މާލޭގައި ކޮވިޑު ކޮންޓްރޯލްވި ފަހުން ރަށްރަށުގައި ބަލީގެ ހާލަތު ގޯސްވެގެން ދިޔައީ އެ ރަށްރަށުގައި ފިޔަވަޅުތައް ދޫކޮށްލުމުން ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ކޮވިޑުގެ ހަތަރު ވަނަ ރާޅަށްފަހު މާލޭ ސަރަހައްދުގައި އެ ބަލި ވަރަށް ބޮޑަށް ކޮންޓްރޯލްވިއިރު، ރަށްރަށުގެ ހާލަތު ވަނީ ގޯސްވެފަ އެވެ.
ރާއްޖޭގައި މި ވަގުތު ކޮވިޑުގެ އެކްޓިވް ކޭސް އުޅެނީ 2،025 ގަ އެވެ. އޭގެ ތެރެއިން ރަށްރަށުގެ އެކްޓިވް ކޭސްތައް އުޅެނީ 1،165 ގަ އެވެ.
ނަސީމް "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ މާލެ ސަރަހައްދުގައި ބަލި ކޮންޓްރޯލްވުމުން ކޮވިޑު ނިމުނީ ކަމަށް މީހުން ހީކުރާ ކަމަށެވެ. ބައެއް ގައުމުތަކުގައި ކޮވިޑުގެ އެކި ރާޅުތައް އައިސް ފުލް ލޮކްޑައުނަކަށް ދިޔަ ނަމަވެސް ރާއްޖޭގައި އެހެން ވާން ފުރުސަތު ދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމަށް ބިނާވެފައިވާތީ ރާއްޖޭގެ މިސްރާބު ބިނާވެފައި އޮތީ ވަރަށް ނާޒުކުކޮށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިންޑިއާ އަދި ރަޝިޔާއިން ކަމަށްވާތީ އެކަމަށް ހުރިހާ ރިސޯޓަކުން ވެސް ފަރުވާތެރިވުމަށް ނަސީމް އެދިވަޑައިގަތެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮވިޑުގެ ކޭހެއް ނެތް ނަމަވެސް ރަށްރަށުގައި ވެސް މާސްކް ނާޅާ އުޅުމަކީ ރަނގަޅު ކަމެއް ނޫނެވެ. އޭނާ ވަޑައިގަަންނަވާ ރަށްރަށުގެ މީހުން އެއްގޮތަކަށް ވެސް މާސްކް ނާޅާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ރަށަކުން އެންމެ މީހެއް ޕޮޒިޓިވްވި ނަމަވެސް މާސްކް އަޅަންޖެހޭނެ. އަޅުގަނޑުމެން މާސްކް އެޅުން ހުއްޓާލީކީ ވެސް ނޫން. މާސްކް ނާޅައި އުޅެވޭނެއޭ ބުނީކީ ވެސް ނޫން. އެޗްޕީއޭއިން އެ ނެރޭ ބަޔާންތަކާއި އިރުޝާދުތަކަށް ބޯލަނބައިގެން އުޅުނީމަ ރަނގަޅުވާނެ. ހުރިހާ ހޮސްޕިޓަލެއް އެބަޖެހޭ ފަރުވާތެރިވާން،" ނަސީމް ވިދާޅުވި އެވެ.
ރަށްރަށުގެ ތެރެއިން ކޮވިޑު އެންމެ ގޯސްކޮށް އުޅެނީ އައްޑޫގަ އެވެ. އެ ތަނުގެ ފަސް ރަށުގެ އެކްޓިވް ކޭސްތައް 335 ގައި ހުރިއިރު، ހިތަދޫގައި އެކަނި ވެސް ކޮވިޑުގެ ބަލީގެ 187 މީހުން މި ވަގުތު އެބަތިއްބެވެ.
މިނިސްޓަރު ވިދާޅުވީ އައްޑުން ކޮވިޑު ކޮންޓްރޯލް ނުވުމުން އެ ރަށަށް ހެލްތުގެ ޓީމެއް ވަނީ ފޮނުވައިފަ އެވެ.
"[ރަށްރަށުގައި ކޮވިޑު ފެތުރެން ފެށީ] މާ ބޮޑަށް ދޫކޮށްލެވުނީމަ. ބަލަންވާ ވަރަށް އެ ތަންތަނުގައި ވެސް އިންތިޒާމުތައް ގެންދާ މީހުން ނުވަތަ ޓީމުތަކުން ބެލިފައި ނެތީ،" ނަސީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބާރަށް ކޮވިޑު ފެތުރޭ ރަށްރަށުގައި ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ބަދަލުގައި ބަލާނީ މިހާރު އަޅާފައި ހުރި ފިޔަވަޅުތައް ތަންފީޒުކުރާށެވެ. ހާލަތު ގޯސްވަނީ ފިލާވަޅުތައް ތަންފީޒުނުވާތީ ކަމަށާއި އިތުރަށް ފިޔަވަޅު އަޅާކަށް ނުޖެހޭނެ ކަމަށް ނަސީމް ވިދާޅުވި އެވެ.
ކޮވިޑު ފެތުރޭތީ 22 ރަށަކަށް އަރައި ފޭބުން އެޗްޕީއޭއިން ވަނީ މަނާކޮށްފަ އެވެ.