ރާއްޖެއަކީ، މި ފަހުން އެންމެންގެ ދިރިއުޅުން ހުއްޓުވާލި ކޮވިޑު-19 ކޮންޓްރޯލް ކުރުމުގައި މުޅި ދުނިޔެ އަށް ވެސް ނަމޫނާއެއް ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.
އެ ބަލިން ރައްކާތެރިވުމަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ފެށި ވެކްސިން ކެމްޕެއިންގެ ކާމިޔާބީ ފާހަގަކޮށް، އެހީތެރިކަން ދިން މީހުންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ވިދާޅުވީ މުޅި ރާއްޖެ ސިއްސުވައިލި ބިރުވެރި ހާލަތުން އަރައިގަތުމަށް ލިބުނު އެންމެ ބޮޑު ބާރަކީ ވެކްސިން ކަމަށެވެ. އެ ބަލިމަޑުކަން އަދި ވެސް ދަނީ ކުރިއަށް ކަމަށާއި ނަމަވެސް މިހާރު ރާއްޖޭގެ ހާލަތު ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަކީ ކޮވިޑާ ދެކޮޅަށް ކުރި ހަނގުރާމައިގެ އެންމެ ލާމަސީލު ޝަހުސިއްޔަތު ކަމަށް ވެސް ވިދާޅުވެ، މައިމޫނާއަށް ތައުރީފު ކުރައްވައިފަ އެވެ.
ނަސީމް ވިދާޅުވި ގޮތުގައި އޮކްޓޯބަރު 22، 2020 ގައި އޭނާ ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވިއިރު އޮތީ ކޮވިޑުގެ އެންމެ ނުރައްކާތެރި ހާލަތުގަ އެވެ. އެހެންވެ، މަގާމުގެ މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރެވިދާނެތޯ ސުވާލު އުފެދުނު ކަމަށް ވެސް ވިދާޅުވި އެވެ.
ކޮވިޑުގައި ފުރާނައެއް ގެއްލިގެންދާ ކޮންމެ ދުވަހަކީ އޭނާ އަށް އަސަރުތަކެއް ކުރާނެ ދުވަހަކަށް ވިޔަސް، ހާލަތަށް ބަލައި، ބަލީގައި 300 އެއްހާ މީހުން މަރުވާނެ ކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
"މިއަދު މި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، ކޮވިޑާއެކު އާއްމު ދިރިއުޅުމެއް ގެންދެވޭނެ ފަދަ ހާލަތަކަށް މާތްﷲގެ ވާގިފުޅާއެކު އާދެވިފައި. ރާއްޖެއަކީ މި ސަރަހައްދުގައި އަދި ދުނިޔޭގެ ނިސްބަތުން ވެސް ކޮވިޑު އެންމެ ރަނގަޅަށް މެނޭޖްކުރި ނަމޫނާ ގައުމުތަކުގައި ހިމެނިފައިވާ ގައުމެއް،" ނަސީމް ވިދާޅުވި އެވެ.
ކޮވިޑުން އަރައިގަތުމަށް ރާއްޖެއިން މަސައްކަތްކުރީ ބޭރުގެ ގައުމުތަކާ ގުޅިގެންނެވެ. އޭގެ ނަތީޖާއަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އެންމެ އަވަހަށް ވެކްސިން ލިބުނު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމެވެ.
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ވެކްސިނޭޝަން ކެމްޕެއިންގެ ފުރަތަމަ ޑޯޒު 399،050 މީހުން، ދެ ވަނަ ޑޯޒު 384،827 މީހުން އަދި ތިން ވަނަ ޑޯޒު 166،271 މީހުން ވަނީ ފުރިހަމަކޮށްފަ އެވެ. ހަތަރު ވަނަ ޑޯޒު ޖަހާފައިވަނީ 1،050 މީހުންނެވެ.
ނަސީމް ވިދާޅުވީ ވެކްސިންދޭ ތަރުތީބުތައް ކަނޑައަޅައި އަދި ބިދޭސީން ވެސް ބާކީނުކޮށް ރާއްޖެއިން ކުރީ ނަމޫނާ މަސައްކަތެއް ކަމަށެވެ. ރާއްޖެއިން އެންމެ ފުރަތަމަ ވެސް ގަބޫލުކުރީ އެންމެން ވެކްސިން ޖަހައިގެން ނޫނީ އެކަމުން އަރައިނުގަނެވޭނެ ކަމަށްވާތީ، އެއްވެސް ތަފާތުކުރުމެއް ނެތި ވެކްސިން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ޑީޖީ މައިމޫނާ ވިދާޅުވީ ކޮވިޑުގެ ސަބަބުން ފާއިތުވި ދެ އަހަރު ދިރިއުޅުނީ ވަރަށް ދަތި ހާލުގައި ކަމަށެވެ. ނަމަވެސް ކޮވިޑުން އަރައިގަތުމަށް ލިބުނު ބާރަކީ ވެކްސިން ކަމަށާއި އެ ވެކްސިނޭޝަން ކެމްޕެއިނަކީ އެންމެ ކާމިޔާބު މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވެކްސިން ކެމްޕެއިންގެ ކާމިޔާބީއާ ނަތީޖާ ފަހުރުވެރިކަމާއެކު ފާހަގަކުރުން ރަނގަޅު. އެކަމުގައި ގިނަ ގޮންޖެހުންތައް ދިމާވި. ފަންނީގޮތުން ވަކި މިންގަނޑުތަކެއް ހިފަހައްޓަން ޖެހުނު،" އޭނާ ވިދާޅުވި އެވެ.