އާދިއްތަ ދުވަހާ ގުޅޭ
"ޒިޔާން ދިން ބަޔާންތަކުގަ އެހާ ޑީޓެއިލްކޮށް ނުލިޔުނު ނަމަ.." ވަކީލު ބުންޏެވެ. "އެއީ މީހުން ކުރާ ކަހަލަ ކަންތަކެއް ނޫނެއްނު!"
ވަކީލު އެ ބުނި އެއްޗެއް ޒިޔާނަށް ވިސްނުނެވެ. ބަޔާނެއް ދޭން ވާނީ ދޭ މީހާ ވީހާ ވެސް ނުބެދޭނެ ގޮތަކަށް ބަލައިގެންނެވެ. އެހެނަސް ބަޔާން ދިން އިރު ޒިޔާން ހަނދާން ހުރީ ފުލުހުންގެ ހުވައެވެ. ތެދުބުނުމެވެ. ވަފާތެރިވުމެވެ. ޒިޔާންގެ ތަމުރީނާއި އުސޫލުތަކުން ޒިޔާން ބައްޓަންވެފައި ވަނީ، ކޮންމެ ފަދަ ހާލެއްގައި ވެސް ތެދު ހާމަކުރަން ބިރުނުގަތުމަށެވެ.
"ކިއި ހުރިހާ އެއްޗެއް އަހަރެން ކިޔަދިނީ ހަގީގަތަށް. ކަން ހިނގި ގޮތަށް. އަހަރެން ފޮރުވަންޖެހޭ ސިއްރެއް ނެތް،" ތެދު ބުނެވުނީތީ ފަހުރުވެރިވާ ކަހަލަ ރާގެއްގައި ޒިޔާން ބުންޏެވެ. "ދެން އެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް. ސުވާލަކީ ދެން ކުރެވެން އޮތީ ކޮން ކަމެއްހޭ؟ ކޮމެޓީން މައްސަލަ ނިންމާފަ އޮތީ އަހަރެންގެ ހައްގު ގެއްލޭ ގޮތަށް. އަހަރެން ހުށައެޅި ހެކިތަކަށް ރިއާޔަށް ނުވެސް ކުރޭ! އެ ކަން ބެލެން ޖެހޭނެއްނު! ހިތުހުރި ގޮތަކަށް ތަހުގީގު ކުރުމުގެ ސަގާފަތް އެބަ ޖެހެއެއްނު ހުއްޓުވަން. އަންހެނެއްގެ ހައްގަކަށް ފިރިހެނަކު އަރައިގަތީމަ މުޅި ގައުމު ކެކިގަންނަ އިރު އަންހެނަކު ފިރިހެނެއްގެ އަބުރު ވެއްޔާ މޮޑެލާ، ބަދުނާމުކޮށް، ޖިންސީ ގޮތުން ދޮގު ތުހުމަތުތަކެއް ބޮލުގަ އެޅުވިޔަސް އެއީ ޖިންސީ ފުރައްސާރައަކަށް ވެސް ނުވޭ! އަހަރެންގެ މި ތިބީ ދެ ފިރިހެން ކުދިން. މާދަމާ އެ ކުދިން ބޮޑުވެގެން ދިމާވާ އަންހެނަކު ހަމަ އެ ކުދިންނަށް ވެސް މިހެން ހަދާލަންވީ؟ މިއަދު އަހަރެން މި ކަން ނުހުއްޓުވައިފިއްޔާ ދެން ކާކު ހުއްޓުވާނީ؟ ކޮންމެ މީހަކު ވެސް ކިޔާނެ ގައުމު ރަނގަޅުކުރާށޭ! އިންސާފު ހޯދައިދޭށޭ! އެކަމަކު ކަމެއް ދިމާވެގެން އައިމަ އެކަކު ވެސް ނޫޅޭ އެހީވާކަށް."
އެހީވާން ބޭނުންވާކަން ވަކީލުގެ މޫނުމަތިން ފާޅުވެއެވެ. ޒިޔާނަށް ޓަކައި އޭނަ ހަމްދަރުދީވާކަން ވެސް ޒިޔާނަށް އެނގެއެވެ. އެހެނަސް އެ ވަރަކުން ޒިޔާނަކަށް ނުފުދެއެވެ.
