންނަށް މަނާރަތު ބަދަލުދިނެވެ. އިތުރު އިނާޔަތާއި ހަދިޔާއާ އެކުގައެވެ. މަނާރަތު ކުޅެމުންދިޔަ މުޑުދާރު ކުޅިގަނޑަކީ އެންމެންނަށް އެނގޭ ބޮޑު ސިއްރެއް ކަމެއް މަނާރަތަކަށް ނޭނގެއެވެ.

"ތި ބުނަނީ އަހަންނަކަށް އިންސާފެއް ނުލިބޭނޭ؟" ޒިޔާން ސުވާލުކުރިއެވެ.

މިދުހަތާއި ޒިޔާން ތިބީ ކޮފީ މޭޒެއް ކައިރީގައެވެ. މިދުހަތަކީ ފުލުހެކެވެ. ހުނިޖަހައިފައި ޒިޔާން ވަޒީފާއިން ވަކިކޮށްލުމުން ވެސް ޒިޔާނާ ވާހަކަދައްކައި، އެކުވެރިކަން ބާއްވާކަށް މިދުހަތު ޖެހިލުމެއް ނުވެއެވެ. ވަޒީފާއިން ކަނޑައިލަފާނެ ކަމުގެ ބިރެއް ވެސް އޭނަގެ ނޯވެއެވެ. ސަބަބު ވަރަށް ސާފެވެ. ވަޒީފާ މާހައުލުގައި ނާއިންސާފުގެ ހިތިރަހަ މިދުހަތު ވެސް ވަނީ ތަޖުރިބާކޮށްފައެވެ.

"ނުލިބޭނެ!" ވަރަށް ޔަގީންކަމާ އެކުގައި މިދުހަތު ބުންޏެވެ. "ކަންމަތީ ފިހާރައިން ޝޭންޕޫފުޅިއެއް ނަގާ މީހާ އޮންނަންޖެހޭނީ ޖަލުގަ. އޭނައަށް ޓަކާ މުޒާހަރާކޮށްދޭނެ މީހަކު ނުވާނެ. ވަކާލާތުކޮށް، ނޫސްތަކަށް އިންޓަވިއުދޭނެ މީހަކު ވެސް ނުވާނެ. ހަމަ ޖަލުގަ އޮންނަން ޖެހޭނީ. އެކަމަކު މިލިޔަނުން ރުފިޔާ ކަޓުވާލާ މީހާ އެއްދުވަހު ޕެންތުހައުސްގަ. އަނެއް ދުވަހު ރިސޯޓުގަ. އަނެއް ދުވަހު ޔޫކޭގަ ހުންނާނީ."

"ސަރުކާރު ބަދަލުވީމަ އިންސާފު ހޯދޭނެއްނު!" ޒިޔާން ބުންޏެވެ.

"ހަމަ އެއްތާކު ޖެހޭނީ!" ނާއުންމީދީ ރާގެއްގައި މިދުހަތު ބުންޏެވެ. "ބޭނުމެއް ނޫން ޒިޔާންގެ ހިތްމަރާލާކަށް. އެކަމަކު ނުވާނެކަން ޔަގީންވާ ކަމެއް ވާނެއެކޭ ވެސް ނުބުނެވޭނެ. އަހަރެންނަކީ މިހާރު ބިޑްކޮމެޓީގަ މެންބަރެއް. މި އުޅޭ މީހުން މިހާރު ކޮންމެހެން ނޫޅޭ ދުރުދުރުން ބުނާކަށް ވެސް. ބިޑް ހުށައަޅާފަ ފޯނުކޮށްލާފަ އެ ބުނަނީ ދެ ލައްކަ ރުފިޔާ ދޭނަމޭ އަހަރުމެންގެ ބިޑް އޯކޭ ކޮށްދޭށޭ! ހަމަ ސީރިޔަސްކޮށް މި ބުނަނީ. އެ މީހުންނަށް ވަރިހަމަ ކޯލު ރިކޯޑުކުރިޔަސް. އަޑިން ގުޅިފައޭ އޮންނަނީ. މަ ބުނަން ނޫނެކޭ އޮންނަ އުސޫލަކުންނޭ ބިޑު އޯކޭ ވާނީ. ނިމޭ އިރު އޭނަގެ ބިޑް އޯކޭވާނީ. އޭނަ އެންމެ ބޮޑު އަގު ވެސް ހުށައަޅާފަ އޮންނާނީ. ބިޑް ފާސްނުވަނީސް އެތި ހުންނާނީ އެތެރެކޮށް ނިންމާފަ."

