ރާއްޖޭގެ ތިން ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ފްލެކްސިންކް ކުންފުންޏާ ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހަވާލުކޮށްފި އެވެ.
ފްލެކްސިންކް ކުންފުންޏާ ހަވާލުކުރީ ހއ. މޮޅަދު އާއި މ. ވޭވަށް އަދި ލ. މުންޑޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުތައް ދެ އަހަރު ތެރޭގައި ނިންމަން އެ ކުންފުންޏާ ހަވާލުކޮށްފައިވާ އިރު މި މަސައްކަތަށް ކަނޑައަޅާފައި ވަނީ 104،088.337.93 ރުފިޔާގެ ބަޖެޓެކެވެ.
މި ރަސްމިއްޔާތުގައި ނެޝަނަލް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މިއީ ސަރުކާރުގެ ޕީއެސްއައިޕީގެ ދަށުން 18 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމުގެ ތެރޭގައި ހިމެނޭ މަޝްރޫއެއް ކަމަށެވެ. މިދިޔަ ހަފްތާގައި އިތުރު 15 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް ވެސް މިނިސްޓްރީން ވަނީ ތިން ކުންފުންޏަކާ ހަވާލުކޮށްފަ އެވެ.
"ސަރުކާރުގެ އަމާޒަކީ މިހާރު ހިނގަމުން މިދާ ދައުރުގެ ފަސް އަހަރު ނިމުމުގެ ކުރިން ދިވެހި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކޮށް ނިންމުން، އަދި އެއާޕޯޓުތަކުގެ މަސައްކަތް ކޮށް ނިންމަން ވެސް އަަމާޒުހިފާފައި އަޅުގަނޑުމެން މި ތިބީ،" - މިނިސްޓަރު އަސްލަމް
ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދަން ހަވާލުކުރި މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި ފްލެކްސިންކްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ މެނޭޖިން ޑައިރެކްޓަރު ނަޖާހު ޝަރީފެވެ.
މި މަޝްރޫއުގެ ދަށުން ކުރަން ޖެހޭ މަސައްކަތުގެ ތެރޭގައި ސާވޭކުރުމާއި އެންވަޔަރަމެންޓް އިމްޕެކްޓް އެސަސްޓަންޓް (އީއައިއޭ) ހެދުމުގެ އިތުރުން ފެނާއި ނަރުދަމާގެ ނިޒާމް ފަރުމާކުރުމާއި ފެން ޑީސަލިނޭޓްކުރާނެ ޕްލާންޓެެއް ބެހެއްޓުން ހިމެނެ އެވެ. އަދި ގޭގެއަށް ފެނާއި ނަރުދަމާ ގުޅައިދިނުމުގެ އިތުރުން އިދާރީ އޮފީސް ވެސް ފްލެކްސިންކް އިން ހަދަން ޖެހޭނެ އެވެ.
މީގެ އިތުރުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އިތުރު 35 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ބަޔަކާ ހަވާލުކުރާނެ ކަމަށް ވެސް މިނިސްޓަރު މި ރަސްމިއްޔާތުގައި ވިދާޅުވި އެވެ. އެ މަސައްކަތަށް ހޮވިފައިވާ ކުންފުނިތަކަށް މިހާރު ވާނީ ސިޓީ ފޮނުވާފައި ކަމަށާއި މިހާރު ކުރަމުން އަންނަނީ އެއްބަސްވުން ތައްޔާރުކުރުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުގެ އަމާޒަކީ، މިހާރު ހިނގަމުން މިދާ ދައުރުގެ ފަސް އަހަރު ނިމުމުގެ ކުރިން ދިވެހި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކޮށް ނިންމުން، އަދި އެއާޕޯޓުތަކުގެ މަސައްކަތް ކޮށް ނިންމަން ވެސް އަަމާޒުހިފާފައި އަޅުގަނޑުމެން މި ތިބީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ އަހަރު ތަސްދީގު ކުރި "ފެނާއި ނަރުދަމާގެ ގާނޫނު"ގެ ދަށުން، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމް ގާއިމްކުރަން ޖެހެ އެވެ. މި ކަމަށް ކަނޑައަޅާފައިވާ މުއްދަތުގެ އެއް އަހަރުގެ ކުރިން މި މަސައްކަތް ނިމޭނެ ގޮތަށް ސަރުކާރުން ވަނީ ސްޓްރެޓީޖިކް ޕްލޭނެއް ވެސް މިދިޔަ ނޮވެމްބަރު މަހު އެކުލަވާލައިފަ އެވެ.