"ތި ކަމުގައި ފުލުހުން ނުބައިހެދީ. އެއީ ގައިމު ވެސް ބެލެން ޖެހޭނެ މައްސަލައެއް،" ވަކީލު ލަފާދިނެވެ. "އެންއައިސީއަށް ވަރަށް ޑީޓެއިލްކޮށް ލިޔަމާ ހިނގާ!"
ވަކީލުގެ ލަފަޔާ އެކުގައި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ޒިޔާން ސިޓީ ލިޔެވެ. ޒިޔާނަށް އެނގުނު ގޮތުގައި އެ ތަނުން އެ ފަދަ ކޮންމެ މައްސަލައެއް ވެސް ބަލައިދޭން ޖެހޭނެއެވެ. ހަރުކަށި ފިޔަވަޅު ވެސް އަޅާނެއެވެ.
"ތި މައްސަލައެއް ނުބެލޭނެ!" އެ ތަނުން ލިބުނީ ހަމަ އެއް ޖަވާބެކެވެ.
"ކީއްވެގެންތޯ ނުބެލެންވީ؟" ޒިޔާން އެހިއެވެ. "ބެލުން ހަރާމީ ތޯ؟"
"ތީ ވަޒީފާ ގެއްލުމުގެ މައްސަލައެއް!" އެ ތަނުން ބުންޏެވެ. "ވަޒީފާޔާ ބެހޭ މައްސަލަތައް ބަލާނީ ޓްރެބިޔުނަލުން."
"އެ ތަނުން ވެސް ބުނަނީ އެ މީހުންނަކަށް މި މައްސަލައެއް ނުބެލޭނޭ! މީ ފުލުހުންގެ އިންޓަގްރިޓީއާ ބެހޭ މައްސަލައެކޭ،" ރުޅި ކޮންޓުރޯލުކުރަމުން ޒިޔާން ބުންޏެވެ. "ނެތެއްނޫންތޯ ސަލާމަތެއް. ދެން ކޮން ތާކަށް ތޯ އަޅުގަނޑު ދާންވީ؟ ބުނިއްޔާ ބުނިހާ ތާކަށް ސިޓީ ލެވިއްޖެ! ފުލުހުންގެ ކޮމެޓީއަކުން ނޫންތޯ ސާބިތު ނުވާ މައްސަލައެއް ސާބިތުވި ކަމަށް ނިންމާ، އަޅުގަނޑު ދެއްކި އެއްވެސް ހެއްކެތް ގަބޫލުނުކުރީ. އަޅުގަނޑުގެ ބަޔާން ބަދަލުކޮށް، އަޅުގަނޑު ބަދުނާމުކޮށް، ނުވާ ތާކަށް ނޯޓިސްބޯޑުގަ އޮޅޭ ގޮތަށް ލިޔުން ތަތްކުރީ ވެސް ފުލުސްއޮފީހުން ނޫންތޯ! އެ މައްސަލަ ބެލެންޖެހޭނެ ނޫންތޯ! ނުބެލެންޏާ ނުބެލޭނެކަން ލިޔުމަކުން ދެއްވާ! އެހެން ނޫނީ އަޅުގަނޑު މި ތަނުން ގަދަކަމުން ނެރޭ!"
ޒިޔާނަށް ޖަވާބުދިން މީހާއަކީ އޭނަގެ އަމިއްލަ ސިކުނޑި މަސައްކަތްކުރާ މީހެއް ނޫނެވެ. އޭނައަކީ ރިކޯޑުކޮށްފައިވާ މެސެޖުތަކެއް އިއްވަން ބަހައްޓައިފައި ހުރި މެސިނެކެވެ. ދަސްކޮށްދީފައިވާ ޖަވާބުތައް ހުސްވުމުން ދެން އަންނަނީ ފުޅިމަދު އުނގުރި ޖަވާބެވެ. "އޯކޭ! އެހެންވީމަ މި ކޮޅުން ބަލާނަން." އެ ތަނުން ބުންޏެވެ.