މިދުހަތު ކިޔައިދިނީ ޒިޔާނަށް އާ ވާހަކައެއް ނޫނެވެ. އެހެނަސް ޒިޔާން އުންމީދު ކަނޑައެއް ނުލައެވެ.

"ހިސާބަށް ވުރެ ބޮޑަށް މީހުން ކޮރަޕްޓު ވީމަ ވާ ގޮތް،" ޒިޔާން ބުންޏެވެ. "އީމާންތެރިކަން ކުޑައީ."

"އެ މީހުން ބުނަނީ އަނގަޔާ އަތާ ދިމާކުރަން ޖެހެޔޭ!" ހޫނު ކޮފީތަށި ނަގަމުން މިދުހަތު ބުންޏެވެ. "އެކަމަކު އަނގަޔާ އަލިފާނާއޭ މި ދިމާކުރެވެނީ."

ޒިޔާނަކީ ހިތްވަރުގަދަ މީހެކެވެ. މުރާލި މީހެކެވެ. އެއްވެސް ކަމަކާ ކުރިމަތިލާކަށް ޒިޔާން ފަހަކަށް ނުޖެހެއެވެ. އެކަމަކު އިންސާފު ނުލިބުނު ތާނގައި، ވަޒީފާގެ ސިޓީއަށް ވެސް އެއްވެސް ޖަވާބެއް ނުލިބުމުން މާޔޫސްކަން ޒިޔާން ވަށައިލިއެވެ. އަތްމަތި ހުސްވެގެން ބިކަވެދާނެ ކަމުގެ ބިރު ހިތަށް ވެރިވާން ފެށިއެވެ. ހިތްދަތިވެގެން ގޮސް ހިތް ހަލާކު ނުވެ ޒިޔާން ހުރި ނަމަ އެއީ ނަމާދުގެ ބާރެވެ. އީމާންތެރިކަމުގެ ނަތީޖާއެވެ. ދުއާގެ އަސަރެވެ. ނިދީގެ އަރާމު ތަންމަތި ދޫކޮށްލައިފައި ޒިޔާން ދަންވަރު ތެދުވެއެވެ. އެހެން މީހުން ކަންނެތްކަމާއި ލޮޑުކަމާ އެކު އެނދުގައި ފުރޮޅެމުންދާ ވަގުތު، ޒިޔާން އިންނަނީ ވެރިފަރާތުގައި އާދޭސް ދަންނަވަން ދެއަތް ނަގައިގެންނެވެ. ހިތްވަރުދެއްވާތޯއެވެ. މާޔޫސްކަން ފިލުވައިދެއްވާތޯއެވެ. މަގެއް ދައްކަވާތޯއެވެ.

