ރާއްޖެ އިން ވެސް ކޮވިޑް-19 ބަލި ޖެހިފައިވާ އަށް މީހަކު ފެނިފައިވާތީއާ އެކު، އެ ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން، މި ދުވަސްވަރު އެކްސްކާޝަނަށް ނުދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އަންގައިފި އެވެ.
އެ އިދާރާ އިން ނެރުނު ބަޔާނެއްގައި އެދުނީ، މީހުން ދިރިއުޅޭ ރަށްރަށަށް އެކްސްކާޝަނަށް ދިއުމާއި މީހުން ދިރިއުޅޭ ރަށްރަށުގައި ތިބޭ ޓޫރިސްޓުން ރިސޯޓުތަކަށާއި ސަފާރީތައް ފަދަ ފަދަ ތަންތަނަށް އެކްސްކާޝަނަށް ދިއުން މިހާރުން ފެށިގެން ހުއްޓާލުމަށެވެ.
"މި ހާލަތުގައި މި ބަލި ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަށް އާންމު ފަރުދުންނާއި ކުންފުނިތަކުންނާއި ފަތުރުވެރިން ވެސް ސަމާލުވެ، އެންގުންތަކާ އެއްގޮތަށް އަމަލު ކުރުމަށް ދަންނަވަމެވެ. އަދި މި ކަމުގައި މިހާތަނަށް ހުރިހާ ފަރާތްތަކުން ލިބިފައިވާ އެއްބާރުލުން ފާހަގަކޮށް، ޝުކުރު ދަންނަވަމެވެ، އެޗްޕީއޭގެ ބަޔާނުގައި ވެ އެވެ.
އެ އިދާރާ އިން މިގޮތަށް ނިންމީ، ކޮވިޑް-19 އާ ގުޅިގެން، ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު މިއަދު އިއުލާން ކޮށްފައިވާތީ، މި ދުވަސްވަރު އެކްސްކާޝަންތައް ހުއްޓާލުމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އެންގެވުމުންނެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ލިބިދޭ ބާރުގެ ދަށުން، މައިމޫނާ އަންގަވާފައި ވަނީ މިއަދުން ފެށިގެން 10 ދުވަހުގެ މުއްދަތަކަށް އެކްސްކާޝަން ހުއްޓާލުމަށެވެ. އެ އެންގުން އަންގާފައި ވަނީ ކަމާ ބެހޭ އިދާރާތަކަށާއި ރިސޯޓުތަކަށާއި ގެސްޓް ހައުސްތަކަށާއި ސަފާރީ އޮޕަރޭޓަރުންނަށާއި އެކްސްކާޝަންތައް ރާވައި ހިންގާ އެހެނިހެން މީހުންނަށެވެ.
ކޮރޯނާވައިރަސް އަކީ މިވަގުތު ދުނިޔެ އަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއް ކަމަށް ޑަބްލިއުއެޗްއޯ އިން ވެސް ރޭ އިއުލާން ކުރުމާ އެކު، ރާއްޖޭގައި ވެސް މިއަދު ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަނޑައަޅައިފަ އެވެ. އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެ ހާލަތު ރާއްޖޭގައި އިއުލާން ކުރެއްވީ މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތަށެވެ.
ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ އެކު، އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލް މައިމޫނާ އަށް ބޮޑެތި ބާރުތަކެއް ލިބިވަޑައިގަންނަވަ އެވެ. އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވެއްޖެ ކަމަށް، ވަޒީރު އިއުލާނުކޮށްފި ނަމަ، އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތެވެ.
ގާނޫނުގެ ދަށުން އެޅޭނެ ބައެއް ފިޔަވަޅުތައް:
1- ބައްޔަކުން ރައްކާތެރިވާން ވަކި ބަޔަކަށް ނުވަތަ ވަކި ގިންތިއެއްގެ ބަޔަކަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ހިންގުން.
2- ވެކްސިނާއި، ބޭހާއި، ވެކްސިނާ ގުޅުން ހުރި ތަކެއްޗާއި ވަސީލަތްތައް އެންމެ އަވަހަށް ރައްދުކުރަންވީ ކޮން ބާވަތެއްގެ ނުވަތަ ކޮން ގިންތިއެއްގެ ބަޔަކަށްކަން ކަނޑައަޅައި، އެކަން ހަމަޖެއްސުން.
3- - ތައުލީމު ދޭ މަރުކަޒުތައް ބަންދުކުރުމާއި މީހުން އެއްވެއުޅޭ ތަންތަނަށް އެއްވެއުޅުން މަނާކުރުމުގެ އަމުރު ނެރުން 4- ވަކި ހިސާބުތަކަކަށް ވަކި ވަގުތުތަކުގައި މީހުން ނުދިޔުމަށާއި، އެއްވެ ނޫޅުމަށް އެންގުން.
5- ކަރަންޓީނު ކުރެވިފައިވާ މީހާއަށް އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދެމުން ދިޔުން.
6- އެއްގަމު މަގުންނާއި ކަނޑު މަގުންނާއި ވައިގެ މަގުން ދަތުރުކުރުން ހުއްޓުވުން ނުވަތަ ކޮންޓްރޯލްކުރުން ނުވަތަ އެފަދައިން ދަތުރުކުރުމުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުން.
ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ޖެހިފައި ވަނީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ޓޫރިސްޓުންނާއި ބައެއް ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީން ހިމެނެ އެވެ.