ބުދަ ދުވަހާ ގުޅޭ
ފުލުހުން ކޯޓަށް ދީފައިވަނީ ޒިޔާން ލިޔުނު ބަޔާނެއް ނޫނެވެ. ތަންތަންކޮޅު ބަދަލުކޮށްފައިވާ ބަޔާނެކެވެ. އެކަމަކު އެ ކަމުގައި ފުލުހުން ކުށްވެރިކުރެވޭނެބާއޭ ޒިޔާން ހިތަށްއެރިއެވެ. އަކުރުން އަކުރަށް ބަޔާން ނުކިޔާ ޒިޔާން ސޮއިކުރީ ކީއްވެގެން ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު ޒިޔާނަށް އެނގެއެވެ. ބަޔާނުގައި ސޮއިކުރުމުގެ ކުރިން ޒިޔާންގެ ބޮލަށް އެ މީހުން އެރުނީއެވެ. މައްސަލަ ނިމުނީކަމުގެ ޔަގީންކަން ޒިޔާނަށް ދީ، ކުށްވެރިވަނީ މަނާރަތުކަން ޒިޔާނަށް ވިސްނައިދިނީއެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ޒިޔާންގެ އިތުބާރު ހޯދީއެވެ. އެންގަނޑު ގޮހޮރަށް ކާންދީފައި ބޭނީއެވެ.
"އަހަރެން ލިޔާ ބަޔާނެއްގަ އަހަރެން ނުކުރާ ކަމެއް ކުރިކަމަށް ލިޔާނެތަ އަޅެ؟" ހަމީދަށް ބަޔާން ދައްކަމުން ޒިޔާން އެހިއެވެ. "ބުއްދި ހަމަޖެހޭ އެކަކު ވެސް މިހެނެއް ބަޔާނެއް ނުލިޔާނެ ދޯ؟ "މަނާރަތު" ޖަހާފަ ހުރި ބައެއް ތަންތަން މިހިރީ "އަހަރެންނަށް" ބަދަލުކޮށްފަ!"
ހަމީދު ބަޔާން ކިޔަމުންދިޔަ އިރު ހަމީދުގެ ނިތްކުރިއަށް ރޫތައް އިތުރުވިއެވެ. އެއް ކަމެއް ހަމީދަށް ކަށަވަރެވެ. ބަޔާނާ ކުޅުނީ ކުޅެން ދަންނަ ބައެކެވެ. ގާނޫނު ރަނގަޅަށް އެނގޭ މީހެކެވެ. އެ ކަން ކޮށްފައި ވަނީ މޮޅަށެވެ.
"ޒިޔާނަށް އެނގޭނެ ގުޑް ކޮޕް ބޭޑް ކޮޕް،" ބަޔާން ކިޔައި ނިންމައިލައިފައި ހަމީދު ބުންޏެވެ. "އިތުރަށް އަހަރެން ދެން ކީކޭ ބުނާނީ؟ މަނާރަތު ކުރި ބައެއް ކަންކަން އެހެރީ ޒިޔާން ކުރި ކަންކަމަށް ބަދަލުވެފަ. ކުޑަކުޑަ ތަންކޮޅެއް ބަދަލުކޮށްލައިގެން މުޅި ޖުމުލައިގެ މާނަ ތިހިރީ ބަދަލުކޮށްލާފަ. އެއްޗެއްގަ ސޮއިކުރަން ގެނެއްސިއްޔާ، އޭތި ހަތްދިހަ ފަހަރު ގެނަޔަސް، ހަތްދިހަ ފަހަރު ޖެހޭނެ ކިޔަން. ކޮޅުންކޮޅަށް، އަކުރުން އަކުރަށް."
