ކޮވިޑް-19: ޓޫރިސްޓުން ފިޔަވައި ރާއްޖެ އަންނަ އެންމެން ކަރަންޓީން ކުރަނީ

ޓޫރިސްޓުން ފިޔަވައި ރާއްޖެ އަންނަ އެންމެން 14 ދުވަހަށް ކަރަންޓީނު ކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ އަންގައިފި އެވެ.


ރާއްޖެ އިން ވެސް ކޮވިޑް ބަލީގެ މީހުން ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްޓަކައިމ މި މަހުގެ 12 ވަނަ ދުވަހު އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ ދަށުން، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެންގި އެންގުމުގައި ވަނީ، ވައިގެ މަގުން އަންނަ މީހުންގެ ތެރެއިން ޓޫރިސްޓުން ފިޔަވައި އެހެން އެންމެން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަންޖެހޭނެ ކަމަށެވެ. މައިމޫނާ އެ ފިޔަވަޅު އެޅުއްވީ އެޗްޕީއޭ އިން ވަކި އެހެން ގޮތެއް ކަނޑައަޅަން ދެނެވެ.

އޭގެ ތެރޭގައި ދިވެހިންނާއި އެކި ވިސާތަކުގައި ރާއްޖެ އެތެރެވާ މީހުން ހިމެނެ އެވެ.

އެޗްޕީއޭ އިން ކުރިން އަމަލުކުރަމުން އައި ގޮތުން ނަމަ ރާއްޖެ އިން ބޭރުން އަންނަ ދިވެހިން ޖެހެނީ 14 ދުވަހުގެ މުއްދަތަށް ގޭގައި އެކަހެރި ކުރުމަށެވެ. ނަމަވެސް ރޭ ނިންމި ނިންމުމާ އެކު، ދިވެހިން ގެންދަން ޖެހެނީ ސަަރުކާރުން ކަނޑައަޅާ ކަރަންޓީން ފެސިލިޓީ އަކަށެވެ.

ޗައިނާގެ އުފަންވެ، 185 ގައުމަކުން ފެނިފައިވާ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ސަރުކާރުން އަންނަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެ ތެރޭގައި މާލެގައި ހުރި ޕާކުތަކާއި މައިޒާންތައް ބަންދުކުރުމާއި ރާއްޖޭގެ އެއްވެސް ރިސޯޓަކުން މީހުން އެހެން ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓްތަކަށް މީހުން ދިއުން މަނާކުރުން ހިމެނެ އެވެ.

ސްކޫލުތަކާއި ކޮލެޖުތަކާއި ރިސޯޓުތަކުގެ ސްޕާތައް ފިޔަވައި ރާއްޖޭގައި ހިންގާ އެހެން ހުރިހާ ސްޕާއެއް ބަންދުކުރަަން އެންގުމާއި ކެފޭ އަދި ރެސްޓޯރެންޓުގައި ތިބެގެން މިރޭ 12 ން ފެށިގެން ކެއުންބުއިން ވެސް ވަނީ މަނާކޮށްފަ އެވެ. ނަމަވެސް ޓޭކްއަވޭގެ ހިދުމަތް ލިބޭނެ އެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް 13 މީހަކު ޕޮޒިޓިވްވިއިރު އޭގެ ތެރެއިން ދެ މީހުން ވަނީ އެ ބަލިން ސަލާމަތްވެފަ އެވެ. އޭގެ ތެރޭގައި އެއްވެސް ދިވެއްސަކު ނެތެވެ. މިހާތަނަށް ކޮވިޑް ބަލި ޖެހިފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީއަކަށާއި 11 ޓޫރިސްޓަކަށެވެ.

ރާއްޖެ އިން ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ ބަތަލާ އައިލެންޑް ރިސޯޓުގެ ދެ ޓޫރިސްޓެކެވެ. އެއީ ދެމަފިރިންނެވެ.