ކޮވިޑު-19 އަށް ޕޮޒިޓިވްވެފައިވާ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވެފައިވާ މީހުން ކަރަންޓީނާއި އައިސޮލޭޓްކުރަމުން ދިޔަ މުއްދަތު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން 10 ދުވަހަށް ކުރުކޮށްފި އެވެ.
އެ އެޖެންސީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑު ބަލީގައި ތިން ވަނަ އަހަރު ގުނަމުން ދާއިރު، އެ ބައްޔާ ގުޅޭ ގިނަ މައުލޫމާތާއި ތަޖުރިބާތައް ކުރެވިފައިވާ ކަމަށެވެ.
އަދި އެ ތަޖުރިބާތަކަށް ބެލުމަށް ފަހު، ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާއި ކަރަންޓީން ވާން ޖެހޭ މީހުންގެ ކަރަންޓީން ކުރަމުން ދިޔަ މުއްދަތު ކުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓުން މިހާތަނަށް ކަރަންޓީނާއި އައިސޮލޭޓްކުރަމުން ދިޔައީ 14 ދުވަހަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އައިސޮލޭޓްކުރާނީ ސާމްޕަލް ނަގާ ތާރީހުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވި މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި މީހަކީ، ދެ ޑޯޒު ޖަހާފައިވާ މީހެއް ނަމަ އެ މީހަކަށް ދެ ގޮތެއް އެބައޮތް ކަމަށެވެ.
ފުރަތަމަ ގޮތަކީ 10 ދުވަހަށް ކަރަންޓީންވުމަށް ފަހު އެއްވެސް އަލާމާތެއް ނެތް ނަމަ ޓެސްޓު ކުރުމެއް ނެތި ކަރަންޓީނުން ދޫކޮށްލުމެވެ. އެކަމަކު އަލާމާތެއް ހުރިއްޔާ ޓެސްޓުކުރަންޖެހޭނެ އެވެ.
ދެ ވަނަ ގޮތަކީ ކަރަންޓީނުގައި ފަސް ދުވަސް ހޭދަކުރުމަށް ފަހު ކޮވިޑަށް ޓެސްޓުކުރުމެވެ. ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ ކަރަންޓީނުން ދޫކޮށްލާނެ އެވެ.
"ކޮވިޑް ވެކްސިން ފުރިހަމަނުކުރާ ފަރާތެއް ވިއްޔާ ކަރަންޓީން ހަމަ 14 ދުވަސް ވާންޖެހޭ ގޮތަށް އަދި ވެސް އޮންނަނީ. އެ މީހަކު ކަރަންޓީނުން ދޫކޮށްލެވޭނީ ޕީސީއާރު ޓެސްޓް ހަދާފައި ނަތީޖާ ނެގެޓިވް ވުމުން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.