މަނާރަތުގެ ބަޔާނުގައި ވެސް ހުރީ ފުވައްމުލަކާއި، ހުޅުމާލެއާއި، މާލޭގައި ވެސް ޒިޔާން ބުލެކުމޭލު ކުރިކަމެވެ. ދެ މީހުންގެ ދެމެދުގައި ހިނގި ހުރިހާ ކަމެއް ޒިޔާން ކުރީ ބިރުދައްކައިގެން، ގަދަކަމުން ކަމުގައެވެ. އޭގެ ތެރޭގައި މަނާރަތާ ދިމާއަށް ވަޅި ދިއްކުރި ކަމާއި، ހޭނައްތައިލި ކަމާއި، ނޭވާ ހާސްކޮށްގެން މަރާލަން އުޅުނު ކަމަށް ވެސް އޮތެވެ. އެކަމަކު އެހެން ބުނުން ފިޔަވައި އެއްވެސް ހެއްކެއް ދެއްކިފައެއް ނެތެވެ. އެ ކަންކަން ހިނގި ދުވަސްވަރު މަނާރަތު އެ ވާހަކަ ރިޕޯޓު ނުކޮށްފައި، ފަހުން ރިޕޯޓުކުރި ސަބަބެއް ވެސް ނެތެވެ. ޒިޔާންގެ ނަންބަރުން އައި ކަމަށް ބުނި އޮރިޔާން ފޮޓޯތައް ދެއްކި ކަމަކަށް ވެސް ނެތެވެ. ދެ އަންހެން މުވައްޒަފުން ހައްލަން ޒިޔާން މަސައްކަތްކުރި ކަމާއި، ޒިޔާން ދެއްކި ވާހަކަތަކާއި، ބާރުގެ ބޭނުން ކުރި ވާހަކަ ވެސް އޭގައި އޮތެވެ. އެހެން ބުނުން ފިޔަވައި އެއްވެސް ހެއްކެއް ނެތެވެ.
އަންހެން ދެ މުވައްޒަފުންގެ ބަޔާނުގައި ވެސް އޮތީ ދާދި އެއްކަހަލަ ވާހަކަތަކެކެވެ. ހީވަނީ އެކަކުގެ ބަޔާން ބަލައިގެން އަނެކަކު ލިޔެފައިވާހެންނެވެ. ނުވަތަ ދެ ބަޔާން ލިޔުނީ އެކަކުހެން ވެސް ޒިޔާނަށް ހީވިއެވެ. އޭގައިވާ ގޮތުން، އެ މީހުން ގޮވައިގެން ޒިޔާން ސައިކަލު ދުއްވަން ގޮސް އެ މީހުން ހައްލަން ޒިޔާން މަސައްކަތް ކުރިއެވެ. ބާރަށް ސައިކަލު ދުއްވިކަމާއި، ކުއްލިކުއްލިއަށް ސައިކަލު ބުރަކިޖެއްސިކަމަށް ވެސް އޮތެވެ. އެ މީހުންގެ ރުހުމާ ނުލައި ހުޅުމާލެއަށް ގެންދިޔަ ކަމާއި، އަނދިރި ތަންތަނަށް ގެންދަން މަސައްކަތްކުރި ކަމަށް ވެސް ތުހުމަތުކޮށްފައި ވެއެވެ. އަދި އެއިން އެކަކު ކަރު ބޮޑު ހެދުމެއް ލައިގެން އޮފީހަށް އައުމުން އޭނަގެ ހެދުން ބަދަލުކުރަން ގެއަށް ފޮނުވައިގެން މަގާމުގެ ނުފޫޒު ޒިޔާން ބޭނުންކުރި ކަމަށާއި، އެއީ ޖިންސީ ފުރައްސާރަކަމަށް ވެސް އޮތެވެ. އެންމެ ބޮޑު ތުހުމަތަކީ އެ މުވައްޒަފުންގެ ފޯނަށް ޒިޔާން އޮރިޔާން ފޮޓޯ ފޮނުވި ވާހަކައެވެ.
"އިރާދަކުރެއްވިއްޔާ އަހަރުމެންނަށް ކާމިޔާބުވާނެ،" ވަރަށް ޔަގީންކަމާ އެކުގައި ހަމީދު ބުންޏެވެ. "އެކަމަކު ކާމިޔާބުވާނީ ކޮން ދުވަހަކުން ކަމެއް ނޭނގެ ބުނާކަށް."
