އާންމު މިންގަނޑަށް ނުފެތޭ ކޮންޓެންޓްތައް ހުންނަ ކަމުގެ ކަންބޮޑުވުންތަކާ އެކު ޕާކިސްތާނުން މިދިޔަ މަހުގެ ތެރޭގައި ޗައިނާގެ ޓިކްޓޮކް މަނާކޮށްފައި ވަނިކޮށް، އެކަން ބާތިލުކޮށް އަލުން ހުއްދަ ދީފި އެވެ.
މިއީ ޗައިނާގެ ބައިޓްޑާންސުން ހިންގާ އެޕް ބްލޮކްކޮށްފައި، ޕާކިސްތާނުން ހުއްދަ ދިން ދެވަނަ ފަހަރެވެ. އެ ގައުމުގައި ޓިކްޓޮކް ފުރަތަމަ ބޭނުން ނުކުރެވޭ ގޮތް ހެދީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
މިދިޔަ މަހުގެ 11 ގައި އެ ޕްލެޓްފޯމް ޕާކިސްތާނުގައި މަނާކުރަން އަލުން ނިންމީ މިދިޔަ އަހަރު ސަރުކާރުން ފާޅުކުރި ކަންބޮޑުވުންތަކަށް އެދެވޭ ހައްލެއް ގެނެސްދީފައި ނުވާތީ ކަމަށް ޕާކިސްތާންގެ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ (ޕީޓީއޭ) އިން ބުންޏެވެ. އެތަނުން ކުރި ޓްވީޓެއްގައި ބުނީ މި ފަހަރު ޓިކްޓޮކް މަނާކުރަން ނިންމީ އެއާ ގުޅޭ ގޮތުން ޕިޝާވަރު ހައި ކޯޓަށް ހުށަހެޅި މައްސަލައަކަށް ވެސް ރިއާޔަތްކޮށް ކަމަށެވެ.
ނަމަވެސް އަލުން ޕާކިސްތާނުގައި ޓިކްޓޮކް ބޭނުންކުރެވޭ ގޮތް ހެދީ ބުރާސްފަތި ދުވަހު ކޯޓުން އެކަމުގެ ހުއްދަ ދޭން އެންގުމުން ކަމަށް ޕީޓީއޭ އިން ބުންޏެވެ. ކޯޓުން އެގޮތަށް ނިންމީ ޓިކްޓޮކްގައި ހުރީ "އާންމު މިންގަނޑަށް ނުފެތޭ ބޭއަދަބީ ކޮންޓެންޓްތައް" ނެގުމަށް އަމުރުކޮށް، ޕާކިސްތާނުގެ ކަމާާބެހޭ އިދާރާތަކުން ވަރަށް ގާތުން ޓިކްޓޮކްގެ ކޮންޓެންޓްތައް މޮނީޓާކުރުމަށް އަންގައިފަ އެވެ. މީގެ މައިގަނޑު މަގުސަދަކީ ޓިކްޓިކް ބޭނުންކުރާ ޕާކިސްތާނު މީހުން އަޕްލޯޑްކުރާ އެއްޗެހި ވީހާ ވެސް ބޮޑަށް މޮނިޓަކުރުމެވެ.
މިކަމާ ބެހޭ ގޮތުން ޕީޓީއޭގެ ޗެއާމަން އާމިރު އަޒީމް ބަޖްވާ ވިދާޅުވީ ކޯޓްގެ އަމުރާ އެއްގޮތަށް ދެން ވަރަށް ގާތުން ޓިކްޓޮކްގެ ކޮންޓެންޓްތަކަށް ފާރަވެރިވާނެ ކަމަށެވެ. އަދި އެކަމަށް ހާއްސަ މީހަކު ވެސް ހަމަޖައްސާފައިވާ ކަމަށެވެ.
"ޓިކްޓޮކްގެ މެނޭޖްމަންޓާ ވެސް ކުރިއަށް ވުރެ ބޮޑަށް ދެން އަހަރެމެން ދެން މުއާމަލާތްކުރަމުން ގެންދާނަން. އަދި ގައުމުން ފާޅުކުރާ ކަމްބޮޑުވުންތަކަށް އިޖާބަ ނުދީ ކުށް ތަކުރާރުކުރާ ނަމަ ދެން ވެސް ޓިކްޓޮކަށް ފިޔަވަޅު އަޅާނެ." އާމިރު ވިދާޅުވި އެވެ.
ޕާކިސްތާނުގެ ނިންމުމާ ގުޅިގެން ޓިކްޓޮކުން މަރުހަބާ ކިޔައި ނެރުނު ބަޔާނެއްގައި ބުނީ ޕާކިސްތާނު މީހުންނަށް އަލުން ޓިކްޓޮކް ބޭނުންކުރެވޭ ގޮތް ހެދުމަކީ ބޮޑު އުފަލެއް ކަމަށެވެ
"އަދި މިއީ އަހަރެމެންނާއި ޕީޓީއާ ދެމެދު ކުރެވުނު މަޝްވަރާތަކުގެ ނަތީޖާ." ޓިކްޓޮކުން ބުންޏެވެ.
ޕާކިސްތާނުގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު 10 މިލިއަނަށް އަރަ އެވެ.