ރިސޯޓްތަކަށް އަރައި ފޭބުން 14 ދުވަހަށް މަނާ

މިއަދު ހަވީރު ހަޔަކުން ފެށިގެން ރާއްޖޭގެ އެއްވެސް ރިސޯޓަކުން މީހުން އެހެން ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓްތަކަށް މީހުން ދިއުން 14 ދުވަހުގެ މުއްދަތަށް މަނާކޮށްފި އެވެ.


މިގޮތަށް ކަނޑައެޅީ، ކޮވިޑް-19 ފެތުރޭތީ އިއުލާނުކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިއަދު ނެރުއްވި އެންގެވުމެއްގަ އެވެ.

ރިސޯޓްތަކަށް މިއަދު އަންނަ ޓޫރިސްޓުން އެ ތަންތަނަށް ގެންދިއުމުގައި އަމަލުކުރާނެ ވަކި ގޮތެއް އެންގުމުގައި ބުނެފައެއް ނުވެ އެވެ. މިރޭ 6:00 ގެ ފަހުން އަންނަ ޓޫރިސްޓުން ގޮވައިގެން އެއާޕޯޓުތަކުން ރިސޯޓްތަކަށް ދަތުރުކުރާ އުޅަނދުތަކަށް ވެސް އިސްތިސްނާއެއް އޮތް ކަމަކަށް އެންގުމުގައި ނެތުމުން، އެކަމުގައި އަމަލުކުރާނެ ގޮތަކާ މެދު ރިސޯޓްތަކުގެ ކަންބޮޑުވުން ވެސް ވަނީ އުފެދިފަ އެވެ.

މީގެ އިތުރުން މިރޭ 12 އިން ފެށިގެން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ހޮޓާތަކާއި ގެސްޓްހައުސްތަކަށް ބޭރު ޓުރިސްޓުން ގެނައުން ވެސް ވަނީ މަނާކޮށްފަ އެވެ.

ދަރުބާރުގޭގައި މިއަދު ބޭއްްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރިސޯޓުތަކުގެ އިތުރުން ރާއްޖޭގެ އެހެން ރަށްރަށުން ވެސް ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރަން ސަރުކާރުން އިލްތިމާސް ކުރާ ކަމަށެވެ.

"އޭގެ އިތުރުން ވެސް ހަމަ ރާއްޖޭގެ އެހެން ރައްޔިތުންނަށް ވެސް ދަންނަވަން ނަން އެސެންޝަލް ޓްރެވެލް (މުހިންމު ނޫން ދަތުރުތައް) ނުުކުރުން،" އަލީ ވިދާޅުވި އެވެ.

ބަލި ފެތުރޭތީ އަޅާފައިވާ ފިޔަވަޅުތަކާ އެކު ކުރިއަށް އޮތް 14 ދުވަހު ރިސޯޓްތަކަށް މީހުން އަރައި ފޭބުން މުޅިން ހުއްޓޭނެ އެވެ. އަލީ ވަހީދު ވިދާޅުވީ ރިސޯޓްތައް އަލުން ބަލުން ފެށުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުންފުނިތަކުން ކުރަމުން އަންނަ ކަމަށާއި ސަރުކާރުން އެ ގެއްލުންތައް ވަޒަން ކުރުމަށް ފަހު، ހުށަހަޅާ ސްޓިމިއުލަސް ޕެކޭޖްތަކުގެ މައުލޫމާތު މަދު ދުވަސްކޮޅެއްގެ ތެރޭގައި ހާމަކުރާނެ ކަމަށެވެ.

ރިސޯޓްތަކުގެ ދަތުރުތައް ހުއްްޓައިލަން އެޗްޕީއޭ އިން މިއެންގީ ރިސޯޓްތަކުން ކޮރޯނާވައިރަަސް އަށް ޕޮޒިޓިވް މީހުންގެ އަދަދު މިއަދު 10 އަށް އަރާފައި ވަނިކޮށެވެ. މި އެންމެންނަކީ ވެސް ބިދޭސީންނެވެ. އެކަމަކު އެއީ ޓޫރިސްޓުން ކަމެއް ނުވަތަ ރިސޯޓްތަކުގައި އުޅޭ ބިދޭސީ މުވައްޒަފުންކަމެއް، އެޗްޕީއޭއަކުން ނުބުނެ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ލަފާއަރުވަނީ ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އެވެ. އަދި ހެލްތު މިނިސްޓަރުގެ މަޝްވަރާތަކާ އެކު އެ ފިޔަވަޅުތައް އޭނާ އަށް އިއުލާންކުރެއްވެ އެވެ.

ދުނިޔޭގައި ވަރަށް ބާރަށް ފެތުރެމުން ދާ ކޮރޯނާވައިރަސްގެ ސަބަބުން މިހާރު ދުނިޔެ ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފަ އެވެ. މިހާރު އެންމެ ނުރައްކާތެރީ ޔޫރަޕް ސަރަހައްދެވެ.

ޑަބްލިޔުއެޗްއޯ އިން ބުނީ ޗައިނާގައި އެ ވައިރަސް އެންމެ ބާރަށް ފެތުރުނު އިރު، ދުވާލަކު ފެންނަ ކޭސްތަކަށް ވުރެ ޔޫރަޕުން މިހާރު ފެންނަ ބަލިމީހުންގެ އަދަދު ގިނަ ކަމަށެވެ. އިއްޔެ އެކަނި ވެސް އިޓަލީން ވަނީ 280 މީހުން، ކޮވިޑް-19 ގައި މަރުވެފަ އެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ފެނިގެން އުޅެނީ ވެސް އިޓަލީން އައި ޓޫރިސްޓެއްގެ ސަބަބުންނެވެ.