ޒިޔާނަށް ގެއަށް އާދެވުނީ ރޭގަނޑު ބާރަޖަހަން އުޅެނިކޮށެވެ. އޭރު ދީމާއާއި ދެ ދަރިން ތިބީ ނިދައިފައެވެ. އެ މީހުންގެ މޫނަށް ބަލަހައްޓައިގެން ޒިޔާން ހުއްޓެވެ. ހިތަށްއެރިއެވެ. ހަރުދަނާ ދިރިއުޅުމެއް ފެށިފައި ވަނިކޮށް ޒިޔާނަށް ދަތުރުކުރެވުނީ ކޮން ފަދަ ނުބައި މިސްރާބަކަށް ހެއްޔެވެ؟ ޒިޔާން އެ ކަން ކުރި ބޭނުމަކީ ކޮބައި ހެއްޔެވެ؟ މަނާރަތަކީ ރީތި އަންހެނެއްކަމަށް ޒިޔާން ގަބޫލުކުރެއެވެ. އެކަމަކު މަނާރަތަކީ ޒިޔާން ހީކުރި ކަހަލަ އަންހެނެއް ނޫނެވެ. މަނާރަތުގެ ހަޔާތުގައި އެތައް ޒިޔާނެއް އުޅުނެވެ. ތަނުގެ ނުފޫޒު ގަދަ، ޒިޔާނަށް ވުރެ މަތީ މަގާމުތަކުގައި އުޅޭ މީހުންނެވެ.
ވިސްނުމުގެ ފުން ކަނޑެއް ތެރެއަށް ޒިޔާން ގެނބެމުންދިޔައެވެ. ހިތަށްއެރިއެވެ. ޒިޔާނާއި މަނާރަތަކީ ވެސް ދެ މުވައްޒަފުންނެވެ. ތަފާތަކީ ދެ މީހުން ގައުމަށް ދިން ހިދުމަތެވެ. އެކަކު ވިއްކީ ހުނަރެވެ. އަނެކަކު ވިއްކީ ހަށިގަނޑެވެ. މަނާރަތު ގެންގުޅޭ ފައިސާއަކީ އާއިލާ ތެރެއިން އަންނަ އެއްޗެއް ނޫނެވެ. މަނާރަތަށް އާލާތްތަކާއި ފައިސާ އަންނަނީ ފުލުހުންގެ ތެރެއިންނެވެ. މަނާރަތު ކަމަންދު އަޅުވަނީ، ޔުނީފޯމުގެ ކޮނޑާއި މޭމަތި ތަނަވަސް އޮފިސަރުންގެ ކަރުގައި އެކަންޏެވެ. ބަދަލުގައި މަނާރަތަށް އަގު ލިބިފައި އިނާމާއި ހަދިޔާ ވެސް ލިބެނީއެވެ. އެއީ އެންމެ އަންހެނެއްގެ ގޮތްކުޑަކަން އެކަންޏެއް ނޫނެވެ. އެތައް ފިރިހެނުންނެއްގެ ގޮތެއް ނެތްކަން ވެސް މެއެވެ.
ފުލުސްއޮފީހުގެ އޮނިގަނޑު އޮންނަ ގޮތުން މަގާމުގެ ކުރިއެރުން ލިބެނީ، ވަކި ތަރުތީބަކުން ހަރުފަތްތަކެއް ގިރާކޮށްގެންނެވެ. އެނަލިސްޓަކަށް ހުންނަ މީހަކު، މާސްޓާސް ހެދިޔަސް ދެން ބަދަލުވާނީ ސީނިޔަރ އެނަލިސްޓަކަށެވެ. އެއަށް ފަހު ޗީފް އެނަލިސްޓަކަށެވެ. އެއް މަގާމުން އަނެއް މަގާމަށް ދިޔުމާ ދެމެދު ވަކި މުއްދަތެއް ވަންދެން ޢަމަލީ ގޮތުން މަސައްކަތުގައި ދެމިހުންނަން ޖެހެއެވެ. ހަމަ އެހެންމެ، އެނަލިސްޓަކަށް ވުމުގެ ކުރިން ޖޫނިއަރ އެނަލިސްޓެއްގެ މަގާމުގައި ވެސް ވަކި މުއްދަތެއް ވަންދެން ހުންނަން ޖެހެއެވެ. އެކަމަކު މަނާރަތަށް ފުރަތަމަ ވެސް އެނަލިސްޓެއްގެ މަގާމު ލިބުނީ ކީއްވެގެން ހެއްޔެވެ؟ ދެން ފުންމައިގެން އެރީ ޗީފް އެނަލިސްޓެއްގެ މަގާމަށެވެ. ޝަރުތާއި އުސޫލު އޮތީ އޮންނާނެ ތާކުއެވެ. ހަތަރުވަނަ އަހަރު މަނާރަތަކީ ޔުނިޓުގެ ވެރިޔާއެވެ. އެ ހިސާބަށް މަނާރަތު ދިޔައީ ކުރިން އެ މަގާމުގައި ހުރި މީހާގެ ބޮލަށް ފައިންއަރައިފައެވެ. މާސްޓާސް ހަދައިގެން ތަނަށް ވަން ފަސް މީހުން ތަނުން ނުކުންނަން ޖެހުނެވެ. އެކިއެކި ތުހުމަތު އެ މީހުންގެ ބޮލުގައި އަޅުވައިގެން އެ މީހުންގެ މަގާމު ގެއްލުވައިލީ މަނާރަތެވެ. އެއީ ފަހުން ޒިޔާނަށް ލިބުނު މައުލޫމާތުތަކެކެވެ.
