އައްޑޫގައި މިދިޔަ ހަފުތާގައި ހިންގި މާރާމާރީތަކެއްގައި ބަޔަކު ޒަހަމްކޮށްލާފައި ވަނިކޮށް ރޭ ވެސް މާރާމާރީތަކެއް ހިންގައި އަނިޔާވި ބަޔަކަށް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.
މަރަދޫގައި ރޭ ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކަނުން ދެ މީހަކަށް ހަމަލާ ދީފައިވެ އެވެ. އެއީ 20 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެކެވެ. އަދި އެ ދެ މީހުންނަށް ލިބުނު އަނިޔާތަކަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ފަރުވާދެމުން އަންނަ އިރު އަނިޔާގެ ތަފުސިީލެއް އަދި ނުލިބެ އެވެ.
މީގެ އިތުރުން ރޭ ހިތަދޫގައި ހިންގި މާރާމާރީއެއްގައި ވެސް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މީހަކަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.
ފުލުހުން ބުނީ މި ހާދިސާތައް އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މިދިޔަ ހަފުތާގެ ބުރާސްްފަތި ދުވަހު އިރު އޮއްސުނު ވަގުތު ފޭދޫގައި ދެ ގްރޫޕެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި ހަތް މީހަކަށް އެކި ވަރުގެ އަނިޔާވެގެން ފަރުވާ ދިނެވެ. އަދި އެ ހާދިސާއާ ގުޅިގެން ފަސް މީހަކު ހައްޔަރުކުރި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައިވެ އެވެ.