ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށްގެން، މަންމަ އާއި ބައްޕައަށް ފޮނުވި ރޯދަ ހަދިޔާ، މާލޭގެ އެހެން ގެއަކަށް އޮޅިގެން ފޮނުވިއްޖެ އެވެ. އެ ގޭގެ މީހުން މިހާރު އަންނަނީ އޭގެ ވެރިފަރާތް ހޯދަން މަސައްކަތް ކުރަމުންނެވެ.

ރޯދަ ތަހުނިޔާ ކިޔަމުން އާއިލާ އަށް ފޮނުވި ފޮށިގަނޑުތަކުގެ ތެރޭގައި ހިމެނެނީ އަލަނާސި ކޭހަކާއި ތެޔޮ ކޭހަކާއި ނޫޑްލްސް ކޭހަކާއި ދަޅުމަހާއި ގެރިކިރު ކޭހެކެވެ. އެ ތަކެތި ބަންދުކޮށްފައި ހުރީ ފަސް ފޮށިގަނޑެއްގަ އެވެ.

މާލޭގެ ގެއަކަށް އެ ފޮށިގަނޑުތައް ގެނެސްފައި ވަނީ އެ ގޭގައި މީހަކު ނޫޅެނީހެވެ. "މިހާރު"އާ ވާހަކަ ދެއްކި އެ ގޭގެ މީހަކު ބުނިގޮތުގައި ގޭތެރޭގައި ބަހައްޓާފައި ހުރި އެ ފޮށިގަނޑުތަކުގައި އެޑްރެހެއް ޖަހައިފައެއް ނެތެވެ. ހަމައެކަނި ލިޔެފައި އޮތީ "ބާނިސްގެ ފަރާތުން މަންމަ އާއި ބައްޕައަށް. ރަމަޟާން މުބާރަކް" އެވެ.

އެ ގޭގައި އެ ހަދިޔާތައް ރައްދުވާ މީހަކު ނޫޅޭތީ، އެ މީހުން ވަނީ ކައިރި ފިހާރައެއްގައި ހަރުކޮށްފައިވާ ސީސީޓީވީ ފުޓޭޖުން، ހަދިޔާތައް އެ ގެއަށް ގެންދިޔަ މީހުން ބަލައިފަ އެވެ. ސައިކަލެއްގައި އެ ދެ މީހަކު، ފޮށިގަނޑުތައް ގެއަށް ބާލާފައި އެނބުރި ދާތަން ފުޓޭޖުން ފެނެ އެވެ. އެކަމަކު ސައިކަލުގެ ނަމްބަރެއް އަދި އެ މީހުންގެ މޫނެއް ނުފެނެ އެވެ.

"މި ވެދާނެ ރަށަކަށް ފޮނުވާ ހަދިޔާތަކެއް ކަމަށް ވެސް. އަޅުގަނޑުމެން ވަރަށް ބޭނުން މި ހަދިޔާތައް ގެނައި މީހުން މިއާ ހަވާލުވުން،" އެ ގޭގެ މީހާ ބުންޏެވެ.

ހަދިޔާ ފޮށިގަނޑުތައް ހުރި ގޭގެ ނަން ބުނާކަށް އާއިލާއަކުން ބޭނުމެއް ނުވެ އެވެ. އެއީ ނުބައި ބަޔަކު އެ ބަލައި ހިނގައިދާނެތީ އެވެ. އެކަމަކު އާއިލާއިން އެދެނީ، ފޮށިގަނޑުތައް ގެންދިޔަ މީހުން، ވީ އެންމެ އަވަހަކަށް އެ ވެރިފަރާތަށް ރައްދު ކޮށްދިނުމަށެވެ.