ދުނިޔޭގެ އެހެން ބައެއް ގައުމުތަކެކޭ އެއްގޮތަށް ދަތުރުފަތުރުގެ ފަސޭހައަކަށް ރާއްޖެ އިން ވެސް ކޮވިޑް-19 ވެކްސިން ޕާސްޕޯޓެއް ތައާރަފްކުރަން ނިންމައިފި އެވެ.
ހެލްތު މިނިސްޓަރު އަހްމަދު ނަސީމް، ދައުލަތުގެ މީޑިއާގެ ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ރޭ ވިދާޅުވީ ވެކްސިން ނުޖަހާ ނަމަ، ދުވަސްކޮޅަކުން ދަތުރުކުރުން ފަދަ ކަންކަމުގައި އުނދަގޫތަކެއް މެދުވެރިވުން ގާތް ކަމަށެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރު ވަނީ ވެކްސިން ގްރީން ކާޑު ތައާރަފްކޮށްފަ އެވެ.
ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރި ކަމުގެ ޔަގީންކަމަށް ކުރިއަތް އޮތް ތަނުގައި ގައުމުތަކުން އެދޭނެތީވެ ސަރުކާރުގެ ވިސްނުމަކީ، ނަސީމް ވިދާޅުވި ގޮތުގައި، ކުރިއަށް ދެތިން ހަތަރު މަސް ތެރޭގައި ވެކްސިން ޕާސްޕޯޓް ދޫކުރުމެވެ.
"ދެ ޑޯޒު ފުރިހަމަކޮށް ވެކްސިން ޕާސްޕޯޓް އޮތީވިއްޔާ، ދަތުރުކުރުމާއި ރާއްޖޭގެ އެއް ތަނުން އަނެއް ތަނަށް ވެސް ދަތިކަމެއް ނެތި ދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އޭރަށް ރަށްރަށުގައި ގޮސް ކަރަންޓީންވާކަށް ވެސް ނުޖެހޭނެ އެވެ.
ނަސީމް އެދިވަޑައިގަތީ އެންމެން ވެކްސިން ޖެހުމަށެވެ. އެޗްޕީއޭ އިން މިހާރު ވަނީ އުމުރުން 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖަހަން ހުޅުވާލައިފަ އެވެ. އެތަނުގެ އަމާޒަކީ ރާއްޖޭގައި ވެކްސިން ޖެހޭ އެންމެންނަށް ހަ މަސް ތެރޭގައި ދެ ޑޯޒު ފުރިހަމަކުރުމެވެ.
"ވެކްސިން ގަތް އަގު ހާމަނުކުރެވެނީ އެއްބަސްވުމާ ހެދި"
ރާއްޖެ އިން ވަނީ ކޮވިޝީލްޑުގެ 700،000 ޑޯޒުގެ ވެކްސިން ގަތުމަށް ސިންގަޕޫރުގެ ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެކަމަކު ސަރުކާރުން ގަންނަ ވެކްސިނަށް ހޭދަވާ އަގެއް މިހާތަނަށް އާއްމެއް ނުކުރެ އެވެ.
އެ އަގު ހާމަކުރަން ހެލްތު މިނިސްޓްރީން އޮތީ ދެކޮޅު ހަދައިފަ އެވެ.
މިނިސްޓަރު ނަސީމް ވިދާޅުވީ ރާއްޖެ އިން ވެކްސިން ގަތް އަގު ހާމަކުރެވެން ނެތީ އެއްބަސްވުމުގައި އޮންނަ މާއްދާއަކާ ހެދި ކަަމަށެވެ. އެސްޓްރާޒެނެކާ އިން އެކި ގައުމުތަކަށް ވެކްސިން ވިއްކަނީ އެކި އަގުގައި ކަމަށާއި އެހެންވެ އަގު ހާމަނުކުރަން ރާއްޖެ އިން އެ ކުންފުންޏާ އެކު އެއްބަސްވެވިފައިވާ ކަމަށް ނަސީމް ވިދާޅުވި އެވެ.
"ރާއްޖެ އަށް ލިބުނީ ހެޔޮ އަގެއްގައި،" މިނިސްޓަރު ވިދާޅުވި އެވެ.
ފެބުރުއަރީ އެކެއްގައި ރާއްޖޭގައި ވެކްސިނޭޝަން ޕްރޮގްރާމް ފެށީ އިންޑިއާ އިން ދިން 100،000 ޑޯޒުންނެވެ. އެ ވެކްސިން ހުސްވާން ގާތްވެފައި ވަނިކޮށް އަނެއްކާވެސް އެ ގައުމުން ވަނީ އިތުރު 100،000 ޑޯޒު ދީފަ އެވެ. ރާއްޖެ އިން ގަތް ވެކްސިން އަދި ނުލިބެ އެވެ.
ޗައިނާ އިން ވެސް އޮތީ ރާއްޖެ އަށް ވެކްސިންގެ 200،000 ޑޯޒު ހަދިޔާކުރަން ނިންމައިފަ އެވެ. މީގެއިތުރުން ޑަބްލިއުއެޗްއޯގެ ކޮވެކްސް ފެސިލިޓީގެ ތެރެއިން ރާއްޖެ އަށް 108،000 ޑޯޒު ލިބޭނެކަން އޮތީ ޔަގީންވެފަ އެވެ. ކޮވިޝީލްޑުގެ އިތުރުން ފައިޒާގެ 5،850 ޑޯޒު މީގެ ތެރޭގައި ހިމެނެ އެވެ.
ކޮވިޑް ވެކްސިން އެންމެ އަވަހަށް، ހަމަހަމަކަމާ އެކު ކުރިއަށް ގެންގޮސް ކުރި ހޯދަމުން އަންނަ ރާއްޖެ އިން މިހާތަނަށް ވަނީ 145,768 މީހުންނަށް ވެކްސިން ޖަހައިފަ އެވެ.