ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ރ. ކިނޮޅަހު ކައުންސިލްގެ މިހާރުގެ ވެސް ރައީސް އަހުމަދު ހުސައިން ކަހަލަ ލާމަރުކަޒީ އުސޫލުތަކަށް ފަރިތަ ބޭފުޅަކު ވަރަށް މަދުވާނެ އެވެ. އެހެން ބުނަންޖެހޭ ސަބަބުތައް ވަރަށް ސާފެވެ. ވަރަށް ކުރުކޮށް އެންމެ ކަމެއް ބުނެލަަނިކޮށް ހަގީގަތް ސާފުވާނެ އެވެ.

ކިނޮޅަހު ކައުންސިލްގެ ރައީސްކަމަށް ހަތަރުވަނަ ފަހަރަށް ވާދަކުރައްވާ އަހުމަދަކީ ކައުންސިލްތައް ބާރުވެރި ކުރުމަށްޓަކައި ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން އިސްވެ ގެނައި އިސްލާހު ޑްރާފްޓްކުރި ސަބް ކޮމިޓީގެ މެމްބަރެކެވެ. ހޮނިހިރު ދުވަހު އިންތިޚާބުކުރާ ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ލިބިދެނީ އަހުމަދުގެ ވަރަށް ބޮޑު ހިއްސާއެއް އޮވެގެންނެވެ. ގާނޫނަށް ގެނައި އިސްލާހުތަކުގައި އޭނާގެ މަޝްވަރާ އާއި ހިޔާލު ވަނީ ހިމަނައިފަ އެވެ.

"އެހެންވީމާ އަޅުގަނޑަށް އެނގޭ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ފައިދާތައް. ރައްޔިތުންނަށް ބޭނުންވާ ގޮތަށް، ރައްޔިތުންނަށް ފައިދާވާ ގޮތަށް އެ ނިޒާމު ހިންގާނެ ގޮތް އަޅުގަނޑަށް އެނގޭ. އެހެންވީމާ އަޅުގަނޑު މި ނުކުންނަނީ ރަށެއްގެ ކަންކަން ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ހިންގޭނެ ކަމުގެ ވަރަށް ފޮނި އުންމީދާއެކު،" މި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ މުހިންމު އެއް ބައިވެރިޔާ އަދާލަތު ޕާޓީގެ މެމްބަރު އަހުމަދު ވިދާޅުވި އެވެ.

ކައުންސިލްތައް ބިމާއި މާލީ ގޮތުން ބާރުވެރިކުރުވުމުގެ މަޝްވަރާތައް އެކަންޏެއް ނޫނެވެ. އަހުމަދު ވަނީ ލާމަރުކަޒީ ނިޒާމު ކުރިއެރުވުމަށްޓަކައި އެކި ފެންވަރުގައި އެކި ފަހަރުމަތިން މިހާތަނަށް ބޭއްވި ފޯރަމްތަކުގައި އޭނާގެ ހިޔާލާއި މަޝްވަރާ ވެސް ހުށަހަޅުއްވައިފަ އެވެ. އެފަދަ މުހިންމު ބައްދަލުވުންތަކުގައި އަހުމަދުގެ އެހީތެރިކަން އެ ފަރާތްތަކުން ހޯދަނީ ލާމަރުކަޒީ އުސޫލުން ރަށްރަށް ހިންގުމުގެ ފައިދާ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާތީ އެވެ.

"އެއީ އަޅުނޑުގެ ރަށުގެ ރައްޔިތުންނަށް ވެސް ވަރަށް ބޮޑު އެޑްވާންޓޭޖެއް. މިކަން ދަންނަ މީހަކު ހޮވުމުގެ ފައިދާ ބޮޑުވާނެ،" އޭނާ ވިދާޅުވި އެވެ.

މެރިޓައިމް ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ އަހުމަދު ވަނީ އޭނާގެ ކުރީގެ ވަޒީފާގެ ގޮތުން ގްރީސްގައި ހަތް އަހަރު އުޅުއްވައިފަ އެވެ. އެއީ ލާމަރުކަޒީ ނިޒާމަށް ފަރިތަ ގައުމަކަށް ވުމުން، އެ ގައުމުގެ ތަޖުރިބާ ވެސް އަހުމަދުގެ އެބަހުއްޓެވެ.

"ޑިމޮކްރެސީ އިންވެންޓް ކުރީ ވެސް ގްރީސްގައި. އެ ގައުމުގެ ތަޖުރިބާއަކީ ވެސް އަޅުގަނޑުގެ އެޑްވާންޓޭޖެއް. ޔޫރަޕްގައި އުޅުނު ދުވަސްވަރު ލާމަރުކަޒީ ނިޒާމުގެ މުހިންމުކަން ހުރީ ވަރަށް ރަނގަޅަށް އެނގިފައި. އެހެންވެ އަޅުގަނޑަކީ އެ ނިޒާމުގެ ތެރެއިން ރައްޔިތުން ބާރުވެރި ކުރުމަށް އަބަދުވެސް ވަކާލާތުކުރާ މީހެއް،" އޭނާ ވިދާޅުވި އެވެ.

ނަތީޖާ ހާސިލްކުރުމުގެ ރެކޯޑުން ވެސް އެއްވަނަ

އަހުމަދު، ކިނޮޅަހު ކައުންސިލްގެ ރައީސްގެ މަގާމު ފުރުއްވަނީ 2011 އިން ފެށިގެންނެވެ. އެހެންވެ، މިދިޔަ 11 އަހަރު ދުވަހުގައި އޭނާ ވަނީ ލާމަރުކަޒީ ނިޒާމުގެ ހުރިހާ ތަޖުރިބާއެއް ކުރައްވައިފަ އެވެ. އެ ނިޒާމު ނިކަމެތި ވެގެން ދިޔަ ވަގުތު ވެސް ތަޖުރިބާ ކުރައްވައިފި އެވެ. އަދި ހަގީގީ ލާމަރުކަޒީ ނިޒާމަކަށް ވާސިލް ވުމަށް ފަށާފައިވާ ދަތުރުގެ "އޮޑީގެ" މުހިންމު އެއް ބައިވެރިއަކަށް ވެސް ވެއްޖެ އެވެ. ދެން އޮތީ ހަގީގީ ބާރުވެރިކަމާ އެކު ދަތުރު ފަށައިގަތުމެވެ.

"އަޅުގަނޑުގެ ރެކޯޑަށް ބަލާއިރު އަޅުގަނޑަށް ވުރެ ވަކި މި ނިޒާމު ހިންގަން ރަނގަޅު އެހެން މީހަކު ނުހުންނާނެ. އެހާވަރަށް މިކަމުގެ ތެރޭގައި އުޅެވިއްޖެ،" އުމުރުން 42 އަހަރުގެ އަހުމަދު ވިދާޅުވި އެވެ.

އޭނާ ވަނީ 600 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ކިނޮޅަކަށް މިދިޔަ ދުވަސްތަކުގައި އެކި ގޮތްގޮތުން ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހޮވާ އެންމެ ރަނގަޅު ކައުންސިލްގެ ގޮތުގައި ރ. އަތޮޅުން މިދިޔަ ދެ އަހަރު ވެސް ހޮވުނީ ކިނޮޅޮހެވެ. އެއީ ވެސް ސީދާ އަހުމަދުގެ މޭސްތިރިކަމުގެ ދަށުން އެ ރަށު ކައުންސިލަށް ހޯދުނު ކާމިޔާބީތަކެވެ.

ރާއްޖޭގައި ލޭންޑް ޔޫސް ޕްލޭނެއް ހެދި މަދު ރަށްތަކުގެ ތެރޭގައި ކިނޮޅަސް ހިމެނެ އެވެ. އެ ލޭންޑް ޔޫސް ޕްލޭން އެލްޖީއޭ އިން އެޕްރޫވްކޮށް މިހާރު ވެސް ދަނީ ހިންގަމުންނެވެ. ކިނޮޅަސް ތަރައްގީ ކުރުމަށްޓަކައި އަހުމަދުގެ ފުރިހަމަ ބައިވެރިވުމާއެކު ވަނީ 20 އަހަރުގެ ސްޓްރެޓީޖިކް ޕްލޭނެއް އެކުލަވާލައިފަ އެވެ. ކުރިއަށް އޮތް ފަސް އަހަރަށް ރަށް ތަރައްގީ ކުރުމަށް އަހުމަދު ވިސްނަވާފައި ވަނީ އެ ޕްްލޭނާ އެއްގޮތަށެވެ.

ރަށުގެ އެއްބައިވަންތަކަން ގާއިމުކުރުމަށްޓަކައި "އެއްބައިވަންތަ ކިނޮޅަސް" ގެ ނަމުގައި ވަނީ ހަރަކާތްތަކެއް ފަށައިފަ އެވެ. އޭގެ ނަތީޖާ ވެސް ވަރަށް ރަނގަޅެވެ. ރަށުގެ ތަރައްގީއަށްޓަކައި އެންމެން ގުޅިގެން ކޮންމެ ކަމެއް ވެސް ކުރެ އެވެ. އޭގެ ހެއްކަކަށް އަހުމަދު ދެއްކެވީ އެތައް ބަޔަކު ނަމޫނާއަކަށް ބަލާ ކިނޮޅަހު ވޮލީ ކޯޓެވެ.

އަހުމަދު، ކިނޮޅަހު ވޮލީ ކޯޓު  ބައްލަވަނީ.
އަހުމަދު، ކިނޮޅަހު ވޮލީ ކޯޓު ބައްލަވަނީ.

