ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ބަޔަކު ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނުގެ ބޮޑީގާޑުންނަށް ވެސް އަނިޔާވިއިރު، ނަޝީދާ އެންމެ ކައިރީގައި ތިބި ދެ ބޮޑީގާޑުންގެ ތެރެއިން އެކަކަށް ކުދިކުދި، އެކަމަކު ބައިވަރު ޒަހަމްތައް ވަނީ ލިބިފަ އެވެ.
ޒަހަމްވި ބޮޑީގާޑުން ފަރުވާ އަށް ފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ. އެ ހާދިސާ ހިނގައިދިޔަ ގޮތާ ބެހޭ ގޮތުން ކޮމެންޓެއް ދިނުމަށް އުޒުރުވެރިވި ނަމަވެސް އޭގެ ތެރެއިން އެއް ބޮޑީގާޑަކު ވަނީ އޭނާ އަށް ލިބިފައި ހުރި އަނިޔާތައް "މިހާރު"ގެ ނޫސްވެރިންނަށް ވަނީ ދައްކާލައިފަ އެވެ. އޭނާ އަކީ، ހަމަލަ ދިން ވަގުތު ނަޝީދު ކަވަރު ކުރި ބޮޑީގާޑެވެ.
ނަޝީދު ކާރުކޮޅަށް އަރާވަޑައިގެންނެވި އިރު، އެމަނިކުފާނުގެ ކަނާތް ފަރާތުގައި އޭނާ ހުއްޓާ ކުއްލިއަކަށް ބާރު އަޑަކާއެކު އެއްޗެއް ގޮވައި، ބުރައިގެން ދިޔަ އެތިއެތިކޮޅުތައް ހުރީ އޭނާގެ ވާތަށް ހެރިފަ އެވެ. ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ފަހު އެ އެއްޗެހި އަތުން ނައްޓާފައި ހުރި ނަމަވެސް ހީވަނީ އަތަށް މޮހޮރުތަކެއް ހެރިފައި ހުރިހެނެވެ.
އޭނާގެ ކަނާތާއި، ފަޔަށް ވެސް ވަނީ ހަމަ އެގޮތަށް ބުރައިގެން އައި އެއްޗެހި ހެރިގެން އަނިޔާވެފަ އެވެ. ފައިތިލައިގައި ވެސް އެކި ނިޝާންްތައް ހުއްޓެވެ.
ހަމަލާ ދިން އިރު އެ ހިސާބުގައި ހުރި މީހަކު މިހާރުއާ ވާހަކަ ދައްކަމުން ބުނި ގޮތުގައި އޭތި ގޮވި ގަޑީގައި އިވުނު ބާރު އަޑާއެކު ނަޝީދު ކުއްލިއަކަށް ތިރިވި އެވެ. ބޮޑީގާޑުންނަށް އަނިޔާވެފައި ވަނީ ނަޝީދު ތިރިވެލި ވަގުތު، އެމަނިކުފާނު ވަށައިލުމުންނެވެ.
"ބާރު އަޑަކަށް ފަހު ބޮޑީގާޑުން އެންމެ ފުރަތަމަ މަސައްކަތް ކުރީ ނަޝީދުގެ ކާރަށް އަރުވަން. އެކަމަކު ކާރު ކުރިއަކަށް ނުދިޔަ. ދެން އައި އެހެން ކާރަކަށް އަރުވައިގެން ގެންދިޔައީ،" އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ބުރައިގެން އައި އެތިކޮޅުތައް ނަޝީދު ހަށިކޮޅަށް ވެސް ވަނީ ހެރިފަ އެވެ. އެގޮތުން ނަޝީދުގެ ކަނދުރާ އާއި ފަޔަށް އަނިޔާވެފައިވާ ކަމަށް އޭނާ ބުންޏެވެ.
މިވަގުތު އެމްއެންޑީއެފްގެ ހުރިހާ ސެކިއުރިޓީންނަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލި ނަމަވެސް ނަޝީދު އަދިވެސް އޮތީ އޭޑީކޭގައި ބާއްވައިފަ އެވެ. އަދި މުޅި ސޯސަން މަގާއި އޭޑީކޭ އެތެރެ އެއްކޮށް ބަންދުކޮށްލައިގެން ފުލުހުން ތިބި ނަމަވެސް އެ ސަރަހައްދުގައި އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން މަޑުކޮށްލައިގެން އެބަތިއްބެވެ.
އެއްޗެހި ގޮވި ހާދިސާ ހިނގި ސަރަހައްދު ވެސް ފުލުހުން ވަނީ ބަންދުކޮށްލައިފަ އެވެ. އެ ސަރަހައްދާއި އެތަނާ ގުޅިފައި ހުރި މަގުތަކަށް ފުލުހުންގެ ފޮރެންސިކް އޮފިސަރުން ވަދެ، ލައިޓު ދިއްލައިގެން ބަލާ ފާސް ކުރުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ.