ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވާ އޮންތަތާ ދުވަސްތަކަކަށް ފަހު، ބޯޑަރު އަލުން ހުޅުވައިލި ފަހުން ފުރަތަމަ ފަހަރަށް އެއް މަސް ދުވަހުގެ ތެރޭގައި އެއް ލައްކަ ޓޫރިސްޓުން މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
ކޮވިޑު ރާއްޖެ އަށް ފެތުރުމުގެ ކުރިން ކޮންމެ މަހަކު ވެސް ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތް ކުރެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.
ކޮވިޑުގެ މި ބަލިމަޑުކަމުގެ ތެރޭގައި ވެސް ރާއްޖެ އައި އެއްލައްކަ ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔުމަށް ޓޫރިޒަމް މިނިސްޓްރީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެ ޓޫރިސްޓަށް މަރުހަބާ ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާތިފެވެ.
މި މަހުގެ އެއްލައްކަ ވަނަ ޓޫރިސްޓަކީ އެމިރޭޓްސް އިން ރާއްޖެ އައި، މިސްރުގެ ހަނާ މުހައްމަދު އަހުމަދެވެ. އޭނާ އައީ ފިރިމިހާ ކަމަލް މުސްތާއާއެކު ހަނީމޫން ހޭދަކޮށްލުމަށެވެ.
މި ދެމަފިރިން އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުގައި ފަސް ދުވަސް ހޭދަ ކުރާނެ އެވެ. މިއީ އެ ދެމަފިރިން ރާއްޖެ އަށް ކުރާ ފުރަތަމަ ދަތުރެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ އެ މީހުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ހަދިޔާއެއްގެ ގޮތުގައި ކުޑަ ދޯންޏެއް ދީފަ އެވެ. އަދި މޯލްޑިވްސް އިމިގްރޭޝަނުން ވަނީ މޯލްޑިވްސް ބޯޑާ މައިލްސްގެ "އައިދަ" ދަރަޖަ އެ ދެމަފިރިންނަށް އަރުވައިފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާތިފް ވިދާޅުވީ، މަހެއްގެ ތެރޭގައި އެއްލަކަ ހަމަވުމަކީ ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވާ ކަމުގެ ހެއްކެއް ކަމަށެވެ. މީގެ ސަބަބުން އިންޑަސްޓްރީގެ އެންމެން ގުޅިގެން ކުރަމުން އަންނަ މަސައްކަތަށް އިތުރު ހިތްވަރެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުރިން މާކެޓުގައި އެންމެ އިސްކޮށް އޮތީ ޗައިނާ. އެ ގައުމުގެ ބޯޑަރު ބަންދުކޮށްފައި އޮތީމާ އަދި އެ މާކެޓުގައި އަތް ނުލާ މި އުޅެނީ. އެހެންވީމާ އަޅުގަނޑުމެން މި ގަބޫލު ކުރަނީ މި އަހަރު ރަނގަޅު ބޫސްޓެއް ޓޫރިޒަމް އަންނާނެ ކަމަށް އަދި މި އަހަރަށް މިނިސްޓްރީން ކަނޑައަޅާފައިވާ ޓާގެޓު ހާސިލް ކުރެވޭނެ ކަމުގެ ޔަގީން ކަމެއް އެބައޮތް،" އާތިފް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައިވާ ގޮތުގައި މިއަހަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ ޒިޔާރަތް ކުރާނެ އެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މި އަހަރުގެ ޖެނުއަރީ މަހު 92،103 ޓޫރިސްޓުން އައި އިރު ފެބްރުއަރީ މަހު އައީ 96،882 ޓޫރިސްޓުންނެވެ. މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައީ އިންޑިއާއިންނެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް،، އަލުން ހުޅުވި ފަހުން މިހާތަނަށް 692 ޓޫރިސްޓު ފެސިލިޓީއަކުން ވަނީ ހިދުމަތް ދޭން ފަށައިފަ އެވެ. މީގެ ތެރޭގައި 150 ރިސޯޓަކާއި 394 ގެސްޓު ހައުސް އާއި 137 ސަފާރީ އަދި 11 ހޮޓެލް ހިމެނެ އެވެ.