ފޯރިގަދަ ގްރޭމީސް އެވޯޑުގައި މި އަހަރު އެކި އާޓިސްޓުން 23 ޕާފޯމަންސެއް ދައްކާލި އެވެ. އިވެންޓު ފެށީ ބޯއީ ބޭންޑް "ވަން ޑިރެކްޝަން" އިން ތައާރަފުވެ، މިހާރު އަމިއްލަ ސޯލޯ ކެރިއަރެއް ގާއިމްކުރަމުން އަންނަ އިނގިރޭސި ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް އެވެ. ހެރީ ސްޓައިލްސްގެ އިތުރުން މަޝްހޫރު އެހެން ބައެއް ލަވަކިޔުންތެރިން ކަމަށްވާ ޑުއާ ލިޕާ، ޓެއިލާ ސްވިފްޓު، ކާޑީ ބީ، ބިލީ އައިލިޝް ބްރޫނޯ މާސް އަދި ޑޯޖާ ކެޓް ފަދަ ހުނަރުވެރިންގެ ތަފާތު ހުށަހެޅުންތަކެއް ފެނުނެވެ.

މި ބަލައިލަނީ އިއްޔެގެ އެވޯޑުން މީހުންގެ މެދުގައި އެންމެ މަގުބޫލުވި ބައެއް ޕާފޯމަންސްތަކަށެވެ.

ހެރީ ސްޓައިލްސްގެ "ވޯޓަމެލަން ޝުގާ"

ކަޅު ކުލައިގެ ލެދާ ސޫޓެއްގައި، ފެހިކުލަިއގެ ފެދާ ބޯއެއް ކަރުގައި އެލުވައިގެން ހުރި، ހެރީ ސްޓައިލް އިވެންޓް ފަށައިދިނީ، އޭނާގެ މިދިޔަ އަހަރު ނެރުނު ލަވައެއް ކަމަށްވާ "ވޯޓާމެލަން ޝުގާ" ކިޔަމުންނެވެ. މިއަހަރު ތިން އެވޯޑަކަށް އޭނާ ނޮމިނޭޓުވި އިރު، މި ލަވައިން އެންމެ މޮޅު ސޯލޯ ޕާފޯމަންސްގެ އެވޯޑު ކާމިޔާބު ވެސް ކުރި އެވެ.

ބިލީ އައިލިޝް އާއި ފިނިއަސް

ފުރާވަރުގެ ލަވަކިޔުންތެރިޔާ ބިލީ އައިލިޝް އޭނާގެ ލަވަ "އެވްރީތިން އައި ވޯންޑެޓް" ހުށަހަޅައިދިނީ އޭނާގެ ބޭބެ އަދި ސޯންގްރައިޓާ، ފިނިއަސް އޯ ކޯނެލްއާ އެކު އެވެ. ބިލީއާ އެކު މި ލަވައިގެ ލިރިކްސް ލިޔުމުގައި ފިނިއަސް ހިއްސާވި އެވެ. މި ލަވަ ޕްރޮޑިއުސްކުރީ ވެސް ފިނިއަސް އެވެ.

ހައިމްގެ "ދަ ސްޓެޕްސް"

މިއީ މިފަހަރު އަންހެން ޕޮޕް ބޭންޑަކުން ދެއްކި އެންމެ ފޯރިގަދަ ހުށަހެޅުމެވެ. ތިން ބެއިންގެ މި ބޭންޑުން ޕާފޯމްކުރީ އެމީހުންގެ އެންމެފަހުގެ ރޮކް ލަވައެއް ކަމަށްވާ "ދަ ސްޓެޕްސް" އެވެ.

ބްލެކް ޕުމާސްގެ "ކަލާސް"

މީގެ ދެ އަހަރު ކުރިން އުފަންވި ދެ މެމްބަރުންގެ ބޭންޑެއް ކަމަށްވާ "ބްލެކް ޕުމާސް"ގެ ޕާފޯމަންސް ވެސް ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ އެވެ. މި ބޭންޑުގެ ދެ މެމްބަރުން ކަމަށްވާ ލަވަކިޔުންތެރިޔާ އެރިކް ބާޓޮން އާއި ގިޓަރިސްޓް އެޑްރިއަން ކިސާޑާގެ ހުށަހެޅީ މިފަހަރު ގްރެމީސްއަށް ނޮމިނޭޓުވި އެމީހުންގެ ލަވަ ކަމަށްވާ "ކަލާސް" އެވެ.

ޑުއާ ލިޕާއާ އެކު ޑަބޭބީ

ޑުއާ ލިޕާގެ ޕާފޯމަންސްގައި ނެތް ރަހައެއް ނެތެވެ. އޭނާގެ އެންމެ ރީތި ދެ ލަވަ ކަމަށްވާ "ލެވިޓޭޓިން" އަދި "ޑޯންޓް ސްޓާޓް ނައު" އިން ފެށިގެން، ފޯރިގަދަ ނެށުންތަކާއި ތަފާތު ހެދުންތަކާއި އަދި އެމެރިކާގެ ރެޕް އާޓިސްޓް ޑަބޭބީއާ އެކު ކޮލަބްރޭޓް ކުރުންވީ އޭނާގެ ޕާފޯމަންސް އިތުރަށް ފުރިހަމަވި ސަބަބަކަށެވެ.

ޓެއިލާ ސްވިފްޓް

ލޮކްޑައުން ތެރޭގައި ޓެއިލާ ސްވިފްޓް ނެރުނު "ފޯކްލޯ" އަލްބަމަށް ބޮޑު ތަރުހީބެއް ލިބުނެވެ. ޓެއިލާގެ ޕާފޯމަންސް ފެށީ ވެސް އެ އަލްބަމްގެ އެންމެ ހިޓުވި ލަވަ "ކާޑިގަން" އިންނެވެ. ހަމަ މި އަލްބަމްގެ އެހެން ލަވައެއް ކަމަށްވާ "އޮގަސްޓް" އާއި އަދި މިދިޔަ އަހަރު ޓެއިލާ ނެރުނު އިތުރު އަލްބަމެއް ކަމަށްވާ "އެވަމޯ" ގެ ލަވައެއް ކަމަށްވާ "ވިލޯ" ވެސް ހުށަހެޅި އެވެ.