ފުލުހުންގެ ފޮރެންޒިކު ޔުނިޓަކީ ކުރު މުއްދަތެއް ތެރޭގައި އެންމެ ގިނަ މުވައްޒަފުން ކަނޑައިލި ޔުނިޓެވެ. އޭގެ ފަހަތުގައި ހުރީ ހަމަ އެންމެ މީހަކު ކަމެއް ތަނުގެ އެންމެ އިސް ވެރިންނަކަށް އަދި ކަނޑައިލި މުވައްޒަފުންނަކަށް ވެސް ނޭނގެއެވެ. ކިނބުލުގެ ރުހުން ނުލިބި ކޯރެއްގައި ނޫޅެވޭ އުސޫލުން މަނާރަތަށް ސަނާ ނުކިއި ކޮންމެ މީހަކު ޖެހެނީ ދެ އަތް ފޮޅައިލައިފައި ތަނުން ނުކުމެގެން ދާށެވެ. ޒިޔާނަށް ވެސް ޖެހުނީ އެ ދަތުރެވެ. އަހުސަން ބުނެދޭން އުޅުނު ވާހަކައަކީ ވެސް އެއީއެވެ.
މަނާރަތު ސިކާރަކުރަން ބޭނުންވާ މީހުންގެ ލިސްޓުގައި ޒިޔާން ހިމެނުނީ މަނާރަތުގެ އިންފާރުން އެތެރެއަށް ޒިޔާން ވަދެދާނެހެން މަނާރަތަށް ހީވީމައެވެ. މަނާރަތުގެ ހަމަ އެކަނި ބޭނުމަކީ މަނާރަތާ އެއް ހަމަޔަކަށް ޒިޔާން އެރިޔަ ނުދިނުމެވެ. ޒިޔާން ރަނގަޅަށް މަޅީގައި ހައްޔަރުކޮށްފައި ބެހެއްޓުމެވެ. މަނާރަތުގެ މުށުތެރޭގައި ޒިޔާންގެ ހިތް ފިއްތާލުމެވެ. އެހެނަސް މުށުތެރެއިން ޒިޔާނަށް ދެމިގަނެވުމުން ޒިޔާންގެ ފިޔަތައް ކޮށައިލީއެވެ. ދެ ފައި ވެސް ބިންދާލަން މަނާރަތަށް ކުރެވުނު ހުރިހައި ކަމެއް ކުރިއެވެ. އެ ކަން ކާމިޔާބު ނުވީއެވެ. ޒިޔާންގެ ނަޒަރުގައި ޒިޔާނާ އިންނަން މަނާރަތު ބޭނުންނުވީ އޭރުން ޒިޔާނަށް ނުފޫޒު ފޯރުވުމުގެ ދޮރު މަނާރަތަށް ބަންދުވާނެތީއެވެ. މަނާރަތުގެ މިނިވަންކަން ގެއްލޭނެތީއެވެ. އެކިއެކި ދިމާއިން އަންނަ އަގުހުރި ހަދިޔާތައް ހުއްޓޭނެތީއެވެ. މަނާރަތަކީ ފިރިހެނުންނަށް އަމުރުކުރާ ހިތްވާ އަންހެނެކެވެ. ޒިޔާން ދެކޭ ގޮތުގައި މަނާރަތަށް ދިރިއުޅުމެއް ނުފެށުނީ އެހެންވެއެވެ. މީހަކާ އިނދެގެން ނޫޅެވުނީ ވެސް އެހެންވެއެވެ.
