ވޮޝިންޓަން (ފެބްރުއަރީ 25) - ޖޯންސަން އެންޑް ޖޯންސަން އިން ކޮރޯނާވައިރަހަށް އުފެއްދި ވެކްސިންގެ އެއް ޑޯޒުން ވެސް ރައްކާތެރިކަން ލިބޭ ކަމަށް ޔޫއެސް ފުޑް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ބުނެފި އެވެ.

އެފްޑީއޭގެ އެ ދިރާސާގެ އަލީގައި އެމެރިކާގައި ހުއްދަ ދޭ ތިން ވަނަ ވެކްސިނަށް ޖޯންސަންގެ ވެކްސިން ވުމުގެ ފުރުސަތު ބޮޑެވެ. ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިންނަށް އެފްޑީއޭ އިން ހުއްދަ ދިނުމާ މެދު ތަޖްރިބާކާރުންގެ ކޮމިޓީއެއް މާދަމާ ބައްދަލު ކުރާނެ އެވެ. އެމެރިކާ އިން މިހާތަނަށް ވަނީ ފައިޒާ އާއި މޮޑާނާގެ ވެކްސިނަށް ހުއްދަދީފަ އެވެ. އެ ދެ ކުންފުނީގެ ވެކްސިނާ ޚިލާފަށް ޖޯންސަންގެ ވެކްސިން ރެފްރިޖަރޭޓަރުގެ ފިނީގައި ގެންގުޅެވެ އެވެ. ޖޯންސަންގެ ވެކްސިންގައި ދޭނީ އެއް ޑޯޒެވެ.

ޖޯންސަން އިން ހިންގާ ބެލްޖިއަމްގެ ޖެންސެން ކުންފުނިން ބުނެފައި ވަނީ ޖޯންސަންގެ ވެކްސިން ވައިރަސްއާ ދެކޮޅަށް ވަރަށް ބޮޑަށް ކާމިޔާބު ކަމަށެވެ. ޖެންސަން އިން އެފްޑީއޭ އަށް ހުށަހެޅި ޑޭޓާގެ އިތުރު ތަފްސީލްގައިވާ ގޮތުން ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިންގެ ސަބަބުން ބަލީގެ އަލާމަތްތައް ފެންނަ މީހުންނާއި ބަލި ހާލު ބޮޑު މީހުންގެ ހާލަތު ރަނގަޅުކޮށްދެ އެވެ.

އެމެރިކާ، ސައުތު އެފްރިކާ، އަދި ބްރެޒިލްގައި ކުރިއަށް ގެންދިޔަ ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން ޓްރަޔަލްތަކުގެ ނަތީޖާ ދައްކާ ގޮތުން ވައިރަހާ ދެކޮޅަށް ވެކްސިނުން ލިބިދޭ ރައްކާތެރިކަން ވަރަށް މައްޗަށެވެ. ނަމަވެސް ސައުތު އެފްރިކާ އަދި ބްރެޒިލް އިން ފެނުނު ވައިރަސްގެ ވޭރިއަންޓާ ދެކޮޅަށް ރައްކާތެރިކަން ލިބޭ މިންވަރު ދަށެެވެ.

ޑޭޓާ ދައްކާ ގޮތުން ބަލި ހާލަތު ވަރަށް ދަށަށް ދިއުމުން 85 ޕަސެންޓް ރައްކާތެރިކޮށްދެ އެވެ. އޯވަރޯލްކޮށް ވެކްސިންގެ ރައްކާތެރިކަމަކީ 66 ޕަސެންޓެވެ. އެއީ ވެކްސިން ޖަހާތާ 28 ދުވަސް ފަހުންނެވެ.

ވެކްސިން ޖެހި މީހުންގެ ތެރޭން 28 ދުވަސް ފަހުން އެއްވެސް މަރެއް އަދި ހޮސްޕިޓަލްގައި އެޑްމިޓްކުރުމެއް ވެސް ރިޕޯޓްކޮށްފައެއް ނުވެ އެވެ.

ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވީ ހުއްދަ ލިބުމާ އެކު ޖޯންސަން އެންޑް ޖޯންސަންގެ ތިން މިލިއަން ޑޯޒް ވެކްސިން އަންނަ ހަފުތާގައި އެކި ތަންތަނަށް ފޮނުވާނެ ކަމަށެވެ. ޖޯންސަން އިން ބުނީ އަންނަ މަހު ފަހުކޮޅާ ހަމައަށްދާއިރު 20 މިލިއަން ޑޯޒް ވެކްސިން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ޖޫން މަހުގެ ނިޔަލަށް 100 މިލިއަން ޑޯޒް ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވުންތައް ހަދައިފަ އެވެ.

ޖޯންސަންގެ ވެކްސިނަށް ލިބިފައިވާ އޯޑަރުތައް

* އިނގިރޭސި ވިލާތް - 30 މިލިއަން ޑޯޒް

* ޔޫރަޕިއަން ޔޫނިއަން - 200 މިލިއަން ޑޯޒް

* ކެނެޑާ - 38 މިލިއަން ޑޯޒް

* ކޮވެކްސްގެ ގައުމުތައް - 500 މިލިއަން ޑޯޒް