ވޮޝިންޓަން (ފެބްރުއަރީ 28) - އެއް ޑޯޒް ޖަހަންޖެހޭ ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިނަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ހުއްދަ ދީފި އެވެ.

މިއީ އެމެރިކާގައި ހުއްދަ ދިން ކޮރޯނާވައިރަހުގެ ތިން ވަނަ ވެކްސިނެވެ. ކުރިން ހުއްދަ ދީފައި ވަނީ ފައިޒާ އާއި މޮޑާނާގެ ވެކްސިނަށެވެ. ނަމަވެސް މިއީ އެ ކުންފުނީގެ ވެކްސިނަށް ވުރެ ގެންގުޅެން ފަސޭހަ، ޚަރަދު ކުޑަ ވެކްސިނެކެވެ.

ޖޯންސަންގެ ވެކްސިނުން ލިބިދޭ ރައްކާތެރިކަން 66 ޕަސެންޓަށް އަރާ ކަމަށް ޓްރަޔަލްތަކުން ދައްކާފައިވެ އެވެ. ޖޯންސަންގެ ވެކްސިން އުފައްދާފައި ވަނީ ބެލްޖިއަމްގެ ޖެންސަން ކުންފުނިންނެވެ.

ޖޫން މަސް ނިމުމުގެ ކުރިން އެމެރިކާ އަށް 100 މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭނެ ކަމަށް ޖޯންސަން އިން ވަނީ ބުނެފަ އެވެ. އަންނަ ހަފުތާ އިން ފެށިގެން ޖޯންސަންގެ ވެކްސިން އެމެރިކާގައި ދޭން ފަށާނެ އެވެ.

އިނގިރޭސި ވިލާތައި ޔޫރަޕިއަން ޔޫނިއަން އިން ވެސް ވަނީ ޖޯންސަންގެ ވެކްސިނަށް އޯޑަރު ދީފަ އެވެ. ކޮވެކްސް ޕްރޮގްރާމް މެދުވެރިކޮށް ވެސް 500 މިލިއަން ޑޯޒުގެ ވެކްސިން ދިނުމަށް ޖޯންސަން އިން ވަނީ ނިންމައިފަ އެވެ.

ޖޯންސަންގެ ވެކްސިނަށް ހުއްދަ ދިނުމާ އެކު ރައީސް ޖޯ ބައިޑަން ވިދާޅުވީ އެއީ އެމެރިކާގެ އެންމެހާ ރައްޔިތުންނަށް ވެސް އުފާވެރި ޚަބަރެއް ކަމަށެވެ.

"އުފާވެރި ޚަބަރެއްގެ އުފާވެރިކަން މިއަދު ފާހަގަކުރަމުންދާއިރު އެންމެން ވެސް އަތް ދޮވުމަށާއި ގައިދުރުކަން ބެހެއްޓުމާއި މާސް އެޅުމަށް އަޅުގަނޑު އިލްތިމާސްކުރަން،" ބައިޑަން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ބައިޑަން ވިދާޅުވީ އާ ވޭރިއަންޓްތައް އުޅޭ އިރު މިހާރު ހޯދިފައިވާ ކުރިއެރުންތައް ބަދަލުވެގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ޖޯންސަންގެ ވެކްސިނަށް ހުއްދަ ދިން އިރު ތަޖްރިބާކާރުންގެ ކޮމިޓީއަކުން ވަނީ އެ ވެކްސިން ބޭނުން ކުރަން ފެންނަ ކަމަށް ހުކުރު ދުވަހު ލަފާދީފަ އެވެ.

އެމެރިކާ، ސައުތު އެފްރިކާ އަދި ބްރެޒިލްގައި ކުރިއަށް ގެންދިޔަ ޓްރަޔަލްތަކުން ދައްކާފައިވާ ގޮތުގައި ނުރައްކާތެރި ހާލަތުން ސަލާމަތް ކުރުމުގައި ޖޯންސަންގެ ވެކްސިން 85 ޕަސެންޓް ކާމިޔާބު ކަމަށާއި މޮޑަރޭޓް ކޭސްތައް ހިމަނައިފި ނަމަ ވެކްސިންގެ ރައްކާތެރިކަން 66 ޕަސެންޓަށް އަރަ އެވެ. ޖޯންސަންގެ ވެކްސިން ދިންތާ 28 ދުވަސް ފަހުން އެއްވެސް މަރެއް އަދި ހޮސްޕިޓަލްގައި އެޑްމިޓް ކުރުމެއް ރިޕޯޓްކޮށްފައެއް ނުވެ އެވެ.

ޖޯންސަންގެ ވެކްސިނަށް ލިބިފައިވާ އޯޑަރުތައް

* އިނގިރޭސި ވިލާތް - 30 މިލިއަން ޑޯޒް

* ޔޫރަޕިއަން ޔޫނިއަން - 200 މިލިއަން ޑޯޒް

* ކެނެޑާ - 38 މިލިއަން ޑޯޒް

* ކޮވެކްސްގެ ގައުމުތައް - 500 މިލިއަން ޑޯޒް