އިންސާފުގެ ހަނގުރާމަ އޮތީ ކުރިޔަށެވެ. ހަށީގައި ނޭވާ ހިނގާހާ ހިނދަކު، ހިތުގައި ވިންދުޖަހާހާ ހިނދަކު ޒިޔާން މަސައްކަތް ކުރާނެއެވެ. އެންމެ ގަޔާވި ވަޒީފާ ގެއްލުނަސް، މަނާރަތު ކަހަލަ ހަރުފައެއްގެ ކިބައިން ސަލާމަތްވެވުނީތީ ޒިޔާން ޝުކުރުކުރިއެވެ. ކުރިޔަށް ވުރެ ރަނގަޅު ވަޒީފާއެއް ލިބުމުން، އެ ދިމާއިން ޒިޔާންގެ ޝަކުވާއެއް ނެތެވެ. ޒިޔާން ދެކެނީ އެއީ ރަނގަޅެއް ކަމަށެވެ. ކުރީގެ ވަޒީފާގައި ޒިޔާން ދެމިހުރި ނަމަ، މަނާރަތާ އޮތް ގުޅުން ދެމެހެއްޓި ނަމަ، އިތުރު އެތައް ފާފައެއް ޒިޔާނަށް ކުރެވުނީހެވެ. ވަޒީފާ ގެއްލިގެން ކިތަންމެ ހިތްދަތިކަމެއް ކުރިމަތިވި ނަމަވެސް އެއީ ވަގުތީ ހިތާމައެކެވެ. ޒިޔާން ދެކެނީ އެހެންނެވެ. ކުރިން ޒިޔާނަކީ އަޅުކަމާ ދުރު މީހެކެވެ. ހަޔާތުގައި ލިބުނު ހިތި ތަޖުރިބާއިން ސަލާމަތްވުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި އަޅުކަމާ ކައިރިވެވުނެވެ. އީމާންތެރިކަން ވަރުގަދަ ކުރެވުނެވެ. ފާފަތަކުން ދުރުވެވުނެވެ. ޒިޔާންގެ ނަޒަރުގައި އެއީ މާތް ރަސްކަލާނގެ ދެއްވި ނިއުމަތެކެވެ. އެއީ އިސްތިހާރާ ނަމާދުގެ ބާރެވެ.
ޒިޔާނަށް ހަމަ އެކަނި މައްސަލައަކީ ގެއްލުނު އަބުރެވެ. މަގު ކިތަންމެ ދިގަސް، ވަޅުތައް ކިތަންމެ ފުނަސް، އެ ކަމުގައި ޒިޔާން ދުލެއް ނުދޭނެއެވެ. މަންޒިލާ ހަމައަށް ވާސިލު ވަންދެން މަސައްކަތްކުރަން ޒިޔާން ހުރީ އަޒުމުކަނޑައަޅައިގެންނެވެ. އެއްވެސް ކަމަކީ ދާއިމީ ކަމެއް ނޫނެވެ. އެއްވެސް އެއްޗަކީ ދާއިމީ އެއްޗެއް ނޫނެވެ. ދުނިޔެއަކީ ވެސް ދާއިމީ ތަނެއް ނޫނެވެ. ކޮންމެވެސް ދުވަހަކުން މަނާރަތުގެ ތަރި ޖެހޭނީ އޮއްސޭށެވެ. މަނާރަތު ޖެހި ބެރަށް ނެށި ފުލުސް އޮފިސަރުން ވެސް ކޮންމެވެސް ދުވަހަކުން ވަރުބަލިވެގެން ޖެހޭނީ ވެއްޓޭށެވެ. ދިވެހިރާއްޖޭގެ ގާނޫނަށް ކޮޅުފައިން އެރިޔަސް ގުދުރަތީ ގާނޫނު އަބަދަށް ދެމިއޮންނާނެއެވެ. ކުށްވެރިންނަށް އަދަބުލިބޭނެއެވެ. އެ ދުވަހަކަށް ޓަކައި ޒިޔާން އިންތިޒާރުކުރާނެއެވެ. އެ ދުވަހަކުން ޒިޔާނަށް އިންސާފު ވެސް ލިބޭނެއެވެ. ހަމަނޭވާ ވެސް ލެވޭނެއެވެ. ކާމިޔާބު ވެސް ވާނެއެވެ. މިއީ ހަގީގަތެކެވެ.
ނިމުނީ