ފުލުހުންގެ ވަޒީފާއިން ޒިޔާން ވަކިކުރިތާ މަސްދުވަސް ނުވަނީސް ޒިޔާނާއި ދީމާއަށް ވަޒީފާ ލިބުނެވެ. އުފާވެރި ފޯނުކޯލު އައީ އެކުއެކީގައި ކަހަލަ ގޮތަކަށެވެ. ދެމަފިރިން ވަޒީފާ އަދާކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އެންމެ ބޭނުންވި ގޮތެއް ވެސް ނުމެ ނޫން މެއެވެ. އެތައް ކަމަކަށް ބަދަލުގެންނަން ޖެހުނެވެ. ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރަން ޖެހުނެވެ. ފުރަތަމަ ކޮޅު އުނދަގޫވިއެވެ. އާ ވައްޓަފާޅިއަށް ހޭނެން ވަގުތު ނެގިއެވެ. އެހެނަސް މަޑުމަޑުން ހުރިހާ ކަމެއް ހަމަޖެހެމުން، ފަސޭހަވަމުން ގޮސް އާދަވިއެވެ. ވަޒީފާއަށް ނުކުތުމުން ދަރިން ބެލީ ޒިޔާނާއި ދީމާގެ އާއިލާއިންނެވެ. އެކި ދުވަހު އެކި މީހުންގެ އެހީތެރިކަން ލިބުނެވެ.

ޒިޔާންގެ މާލީ ތަނަވަސްކަން ކުރިޔަށް ވުރެ ވަރުގަދަވިއެވެ. ކުރިން ލިބުނު މުސާރައަށް ވުރެ ބޮޑު މުސާރައެއް ހަމަޖެހުނެވެ. ދެމަފިރިންގެ ލޯތްބަށް އިތުރު ދިރުމެއް ލިބުނު ކަހަލައެވެ. ހައްގު ހޯދަން އާ ބާރެއް ލައި ހިންދަމައިލަން ޒިޔާނަށް ހިތްވަރުލިބުނެވެ.

އެކުވެރިންގެ އެހީތެރިކަން ލިބެން ފެށިއެވެ. އިތުރު ތަންތަނަށް ސިޓީލައި ޝަކުވާ ހުށައަޅަން ނަސޭހަތްދިނެވެ. ކިލަނބުވެފައިވާ ނަން ދޮވުމަށާއި ކުށްކުރި މީހާއަށް އަދަބުދިނުމަށް ޓަކައެވެ. އެ ކަމުގައި ވެސް އެންމެ ކުރީގައި ހުރީ ދީމާއެވެ. ޒިޔާންގެ އަނބިމީހާއެވެ. ފިރިމީހާ ކުށެއް ކުރިއެވެ. އެ ކަމާ ދީމާ ދެބަހެއް ނުވެއެވެ. އެހެނަސް ކުރެވުނު ކުށަށް އިއުތިރާފުވެފައި އެނބުރި އައުމުން ދީމާގެ ހިތްހެވެވެ. ދަރިންނާއި ފިރިމީހާއަށް ޓަކައި ޒިޔާނަށް ދެވަނަ ފުރުސަތެއް ދޭން ދީމާ ބޭނުމެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ވަޒީފާއިން ވަކިކޮށްފި ނަމަ، ވަކި މުއްދަތެއްގެ ތެރޭގައި އެ ކަން އިސްތިއުނާފުކުރަން ވަޒީފާޔާ ބެހޭ ޓްރެބިޔުނަލަށް ހުށައެޅެއެވެ. ޒިޔާން ފެށީ އެ ހިސާބުންނެވެ. މީހުންގެ ހިޔާލު ހޯދައިގެން ސިޓީ އިބާރާތްކޮށް، އެތައް ފަހަރަކު އުނިއިތުރު ގެނެސް ސިޓީ ތައްޔާރުކުރިއެވެ. ސިޓީ ލާން ދިޔައީ ވެސް ޒިޔާންއެވެ.

"ތި މައްސަލައެއް ނުބެލޭނެ." އެ ތަނުން ޒިޔާނަށް އެންގިއެވެ.

"އެއީ ކީއްވެގެންތޯ ނުބެލޭނީ؟" ޒިޔާން އެހިއެވެ. "ނުހައްގުން ވަޒީފާއިން ވަކިކުރީމަ މި ތަނުން ނޫންތޯ އެ މައްސަލަ ބަލަނީ."

