ކޮވިޑް-19 އިން ރައްކާތެރިވާން ވެކްސިން ޖަހަން ގިނަ ބަޔަކު މިއަދު ގިނަ ބަޔަކު ކިޔޫގައި ޖެހުނު ނަމަވެސް، ސެންޓަރުތަކުގައި ވެކްސިން ޖަހާ ވަރު ލިމިޓްކޮށްފި އެވެ.

ވެކްސިން ކިޔޫތަކަށް ވޭތުވެދިޔަ ހަތަރު ވަރަކަށް ދުވަހު ބާރުބޮޑުވެގެން ދިޔައީ ކޮވިޑްގެ ފުރަތަމަ ޑޯޒް ވެކްސިން ދޭ އެންމެ ފަހު ދުވަހަކީ މާދަމާ ކަމަށް ހަމަޖެއްސުމުންނެވެ. އެހެންވެ ވަރަށް ގިނަ ސެންޓަރުތަކުގައި ކިޔޫ އޮންނަނީ އެތަންތަން ނުހުޅުވަނީސް ދަމާލައިފަ އެވެ. ބައެއް ސެންޓަރުތަކުގެ ބޭރުގައި ދިގު ކިޔޫތައް މިއަދު ހެނދުނު 6 ޖެހި އިރު ވެސް އޮތެވެ.

މާލޭގައި އެންމެ ގިނަ މީހުން ވެކްސިން ޖަހަންދާ އެއް ސެންޓަރު ކަމަށްވާ ސޯޝަލް ސެންޓަރާއި އައިޖީއެމްއެޗުން މިއަދު ދޫކުރާނީ ޖުމްލަ 1،200 ނަންބަރު ކަަން "މިހާރު" އަށް ވަނީ އެނގިފަ އެވެ. އެއީ ބިދޭސީންނަށް ދޫކުރާ 200 ނަންބަރާއި ދިވެހިންނަށް ދޫކުރާ 1،000 ނަންބަރެވެ. އިސްލާމީ މަރުކަޒާއި ނޫސަންދަ އަށް 1100 އަދި މަޖިލީހާއި އޭޑީކޭ އަށް 600، ސެނެހިޔާ އަށް 250 އަދި ހުޅުމާލޭ ފްލޫ ކުލިނިކަށް 900، ޓްރީޓޮޕަށް 200، ވިލިމާލެ ހޮސްޕިޓަލަށް 150، އަދި އެމްއޭސީއެލް އަށް ދޫކޮށްފައި ވަނީ 100 ވެކްސިން އެވެ.

އެކަމަކު މިކަމާ ބެހޭ ގޮތުން، އެޗްޕީއޭ އިން އަދި ވަކި އެއްޗެއް އަދި ނުބުނެ އެވެ.

ކޮވިޑް ވެކްސިން ޖަހަން އިސްލާމީ މަރުކަޒު ބޭރުގައި މިއަދު ހެނދުނު ކިޔޫ ޖެހިގެން ތިބި ބައެއް މީހުން: --. ފޮޓޯ:ނިޝާން އަލީ/މިހާރު
ކޮވިޑް ވެކްސިން ޖަހަން އިސްލާމީ މަރުކަޒު ބޭރުގައި މިއަދު ހެނދުނު ކިޔޫ ޖެހިގެން ތިބި ބައެއް މީހުން: --. ފޮޓޯ:ނިޝާން އަލީ/މިހާރު

ވެކްސިން ޖަހަން ބާރުބޮޑުނުވާ ދުވަސްވަރު އާންމުކޮށް ސޯޝަލް ސެންޓަރުން ދުވާލަކު 700-1،000 މީހުންނަށް ވެކްސިން ޖަހައި ދެ އެވެ. ނަމަވެސް ގިނަ މީހުން ދާ ދުވަސްތަކުގައި 1،500 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ޖަހާފައިވާ ކަމަށާއި އެއް ދުވަހެއްގައި 2،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ޖަހާފައިވާ ކަމަށް ވެ އެވެ.

މާލެ ސަރަހައްދުން އެކަނި ވެސް އިއްޔެއާ ހަމައަށް 111،695 މީހުންނަށް ވެކްސިން ޖަހާފައި ވެ އެވެ. އަދި ރަށްރަށުގައި ވެކްސިން ޖެހި މީހުންނާ އެކު ޖުމްލަ 198،206 މީހުންނަށް ވެކްސިން ޖަހާފައި ވެ އެވެ. އިންޑިޔާ އިން ދީފައިވާ ވެކްސިންގެ ޖުމްލަ އަދަދަކީ 200،000 އެވެ. ރާއްޖޭގައި މި ވަގުތު ޖަހަމުން ދަނީ ވެސް އިންޑިޔާ އިން ދީފައިވާ ވެކްސިން އެކަންޏެވެ.