އެއީ ޖަވާބެއްކަމަކަށް ޒިޔާން ގަބޫލެއް ނުކުރެއެވެ. އެހެނަސް، ހުރި ފިޔަވަޅު މަތީގައި ހުރުން ފިޔަަވައި ޒިޔާނަކަށް ކުރޭވޭނެ އެހެން ކަމެއް ނެތެވެ.
"ތީ ކޮން ކަހަލަ ޖަވާބެއް ތޯ؟" ޒިޔާން ސުވާލުކުރިއެވެ.
"މައްސަލަ މި ބަލައިގަތީ ނޫންތޯ!" އޭނަ ޖަވާބުދިނެވެ. "އަޅުގަނޑު ކިހިނެއްތޯ މި ތަނުން މި ތަނަށް މައްސަލަ ނިންމާނީ؟"
އެއްވެސް އެއްޗެއް ނުބުނެ ޒިޔާން އެ ތަނުން ނުކުތެވެ. އެތެރެއެތެރެއިން ޒިޔާނަށް އެނގުނު ގޮތުގައި މައްސަލަ އެއްފަރާތް ކޮށްފައި ބޭއްވީއެވެ. އެކަކު ވެސް އެ ކަމަކާ ނޫޅެއެވެ. ޒިޔާނަށް މަލާމާތްކުރިކަން ވެސް ޒިޔާނަށް އެނގުނެވެ. އިންސާފު ނުލިބިގެން ޒިޔާން ޝަކުވާކުރި ތަނަށް އަނެއްކާ އިންސާފު ހޯދަން އަންނަން ޒިޔާނަށް މަޖުބޫރުވީމައެވެ. އެއްވެސް ތާކުން ޒިޔާނަށް މަގެއް ނުފެނުނީމައެވެ. ރުޅިއަޔަސް، ފޫހިވިޔަސް އެއް ހަގީގަތް ޒިޔާން ޖެހުނީ ގަބޫލުކުރާށެވެ. މަނާރަތަކީ ފިސާރި އަންހެނެކެވެ.
ޒިޔާން ސިޓީލި ހަފުތާ ނިމުނެވެ. އަތްއުރައިލައިގެނެއް ޒިޔާން ނީނދެއެވެ. އެތައްމިތަނަށް ގުޅިއެވެ. ކުރިއެރުމެއް ނުލިބުނެވެ. ޖެންޑާ މިނިސްޓަރީން ވެސް ފަތުއަޑު ކިޔައިފައި މައްސަލަ ބަލަނީއެވެ. ކޮންމެ ފަހަރަކު ވެސް ލިބެނީ އެ ޖަވާބެވެ. މަސް ނިމުނެވެ. އަހަރު ނިމުނު އިރު ވެސް މައްސަލަ ބަލައެއް ނުނިމުނެވެ. ހުއްޓައި ނުލައި ޒިޔާން މަސައްކަތްކުރިއެވެ.
ދުވަހެއްގެ ހެނދުނުގެ ވަގުތެވެ. ފޯނުގެ ނަންބަރުތަކަށް ޒިޔާން ފިތަމުންގެންދިޔައެވެ. އެއީ ޖެންޑާ މިނިސްޓަރީއަށް ޒިޔާން ގުޅި ތިރީސް ފަސް ވަނަ ފަހަރެވެ. ގުޅި ދުވަސްތަކާއި، ގަޑިތަކާއި، ދިން ޖަވާބުތައް ޒިޔާން ލިޔެގެން ބެލެހެއްޓިއެވެ.
"އަނެއްކާ ވެސް އަޅުގަނޑު ޒިޔާން!" ވަރުބަލިކަމެއް ނެތި ޒިޔާން ބުންޏެވެ. "އަހަރެއްހާ ދުވަސް ކުރިން އަޅުގަނޑު ލީ ސިޓީގެ ޖަވާބު ކޮބައިތޯ؟ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ވެސް ގުޅިން."