"މީ ފުލުހުން ބަލައި ނިމިފައިވާ މައްސަލައެއް،" ޖަވާބުދިން މީހާ ބުންޏެވެ. "އެއީ އެއް މައްސަލަ. އަނެއް މައްސަލައަކީ ވަޒީފާއިން ވަކިކުރީ ވެސް ފުލުހެއް. އަނެއް މައްސަލައަކީ އެ ތުހުމަތު ކުރެވޭ މީހާއަކީ ވެސް ތީ! މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހާ އަކަށް މައްސަލަ އިސްތިއުނާފެއް ނުކުރެވޭނެ."

އެ އުސޫލު ޒިޔާނަކަށް ގަބޫލެއް ނުކުރެވުނެވެ. ޒިޔާންގެ ނަޒަރުގައި ކުށެއް ރައްދުވާ ތިބޭނީ ދެ މީހުންނެވެ. އެއީ އަނިޔާ ދިން މީހާއާއި އަނިޔާ ލިބުނު މީހާއެވެ. ނުވަތަ ކުށް ކުރި މީހާއާއި މަޒުލޫމެވެ. މައްސަލަ އިސްތިއުނާފުކުރާނީ މަޒުލޫމެވެ.

"ތީ ދެން ހާދަ ހެއްވާ ގޮތެކޭ!" ހައިރާންކަމާ އެކު ޒިޔާން ބުންޏެވެ. "ވިކްޓިމް ނޫންތޯ މައްސަލަ އިސްތިއުނާފުކުރާނީ!"

"ގާނޫނު ހަދަނީ މި ތާކުން ނޫން،" އެ ތަނުން ބުންޏެވެ. "ކޯޓުން ކަންނޭނގެ ތި މައްސަލަ ބެލޭނީ."

ކޯޓަށް މައްސަލަ ހުށައަޅަން ބޭނުންވާ ބަޔާންތަކުގެ ކޮޕީ ފުލުސް އޮފީހަކުން ނުދިނެވެ. ދެން ހަދާނެ ގޮތެއް ޒިޔާނަކަށް ނުވިސްނުނެވެ. ހޮއި ހެދިފައިވާ ގާނޫނުތަކާއި، ދޯދިޔާ ގަވާއިދުތަކުގެ އަނދަވަޅަކަށް ޒިޔާން ވެއްޓުނު ކަހަލައެވެ.

"ދެން ނެތެއްނު ކުރެވޭނެ ކަމެއް." ޒިޔާން ބުންޏެވެ.

"ނޫނޭ!" ދީމާ އިންކާރުކުރިއެވެ. "ފުލުހުން ތިބެނީ ހޯމްމިނިސްޓްރީ ދަށުގަ. އެ ތަނަށް ލިޔޭ! އަންހެނަކަށް އެކަންޏެއް ނޫނެއްނު ޖިންސީ ފުރައްސާރަ ކުރެވޭނީ. އަންހެނަކު ފިރިހެނަކަށް ވެސް ޖިންސީ ފުރައްސާރަ ކޮށްފަ ތި އޮތީ. ޖެންޑާ މިނިސްޓްރީއަށް ވެސް ލިޔޭ! އަދި ހުންނާނެ ރައީސް އޮފީސް. ކަރުދާސް ހުސްނުވަންޏާ ސިޓީ ލާނެ ތަންތަން ހުންނާނެ. ހިނގާ ލިޔަމާ!"

މައްސަލައަށް ހައްލެއް ލިބޭތޯ ހޯމް މިނިސްޓަރީއަށާއި، ޖެންޑާ މިނިސްޓަރީއަށާއި، ރައީސް އޮފީހަށް ވެސް ޒިޔާން ސިޓީލިއެވެ. އެންމެ ފުރަތަމަ ޖަވާބެއް ލިބުނީ ހޯމް މިނިސްޓަރީންނެވެ.

