މުޖުތަމައުގެ އާންމު މިންގަނޑުތަކަށް ނުފެތޭ ކޮންޓެންޓްތަކަށް ހިތްވަރުދޭ ކަމަށް ބުނެ ޗައިނާގެ ޓިކްޓޮކް ޕާކިސްތާނުގައި މަނާކުރިތާ 10 ދުވަސް ފަހުން އެ ނިންމުން ބާތިލުކޮށް، އަލުން ހުއްދަ ދީފި އެވެ.
ޕާކިސްތާން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ (ޕީޓީއޭ) އިން ހޯމަ ދުވަހު ކުރި ޓްވީޓެއްގައި ބުނީ ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކަށް އަލުން ހުއްދަ ދިނީ އެ އެޕާ ގުޅޭ ގޮތުން ޕާކިސްތާނުން ފާޅުކުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެކަމުގެ ޔަގީންކަން ދިނުމުން ކަމަށެވެ. އެގޮތުން ޕާކިސްތާނުގެ ގާނޫނުތަކާއި އުސޫލުތަކަށް ފެތޭ އެއްޗަކަށް ޓިކްޓޮކް ހަދައިދޭނެކަމުގެ ކަށަވަރުކަން ދީފައިވާ ކަމަށް ބުންޏެވެ.
ޕީޓީއޭ އިން ޓިކްޓޮކަށް އަލުން ހުއްދަ ދިނީ އެޕް ބްލޮކްކުރި މައްސަލަ ބައިޓްޑާންސުން އިސްލާމްއާބާދު ހައި ކޯޓަށް ވެސް ހުށަހަޅާފައި ވަނިކޮށެވެ.
ނަމަވެސް އަލުން ޓިކްޓޮކަށް ހުއްދަ ދިނުމުން ޓިކްޓޮކުން ވަނީ އެ ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ.
ޕީޓީއޭ އިން ކުރިން ބުނެފައިވާ ގޮތުގައި ޓިކްޓޮކް މަނާކުރަން މަޖުބޫރުވީ އޭގައި ހުންނަ ކޮންޓެންޓްތަކާ ގުޅޭ ގޮތުން އެތައް ބައެއްގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ތަކުރާރުކޮށް ލިބެމުން ދިއުމާ ގުޅިގެން އެ މައްސަލާގައި ބައިޓްޑާންސާ އެކު މަޝްވަރާތަކެއް ކުރެވުނަސް އެ ގައުމުން ބޭނުންވާ ކަހަލަ އިސްލާހީ ބަދަލުތައް ޓިކްޓޮކަށް ގެނައުގައި ބައިޓްޑާންސުން ފެއިލްވެފައިވާތީ އެވެ.
ޕާކިސްތާނުން ޓިކްޓޮކް މަނާކޮށް އަލުން ހުއްދަ ދިން އިރު، އަވަށްޓެރި އިންޑިއާ އިން އެ އެޕް މަނާކޮށްފައި އޮންނަތާ މިހާރު ހައެއްކަ މަސްވެއްޖެ އެވެ. އިންޑިއާގައި ޖޫން މަހުގެ 29 ގައި ޓިކްޓޮކް މަނާކުރީ އެ ގައުމާއި ޗައިނާއާ ދެމެދު ހޫނުވެފައިވާ ސިޔާސީ މައްސަލަގަނޑުގެ ތެރެއިން، ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ އެވެ.