"އެ ކޯޓު ހަދަން ޔޫތު މިނިސްޓްރީން ދެއްވީ ފަސް ލައްކަ ރުފިޔާ. އެކަމަކު، މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްގެން ވޮލީ ކޯޓު ނިންމީ ރަށުގެ އެތައް ބައެއްގެ އެހީތެރިކަން ލިބިގެން. ޒުވާނުންނާއި ރަށުގެ އެންމެންގެ ބައިވެރިވުން ލިބުނު. އެ މަސައްކަތް ނިންމަން ހިލޭ ސާބަހަށް ޒުވާނުން މަސައްކަތްކުރީ،" އަހުމަދު ވިދާޅުވި އެވެ.

"މި ކަހަލަ ރަށެއް މަދުވާނެ."

އަބަދުވެސް ސަރުކާރާއެކު

އަހުމަދު ގަބޫލުކުރައްވާ ގޮތުގައި ލާމަރުކަޒީ ނިޒާމު ކުރިއަރުވަން ބޭނުން ނަމަ ސަރުކާރާ ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހެ އެވެ. ނަސީބަކުން ކިނޮޅަކީ އޭގެ މިސާލެކެވެ. އަބަދުވެސް މަސައްކަތް ކުރަނީ ސަރުކާރާ ގުޅިގެންނެވެ. ސަރުކާރުގެ އެހީތެރިކަން ފުރިހަމައަށް ހޯދަ އެވެ.

"ޚާއްސަކޮށް އަޅުގަނޑުމެންގެ ކައުންސިލަކީ ސަރުކާރާ ވަރަށް ބަދަހި ކައުންސިލެއް. މިހާރު ވެސް އަޅުގަނޑު މަސައްކަތް ކުރަނީ ސަރުކާރާ ގުޅިގެން،" އޭނާ ވިދާޅުވި އެވެ.

ކިނޮޅަހުގައި ރަނގަޅު ފެންވަރުގެ ފުޓުބޯޅަ ދަނޑެއް ހެދުމާއި މިހާރު ބޭނުންކުރާ ފުޓްސަލް ދަނޑު ތަރައްގީ ކުރަން އަހުމަދު މިހާރު ވަނީ އެފްއޭއެމްގެ ރައީސް ބައްސާމް ޖަލީލްއާ ވާހަކަ ދައްކަވައިފަ އެވެ.

"އެކަން ކާމިޔާބުވާނެ ކަމުގެ ފެހި ސިގްނަލް ވެސް ވަނީ ލިބިފައި،" އަހުމަދު ވިދާޅުވި އެވެ.

އޭނާ އަށް މިހާރު އޮތް އެންމެ ބޮޑު ޔަގީން ކަމަކީ ލާމަރުކަޒީ ގާނޫނުގެ ފުރިހަމަ ބާރުވެރިކަމާ އެކު ކިނޮޅަސް ކުރިއަށް ވުރެ ބޮޑަށް ތަރައްގީ ކުރެވިދާނެ ކަމެވެ. ގާނޫނުގެ ތެރެއިން ރަށުގައި ލޯކަލް ކުންފުނިތައް ހަދައިގެން ކައުންސިލް މެދުވެރިވެގެން ރައްޔިތުންނަށް އަގުހެޔޮ، ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދެވިދާނެ އެވެ. ކައުންސިލްގެ މަންފާ އިތުރުކޮށް، އޭގެ ފައިދާ ރަށަށް ކުރެވިދާނެ އެވެ.

"ޕްރީ ސްކޫލާއި ގުރުއާން ކްލާސް ރައްޔިތުން އަތްފޯރާ ފަށަށް ހިންގިދާނެ. ކޮލިޓީ ޚިދުމަތެއް ދެވޭނެ. މި ރަށުގެ މަޝްހޫރު ރާޅުގަނޑާއި ނަލަނަލަ ގޮނޑުދޮށަކީ ލޯކަލް ކުންފުނިތަކުގެ ތެރެއިން މަންފާ ހޯދޭނެ ތަންތަން. އަޅުގަނޑުމެން އެ މަސައްކަތް ކުރާނަން،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވަނީ ރަށުގެ ހުރިހާ ގެއަކަށް ވަޑައިގެން ކެމްޕެއިން ކުރައްވައިފަ އެވެ. އެހެންވެ، ލާމަރުކަޒީ ނިޒާމަށް ފަރިތަ ބޭފުޅަކު ހޮވާ ނަމަ އެ ލިސްޓުގެ އެއްވަނައިގައި އަހުމަދުގެ ނަން އޮންނާނެ ކަމާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ. އަހުމަދު ވިދާޅުވާ ގޮތުން ކިނޮޅަހުގައި އުޅެނީ ހޭލުންތެރި ބައެކެވެ. އެހެންވެ. އޭނާ ކަހަލަ ބޭފުޅު ޔަގީނުން ވެސް ދޫކޮށެއް ނުލާނެ އެވެ.

އެޑިޓަރުގެ ނޯޓު: މިއީ ކައުންސިލް އިންތިހާބުގެ ކެންޑިޑޭޓުންނަށް "މިހާރު" އިން ހާއްސަކުރި ޕެކޭޖެއްގައި ހިމެނޭ ކޮންޓެންޓްގެ ބައެކެވެ.