އާދައިގެމަތިން ޒިޔާން އެތައް ކަމެއް އޮޅުންފިލުވައިދޭން ޖެހުނެވެ. ކޮން މައްސަލައެއް ކަމެވެ. ހުށައެޅި ތާރީހެވެ. ކައިވެނި މަޖިލީހުގައި ހުތުބާ ކިޔައިދޭހެން ޒިޔާން އެއް ނޭވައިން ހުރިހައި އެއްޗެއް ކިޔައި ނިންމައިލިއެވެ. ޖަވާބުދިން މީހާ އުޅުނީ ފަހުން ގުޅަން ފޯނު ބާއްވާށެވެ. ޒިޔާން ކުރު ނުކުރީއެވެ. ޒިޔާންގެ ފޯނުކޯލު އެކި މީހުންނާ ހަވާލުކުރަމުން ގޮސް ތަންކޮޅެއް ރުންކުރު މީހަކު ފޯނާ ހަވާލުވިއެވެ. ނަމަކަށް ބުނީ އަސީލެވެ.
"ވަރަށް ގިނަ މައްސަލަތައް މި ކޮޅުގަ ހުރީމަ އެ ސިޓީ އަދި ބާއްވާލާފަ އޮތީ! އިންވެސްޓިގޭޓެއް ނުކުރޭ!" އަސީލު ބުންޏެވެ. "އެކަމަކު ވަރަށް އަވަހަށް އެ މަސައްކަތް ފަށާނަން."
ވަގުތުން ޒިޔާންގެ ހިތްވަރުއެލުނެވެ. މައްސަލަ ބަލަމުންދާ ކަމަަށް އެތައް މަހެއް ވަންދެން ޖަވާބުދިނުމަށް ފަހު ދިމާ އިދިކޮޅު ޖަވާބެއް ދިނުމުންނެވެ.
"ތީ ކިހާ ބޮޑު އިހުމާލެއް،" ރުޅިއައިސްފައި ޒިޔާން ބުންޏެވެ. "މީގެ ކުރިން ކޮންމެ ފަހަރަކު ވެސް ގުޅާ އިރަށް ބުނޭ ތަހުގީގު ކުރަނީއޭ ތަހުގީގު ކުރަނީއޭ! ބުނި ތި ކޮޅުން ގުޅާނަމޭ ގުޅާނަމޭ ވެސް. ދުވަހަކު ގުޅީކީ ނޫން! ތި ކޮޅުން ޖަވާބުދިން މުވައްޒަފުންގެ ނަންތަކާ، ވަގުތާ ވެސް ނޯޓުކޮށްފަ ހުންނާނީ. މިހާރު ތި ބުނަނީ އެ މައްސަލަ ބާއްވާފައޭ އޮތީ! މި މައްސަލާގެ ޖެންޑާ ޑިސްކްރިމިނޭޝަން ވެސް އެބަ ހިމެނޭ. އެހެންވީމަ ތި ކޮޅުން ޖެހޭނެ ނޫންތޯ މި މައްސަލަ ބަލައިދޭން. އަޅުގަނޑަކީ ވެސް ދިވެހި ރައްޔިތެކޭ!"
"މި މައްސަލަ ހަމަ އެކަނި ތަހުގީގު ކުރެވޭނީ ވަޒީފާޔާ ބެހޭ ޓްރެބިޔުނަލުން." އެ ތަނުން ބުންޏެވެ.
"ދެން މިޔޮއް ހުރިހާ ދުވަހަކު ތަހުގީގުކުރަނީޔޭ ކީއްވެގެންތޯ ބުނީ؟" ޒިޔާންގެ އަޑު ހައްތަހާ ގަދަވިއެވެ. "ވަޒީފާޔާ ބެހޭ ޓްރެބިޔުނަލުން ބުނީ އެ ތަނަކުން މި މައްސަލައެއް ނުބެލޭނޭ. މީ ޖިންސީ ފުރައްސާރައިގެ މައްސަލައެކޭ. ގައުމުގެ އޭޖީ އަކަށް ނޭނގޭބާ މައްސަލައެއް ބެލެނީ ކޮން ތަންތާކުން ކަމާ ނުބެލެނީ ކޮން ތަންތާކުން ކަމެއް؟ ކޮންމެ ތާކަށް ވެސް ހަމަ ގުޅާލާ އިރަށް އެ ބުނަނީ މި ތާކުން ނުބެލޭނޭ މި ތާކުން ނުބެލޭނޭ."
