ބިޔޯންސޭ އަށް ގިނަ ބައެއް ލޯބި އެންމެ ފުރަތަމަ ލިބުނީ، ނުވަދިހައިގެ އަހަރުތަކުގައި މަޝްހޫރުވި ގާލް ގްރޫޕް "ޑެސްޓިނީސް ޗައިލްޑް" ގެ ލީޑު ލަވަކިޔުންތެރިއެއްގެ ގޮތުގަ އެވެ. އެ ގުރޫޕްގެ ފޯރި އެންމެ ގަދަވި ދުވަސްވަރު، 2002 ވަނަ އަހަރު ބިޔޯންސޭ ހޮލީވުޑަށް ތައާރަފުވެ، އޭނާގެ އަލަތު ފިލްމު ވެސް ކުޅުނެވެ. އެއީ ބޮކްސް އޮފީހުގެ ހިޓެއް ކަމަށްވާ "އޮސްޓިން ޕަވާސް" އެވެ.
އޭގެ ފަހުން، މިހާރު 39 އަހަރު ލަވަކިޔުންތެރިޔާގެ މިއުޒިކް ކެރިއަރުގެ މިސްރާބު ވެސް ބަދަލުވި އެވެ. އެކު އުޅުނު ގާލް ގްރޫޕް ރޫޅި، އޭނާގެ ދަތުރު ދެން ފެށީ އެކަންޏެވެ. -- އިއްޔެ ބޭއްވި ގްރޭމީސް އެވޯޑްގައި ލިބުނު ބޮޑު ކާމިޔާބީއާ އެކު މިއުޒިކީ ދުނިޔޭގެ ތަހުތު ބިޔޯންސޭ އަށް ހާސިލު ވެއްޖެ އެވެ.
އިއްޔެ ބޭއްވި އިވެންޓުގައި ބިޔޯންސޭއަށް ހަތަރު އެވޯޑެއް ލިބުނު އިރު، ފުރަތަމަ ލިބުނީ އެންމެ މޮޅު ރެޕް ލަވައިގެ އެވޯޑެވެ. އެއީ އެމެރިކާގެ ރެޕް އާޓިސްޓެއް ކަމަށްވާ މޭގަން ތީ ސްޓޭލަންއާ އެކު ބިޔޯންސޭ ކީ "ސެވޭޖް" އަށް ލިބުނު އެވޯޑެކެވެ. މިއީ އަންހެން ލަވަކިޔުންތެރިންގެ ޑުއޯއަކަށް މި އެވޯޑު ލިބުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.
ބިޔޯންސޭއަށް ލިބުނު އިތުރު އެވޯޑުތައް
- ބެސްޓް އާރް އެންޑް ވީ ޕާފޯމަންސް / ބްލެކް ޕެރޭޑް
- ބެސްޓް ރެޕް ޕާފޯމަންސް / ސެވޭޖް
- ބެސްޓް މިއުޒިކް ވީޑިއޯ / ބްރައުން ސްކިން ގާލް
އަންހެން ލަވަކިޔުންތެރިޔަކަށް، އެންމެ ގިނަ ގްރޭމީސް ބިޔޯންސޭ އަށް
މި އަހަރު ބިޔޯންސޭ އަށް ނުވަ ނޮމިނޭޝަނެއް ލިބުނެވެ. އޭގެ ތެރެއިން ހަތަރު އެވޯޑު ގެއަށް ގެންދިޔައިރު، މި އެވޯޑުތަކާ އެކު ބިޔޯންސޭ ގްރެމީސްގެ ރިކޯޑެއް މުގުރާލި އެވެ. އެއީ މިހާރު އެންމެ ގިނަ ގްރެމީސް އަތުގައި އޮތް އަންހެން ލަވަކިޔުންތެރިޔާގެ ޝަރަފެވެ. ބިޔޯންސޭގެ އަތުގައި މިހާރު 28 ގްރެމީސް އެބަ އޮތެވެ. މީގެ ކުރިން މި ޝަރަފު ދެމެހެއްޓީ "ވެން ޔޫ ސޭ ނަތިން އެޓް އޯލް" އާއި "ނިއު ފޫލް" ކަހަލަ މަޝްހޫރު ލަވަތައް ކިޔާފައިވާ އެމެރިކާގެ ލަވަކިޔުންތެރިޔާ އެލިސަން ކްރައުސް އެވެ. އޭނާގެ އަތުގައި 27 ގްރެމީސް އެބަ އޮތެވެ.
މީގެ އިތުރުން ވެސް މިފަހަރުގެ ގްރެމީސް ބިޔޯންސޭއަށް ވަރަށް ހާއްސަވި އެވެ. އެއީ އޭނާގެ 9 އަހަރުގެ ދަރިފުޅު ބްލޫ އައިވީ އަށް އޭނާގެ ފުރަތަމަ ގްރެމީސް ލިބުމުންނެވެ. ބްލޫ އައިވީ އަށް ގްރެމީސް ލިބުނީ މަންމައާ އެކު އޭނާގެ ކިޔާފައިވާ ލަވަ "ބްރައުން ސްކިން ގާލް" އިންނެވެ. އެ ލަވައަށް ލިބުނީ އެންމެ މޮޅު މިއުޒިކް ވީޑިއޯގެ އެވޯޑެވެ.