މިދިޔަ މަހުގެ ކުރީކޮޅު އައްޑޫން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާ ގުޅިގެން އިއުލާންކުރި މޮނިޓަރިންގެ ހާލަތު މަހަކަށް ވުރެ ގިނަ ދުވަސް ފަހުން ރޭ އުވާލައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އައްޑޫގެ މޮނިޓަރިންގެ ހާލަތު އުވައިލީ ކޮވިޑް-19ގެ ރައްކާތެރިކަމުގެ ގޮތުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމަށް ފަހު، މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް މި ވަގުތު ނެތުމުން ކަމަށެވެ.

އައްޑޫ އެންމެ ފުރަތަމަ މޮނިޓަރިން އަށް ގެންދިޔައީ އައްޑޫގައި މީހުން ދިރިއުޅޭ ވަކިން އޮންނަ އަވަށްތަކުގެ ތެރެއިން ހުޅުމީދޫ އެމްޓީސީސީ ސައިޓްގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބިދޭސީންތަކެއް މިދިޔަ މަހުގެ 2 ގައި ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެގޮތުން މިދިޔަ މަހުގެ 6 ގައި ފުރަތަމަ މޮނިޓަރިން އަށް ލީ ހުޅުމީދޫ އެކަންޏެވެ.

އެކަމަކު ފަހުން ފެބްރުއަރީ މަހުގެ 4 ގައި ހިތަދޫގައި ހުންނަ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ދެއްކި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ މުޅި އައްޑޫ މޮނިޓަރިން އަށް ލީ ފެބްރުއަރީ މަހުގެ 9 ގަ އެވެ. އެއާ އެކު ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅި އެވެ. އޭގެ ތެރޭގައި ރޭގަނޑު ކާފިއު ހިންގުމާއި އެއް އަވަށުން އަނެއް އަވަށް ދިއުން ހުއްޓުވުމާއި ކެފޭ/ރެސްޓޯރަންޓްތައް އާންމުކޮށް ހުޅުވައިގެން ހިދުމަތް ދިނުމާއި ސްކޫލްތައް ބަންދުކޮށް ޖަމާއަތުގައި ނަމާދުކުރުން ހުއްޓައިލުން ފަދަ ކަންކަން ހިމެނެ އެވެ.

ނަމަވެސް މިހާރު އައްޑޫގެ މޮނިޓަރިންގެ ހާލަތު އުވައިލި އިރު މި މަހުގެ 4 ގެ ފަހުން ކޮވިޑްގެ އާ ކޭހެއް ވެސް އައްޑޫން ނުފެނެ އެވެ. އައްޑޫން މިހާތަނަށް 92 މީހަކަށް ބަލިޖެހުނު ނަމަވެސް މިހާރު އޭގެ ތެރެއިން 86 މީހަކު ރަނގަޅުވެ، އެކްޓިވް ކޭހުގެ އަދަދު 6 އަށް މަދުވެފައިވެ އެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން މިހާތަނަށް ކޮވިޑްގެ އެއްވެސް ކޭހެއް މަރަދު އާއި ހުޅުދޫން ފެނިފައެއް ނުވެ އެވެ. ކޭސްތައް ފެނުނު އަވަށްތަކަށް ބަލާ އިރު އެމްޓީސީސީ ސައިޓުން ޕޮޒިޓިވް 35 މީހުންނާ އެކު ހިތަދޫން 22، ފޭދޫން 17، މީދޫން 14 އަދި މަރަދޫފޭދޫން ހަތަރު މީހަކު ޕޮޒިޓިވްވި އެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ފަސް މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދިން ނަމަވެސް މިހާރު އެއްވެސް މީހަކު އެޑްމިޓްކޮށްފައެއް ވެސް ނެތެވެ.

މިދިޔަ މަހުގެ 1 އިން ފެށިގެން އައްޑޫގައި ކޮވިޑް ވެކްސިން ވެސް ދެމުން އަންނަ އިރު މިހާތަނަށް 12،000 އަށް ވުރެ ގިނަ މީހުން ވެކްސިން ޖަހާފައިވެ އެވެ.