ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވާން މާލޭގެ ތިން ސަރަހައްދެއްގައި ބަހައްޓަން ހަދާފައިވާ ބިޔަ ފަސް ޓެންޓުގައި ދެ ފާހާނާ އާ އެކު އޭސީ ވެސް ހަރުކޮށްފި އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ މި އިންތިހާބުގައި ވޯޓު ލާ މަރުކަޒުތަކުގެ ގޮތުގައި އެ ފަސް ޓެންޓް ބޭނުންކުރާނެ އެވެ. އެ ޓެންޓްތައް ހެދީ އީސީގެ ރައީސް އަހުމަދު ޝަރީފް "މިހާރު" އަށް ވިދާޅުވި ގޮތުގައި އެޗްޕީއޭގެ ގައިޑްލައިނާ ގުޅިގެން، އިތުރު ސެންޓަރުތައް ބޭނުންވާތީ އެވެ.
މިއީ މިކަހަލަ ޓެންޓްތަކެއް ހަދައިގެން ވޯޓު ލާ ފުރަތަމަ ފަހަރެވެ. މި ޓެންޓްތައް ބަހައްޓަނީ އިންތިހާބު ބާއްވަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު އުސޫލުގައި، ވޯޓު ފޮށިތަކަށް ވޯޓު ލާ މީހުންގެ އަދަދު މަދުކުރަން އަންގާފައި އޮތުމުންނެވެ.
"ކޮންމެ ވޯޓު ފޮއްޓަކަށް ވޯޓު ލާން ޖެހޭ މީހުންގެ އަދަދު މަދުކުރަން އެޗްޕީއޭ އިން އެދެމުން، ވޯޓު ފޮށިތަކުގެ އަދަދު ވެސް އިތުރުކުރަން ޖެހުނު. އެ ފޮށިތައް ބަހައްޓާނެ ތަންތަން ވެސް ހަދަން ޖެހުނު. މިއީ އެ ޓެންޓްތައް،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ މި މަސައްކަތަށް 3.7 މިލިއަން ރުފިޔާ ހޭދަ ކުރާ ކަމަށެވެ. ޒަމާނީ އަދި ބިޔަ އެ ޓެންޓުތަކުގައި ހުރީ އޭސީ ހަރުކޮށްފަ އެވެ. އަދި ކޮންމެ ޓެންޓެއްގައި މަދުވެގެން ދެ ފާހަނަ ހަދާފައި ވެ އެވެ. އީސީން ބުނީ އެ ޓެންޓްތައް މިއަދު އީސީ އާ ހަވާލުކުރަން ޖެހޭ ކަމަށެވެ.
ޓެންޓް ހަދާ ކުންފުނިން ބުނީ، ޓެންޓުތަކުގެ މަސައްކަތް ހުރީ ނިމިފައިވާ ކަމަަށާއި އެ ތަކެއްޗާ ހަވާލުވާން އީސީއާ ގުޅައިފައިވާ ކަމަށެވެ.
މިފްކޯ ކުރިމަތީގައި އޮތް ހުސްބިމުގައި ތިން ޓެންޓެއް ބަހައްޓަ އެވެ. އެއް ޓެންޓްގައި 20 ވޯޓު ފޮށި، އަދި އަނެއް ޓެންޓްގައި އަށް ވޯޓު ފޮށި އަދި އަދި އަނެއް ޓެންޓްގައި ދެ ވޯޓު ފޮށި ވެސް ބަހައްޓަ އެވެ.
ކާނިވާ ސްޓޭޖް ކުރިމަތީގައި ބަހައްޓާ ޓެންޓްގައި ފަސް ވޯޓު ފޮށި ބަހައްޓާ އިރު ދަރުމަވަންތަ ސްކޫލް ބިމުގައި ބަހައްޓާ ޓެންޓްގައި ފަސް ވޯޓު ފޮށި ބަހައްޓަ އެވެ. އެއީ ޖުމްލަ 40 ވޯޓު ފޮއްޓެވެ.
އެތަން ހަދާފައި ވަނީ ގައިދުރުކަމާ އެކު ގިނަ މީހުންނަށް މަޑުކުރެވޭނެ ގޮތަށެވެ. ލިކަމެކް އިން ބުނީ، އެންމެ ބޮޑު ޓެންޓުގައި ގައިދުރުކަމާ އެކު 1،200 މީހުންނަށް މަޑުކުރެވޭނެ ކަމަށެވެ.
އިލެކްޝަން ނިމޭ ދުވަސް ނޫން އަނެއް ދުވަހު އެ ހުރިހާ ޓެންޓެއް ރޫޅާލާނެ އެވެ.
މިދިޔަ އަހަރު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ ކޮމިޓީގެ އިންތިހާބު، މި އަހަރުގެ އޭޕްރިލް މަހަށް ފަސްކުރަން ޖެހުނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެނެވެ. އިންތިހާބު އެންމެ ފަހުން މި ބާއްވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގައި އިންތިހާބު ބޭއްވޭނެ ގޮތަށް ގާނޫނު އިސްލާހުކުރުމަށް ފަހު އެވެ.