ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް މާލޭގައި އޮތް ކަން މިދިޔަ އެޕްރީލް 15 ގައި އެނގުނު ފަހުން މިހާތަނަށް އެންމެ ގިނަ ކޭސްތައް ފެނުނީ މިދިޔަ ހަފުތާގައި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ މިރޭ ވިދާޅުވެއްޖެ އެވެ.
ކޮވިޑުގެ ތިން ވަނަ ރާޅާ އެކު ރާއްޖޭގެ ހާލަތު އަދިވެސް ގޯސްވަމުންދާތީ ބަލި ކޮންޓްރޯލްކުރުމަށް ކުރިއަށް އޮތް ހަތް ދުވަހަށް އަނެއްކާވެސް ފިޔަވަޅުތައް ވަނީ އިތުރަށް ހަރުކަށިކޮށްފަ އެވެ. މިހާތަނަށް އަޅަމުން އަންނަ ފިޔަވަޅުތަކުން މާބޮޑު ނަތީޖާއެއް ނުފެނި މިއަދު ވެސް 167 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.
އެޗްއީއޯސީން ހަފުތާ ގުނަމުން އަންނަނީ ފުރަތަމަ ކޮމިއުނިޓީ ސްޕްރެޑް މާލެއިން ފެނުނު ދުވަހުން ފެށިގެން، ކޮންމެ އަންގާރަ ދުވަހަކުން ޖެހިގެން އަންނަ އަންގާރަ ދުވަހާ ހަމައަށެވެ.
"މިދިޔަ ހަފުތާގައި މިވަނީ 1،020 ކޭސް ފެނިފައި. އެއީ މިހާތަނަށް އެއްވެސް ހަފުތާއެއްގައި ކޭސް ފެނިފައި ނުވާ މިންވަރެއް،" ނަޒްލާ ވިދާޅުވި އެވެ.
ކޮވިޑުގެ ދެ ވަނަ ރާޅުގައި ވެސް ހަފުތާއެއްގެ ތެރޭގައި މި އަދަދަށް މީހުން ޕޮޒިޓިވްވެފައެއް ނުވެ އެވެ. ރާއްޖޭގެ މިހާރުގެ ހާލަތު އޮތީ ސިއްހީ ޚިދުމަތްތެރިންނަށް ކިރިޔާ ހިފަހައްޓާލެވޭވަރުގައި ކަމުން ހަތް ދުވަހަށް ފިޔަވަޅުތައް ވަރުގަދަކުރީ ކުރީގެ ފިޔަވަޅުތައް އުވާނުލަ އެވެ.
ކެއިން ބުއިމުގެ ޚިދުމަތް ދޭ ތަންތަން ރޭގަނޑު އަށަކުން ފެށިގެން ބަންދުކުރަން ނިންމި ނިންމުން ވެސް އިތުރު ހަފުތާއަކަށް ދެމެހެއްޓީ އެވެ. އިރުއޮއްސި ހައެއްގެ ފަހުން ވެހިކަލް ދުއްވުން ވެސް މަނަލެވެ.
އިތުރަށް މިރޭ އިއުލާންކުރި ފިޔަވަޅުތައް
- ރޭގަނޑު 11 އިން ފެށިގެން ފަތިހު 4:30އަށް މަގުމަތީގައި އުޅުން މަނާ.
- އެއްފަހަރާ ފަސް މީހުންނަށް ވުރެން ގިނަ މީހުން އާއްމު ތަންތަނަށް އެއްވުން މަނާ.
- ސިނަމާތަކާއި ފިލްމުތިއޭޓާތައް ބަންދުކުރުން.
- ދުވާ ޓްރެކްތައް ބަންދުކުރުން.
- ޕާކުތަކާއި މައިޒާންތައް ބަންދުކުރުން.
- އެކަނި ކުރާ ކަސްރަތު ފިޔަވައި ކުޅިވަރު ހަރަކާތްތައް ހުއްޓާލުން.
- ޔުނިވަސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެ ކިޔެވުން ހުއްޓާލައި އޮންލައިން ކްލާސްތަކަށް ބަދަލުކުރުން.
ނަޒްލާ ވިދާޅުވި ގޮތުގައި ފިޔަވަޅުތައް ވަރުގަދަކުރަން ޖެހޭނީ ބަލި ފެތުރުން ކޮންޓްރޯލް ނުވާތީ އެންމެން އެއްވެގެން ކުރާ ކަންކަން ވީހާވެސް މަދުކުރުމަށެވެ. އެއްތަނުން އަނެއް ތަނަށް ގޮސް މަސްހުނިވުން ވެސް މަދުކުރަން އަޅާ ފިޔަވަޅުތަކެއް ކަމަށް ވިދާޅުވި އެވެ.
"ކުރިއަށް އޮތް ހަފުތާގައި ވެސް ރިވިއުކުރުމަށް ފަހު އިތުރަށް ފިޔަވަޅުތައް އަޅަން ޖެހޭ ނަމަ އެކަން ކުރިއަށް ގެންދާނެ،" ނަޒްލާ ވިދާޅުވި އެވެ.
ރާއްޖޭގައި ކޮވިޑުގެ އެކްޓިވް ކޭސް 20000 އަށް ވުރެން ގިނައިރު މި ބަލީގައި މިއަދުގެ ނިޔަލަށް 64 މީހަކު ވަނީ މަރުވެފަ އެވެ.