"އަޅުގަނޑަށް ދެވޭނީ ހަމަ ކުރިން ވެސް ދިން ޖަވާބު. ވަޒީފާ ބެހޭ ޓްރެބިޔުނަލުން މި މައްސަލަ ބެލޭނީ." އެ ތަނުން ބުންޏެވެ.
ދެން ހަދާނެ ގޮތެއް، ދާނެ ދިމާއެއް ޒިޔާނަކަށް ނޭނގުނެވެ. އަޒުމު ކިތަންމެ ވަރުގަދަ ވިޔަސް އިންސާނަކަށް ހިތްވަރުކުރެވޭނީ ވަކި ވަރަކަށެވެ. ޒިޔާން ހިތަށްއެރިއެވެ. ހައްގުގައި ހުރި މީހާއަށް މަގުތައް ބަންދުވެފައި ބާތިލުގައި ހުރި މީހާއަށް ހުރިހާ މަގެއް ހުޅުވެނީ ކީއްވެގެން ހެއްޔެވެ؟ އެ ދަނޑިވަޅުގައި ހަމީދުގެ ފޯނެއް ނައި ނަމަ ޒިޔާންގެ ހިތް މަރުވީހެވެ. ހަމީދަކީ، ޒިޔާން ވާހަކަދެއްކި ވަކީލުންގެ ތެރެއިން އޭރު ނުގުޅުނު ހަމަ އެކަނި ވަކީލެވެ. ދުރުތާ ތިމާގެ މީހެއް ވެސް މެއެވެ.
ހަމީދުގެ އެހީތެރިކަމުގައި ސިވިލް ކޯޓަށް މައްސަލަ ހުށައެޅިއެވެ. އެ ކޯޓުން މައްސަލަ ތަހުގީގު ކުރަން އަށެއްކަ މަސް ނެގިއެވެ. ހަތަރު ފަހަރު ޒިޔާން ކޯޓަށް ހާޒިރުކުރިއެވެ. އެއަށް ފަހު ހުކުން އިއްވިއެވެ.
"... ޒިޔާން ކުރި ކަންތައް ޒިޔާންގެ ބަޔާނުގައި ވަރަށް ތަފުސީލުކޮށް ކިޔައިދީފައި އެބަ ހުއްޓެވެ. އެ ބަޔާނުގައި ޒިޔާންގެ ސޮއި އެބަ އޮތެވެ. އެއީ ހެއްކަކަށް ފުދެއެވެ. އެއިން ޒިޔާން ކުރި ކުށް ސާބިތުވެއެވެ. ފުލުހުން މައްސަލަ ނިންމީ ރަނގަޅަށްކަމަށް ބަލައި ސިވިލް ކޯޓުން މައްސަލަ ނިންމަމެވެ." ކޯޓުން އިއްވި ހުކުމުގެ ހުލާސާއަކީ އެއީއެވެ.
ޒިޔާނަށް އެ ފަހަރު ވެސް ކާމިޔާބެއް ނުލިބުނެވެ. ގެއަށް އަންނަން ޖެހުނީ ކަރުއެލުވައިލައިގެންނެވެ. އެކަމަކު ކޯޓު މެދުވެރިކޮށް ޒިޔާނަށް ބަޔާންތައް ލިބުނެވެ. އޭގެ ތެރޭގައި ފޮރެންޒިކު ޑިޕާޓުމަންޓުގެ ވެރިމީހާ ދިން ބަޔާނާއި، މަނާރަތުގެ ބަޔާނާއި، އަންހެން މުވައްޒަފުން ދިން ބަޔާން ވެސް ހިމެނެއެވެ. ޒިޔާން ދުށް ގޮތުގައި އެއީ ވެސް ކާމިޔާބެކެވެ. ދިގު ދަތުރުގައި ކުރިޔަށް އެޅުނު ފިޔަވަޅެކެވެ. ޒިޔާން ވަރަށް ވިސްނައިގެން ހުރިހާ ބަޔާންތައް ކިޔައިލިއެވެ. ފުލުހުން ކޯޓަށް ދީފައިވަނީ ޒިޔާން ލިޔުނު ބަޔާނެއް ނޫނެވެ.
ނުނިމޭ