އަންހެން ކުދިންނަށް ކޯޑްކުރަން ދަސްކޮށް ދިނުމާއި އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީ ދާއިރާ އަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ "ގާލްސް ޓު ކޯޑް ތިނަދޫ" ސީރީސްގެ ދެވަނަ ޕްރޮގްރާމް ނިންމާލައިފި އެވެ.

ގ.ދ ތިނަދޫން 14 އަހަރާއި 20 އަހަރާ ދެމެދުގެ ކުދިން ބައިވިެރިވި މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ޖެނުއަރީ 12 އިން މި މަހުގެ 15 އަށެވެ. މި އަހަރުގެ ޕްރޮގްރާމްގައި ކޯޑިން އަށް މުޅިން އާ 17 ކުދިން ބައިވެރިވި އެވެ.

ޕްރޮގްރާމްގެ ބައިވެރިންނާއި އެކުދިންގެ ބެލެނިވެރިން އަދި ދިރާގުގެ އިސްވެރިންނާއި ވިމެން އިން ޓެކްގެ ފަރާތުން ބައިވެރިވި ވާޗުއަލް ހަފްލާއެއްގައި ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ވަނީ ހަވާލު ކޮށްފަ އެވެ. އަދި ކޯހުގެ ބައެއްގެ ގޮތުގައި ދަރިވަރުން ތައްޔާރުކުރި ވެބްސައިޓްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ތިން ވެބްސައިޓް ދައްކާލި އެވެ.

އަންހެން ކުދިންގެ އައިސީޓީ ހުނަރު އިތުރުކުރުމަށް ހިންގި މިޕްރޮގްރާމްގެ ނަތީޖާ ވަރަށް ރަނގަޅަށް ހާސިލްވި ކަމަށް ކޯހުގައި ކިޔަވާދެއްވި އާމިނަތު ފަރުޝާނާ ވިދާޅުވި އެވެ. އެކަމުން ދޭހަވަނީ ޕްރޮގްރާމްގެ ބައިވެރިން މިކަން ދަސްކުރުމަށް ހުރި ޝައުގުވެރިކަމާއި ދަސްކުރި އެއްޗެއްގެ ބޭނުން ހިފައިގެން ތައްޔާރުކުރި ވެބްސައިޓްތަކުގެ ފެންވަރު ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

ދިރާގުގެ ޑައިރެކްޓާ ކޯޕަރޭޓް ސާވިސަސް އާތިފާ އަލީ ވިދާޅުވީ މި ޕްރޮގްރާމުގެ ބައިވެރިންނަށް ދަސްވި ހުނަރުތަކާ އެކު މުސްތަގުބަލުގައި ކުރިއަށް ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.