ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓާ ޖެނެރަލްކަން ގިނަ އަހަރުތަކެއް ވަންދެން ފުރުއްވި މައިމޫނާ އަބޫބަކުރު ހިދުމަތުން ރިޓަޔާކުރައްވަން ނިންމަވައިފި އެވެ.
އެނގިފައިވާ ގޮތުގައި، މި ވަގުތު ޗުއްޓީގައި ހުންނެވި މައިމޫނާ، ސަރުކާރަށް 35 އަހަރު ހިދުމަތްކޮށްދެއްވުމަށް ފަހު ވަކިވެވަޑައިގަންނަވާނީ މި މަހުގެ 29 ހިސާބުގައި އާލީ ރިޓަޔާމަންޓަކުންނެވެ.
އާއްމު ބަލިތަކަށް މީހުން ހޭލުންތެރިކުރުމާއި ރައްކާތެރިކުރުމުގެ ޒިންމާތައް އަދާކުރާ އެޗްޕީއޭގެ އެންމެ އިސްވެރިއަކަށް މައިމޫނާ އައްޔަންކުރެއްްވީ ނޮވެމްބަރު 17، 2016 ގަ އެވެ. އެ މަގާމަށް ހަމަޖެއްސުމުގެ ކުރިން އޭނާ ވަނީ ހެލްތު މިނިސްޓްރީގެ އެކި ޒިންމާތައް ވެސް ފުރުއްވައިފަ އެވެ.
މައިމޫނާގެ މަސައްކަތް މި ފަހުން ގިނަ ބަޔަކަށް ފާހަގަވީ ކޮވިޑުގެ ތެރޭގައި އޭނާ ދެއްކެވި ލީޑަޝިޕުންނެވެ.
މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި ބަލިން ރާއްޖެ ސަލާމަތްވުމަށް ކުރި މަސައްކަތަށް ޑަބްލިއުއެޗްއޯއިން ވެސް ތައުރީފުކޮށްފައިވެ އެވެ.