"ފުލުހުން މައްސަލަ ބަލާފަ އޮތީ ރަނގަޅަށް،" ހޯމް މިނިސްޓަރީން ބުންޏެވެ. "ނާއިންސާފުން ކޮށްފަ އޮތް އެއްވެސް ކަމެއް މިޔަކު ނެތް."

ދިފާއުގައި ޒިޔާނަށް ކިތަންމެ ވާހަކައެއް ދެއްކުނީހެވެ. އެ އަޑު ނާހާނެކަން ޒިޔާނަށް އެނގެއެވެ. އެހެން ތަންތަނުން ޖަވާބު ލިބެންދެން މަޑުނުކޮށް އެޗްއާރުސީއެމްއަށް ޒިޔާން ސިޓީލިޔެވެ. އިންސާނީ ހައްގަކަށް އަރައިގެންފައި ވާތީއެވެ. އެ ތަނުން ވަރަށް އަވަހަށް ޖަވާބުލިބުނެވެ.

"ތި ކަހަލަ މައްސަލަތަކެއް މި ތާކުން ނުބެލޭނެ." އެޗްއާރުސީއެމުން ބުންޏެވެ.

ތަހުގީގުކުރަމުންދިޔަ މައްސަލައަކަށް އެހެން މީހަކު ނުފޫޒު ފޯރުވައިފައި ވާތީ، އެންޓި ކޮރަޕްޝަނަށް ވެސް ޒިޔާން ސިޓީ ލިޔެވެ. އެ ތަނުން ވަރަށް އަވަހަށް ޖަވާބު ލިބުނެވެ.

"މި ތާކުން ތި މައްސަލައެއް ނުބެލޭނެ،" އޭސީސީން ބުންޏެވެ. "ތި މައްސަލަ ބެލޭނީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން."

އެއް ތާކުން ވެސް އެ މައްސަލައަކާ ހަވާލެއް ނުވިއެވެ. ޒިޔާން ގޮސް ހުއްޓެން ޖެހުނީ ފެށި ހިސާބުގައެވެ. އެއް ބަޔަކު ފުޓްބޯޅައެއްހެން މައްސަލައިގައި ފައިން ތެޅީއެވެ. އަނެއް ބަޔަކު މަސްހުނިގަނޑެއްހެން މައްސަލަ މޮޑުނީއެވެ. ހަގީގަތުގައި، ސިޔާސީ ނަރުދަމާގައި މައްސަލަ ތާށިވީއެވެ. ދަމިލައާއި، ގަންދާއި، ކިލާ އުނގުޅިފައިވާ މުވައްސަސާތަކުން ކުރިހާ ވެސް ކަމަކީ ރެކުމެވެ. އެހެން ބަޔެއްގެ ބޮލަށްކެނޑުމާއި، ޒިންމާ ނުނެގުމާއި، ތަތްދެންމުމެވެ. ސަބަބަކީ ރޯފިލައިފައި ނެތުމެވެ. ނުވަތަ ފުލުހުން ދެކެ ބިރުގަތުމެވެ. ޒިޔާން ދުލެއް ނުކުރެއެވެ. އެކުވެރި ވަކީލަކާ ވާހަކަދެއްކިއެވެ.

"ތީގަ ނެތް ކުރެވޭނެ މާ ބޮޑު ކަމެއް،" ވަކީލު ބުންޏެވެ. "ޒިޔާން ތިހިރީ ހުރިހާ އެއްޗެއް ކޮމެޓީއަށް ކިޔައިދީފަ. އަނެއްކޮޅުން ގާނޫނު ވެސް ވަރަށް ހަނިކޮށް މިއޮންނަނީ. ޒިޔާން ދިން ބަޔާންތަކުގަ އެހާ ޑީޓެއިލްކޮށް ނުލިޔުނު ނަމަ.."

ނުނިމޭ