ޗައިނާ މީހަކަށް ދޫނި ރޯގާގެ އެޗް10އެން3 ސްޓްރެއިން ޖެހިގެން ފަރުވާދޭން ފަށާފައިވާ ކަމަށް ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަން (އެންއެޗްސީ) އިން މިއަދު ބުނެފި އެވެ. މިއީ މިހާތަނަށް މި ރޯގާ އިންސާނަކަށް ޖެހުނުކަން ކަށަވަރުވި ފުރަތަމަ ފަހަރެވެ.
މި ވައިރަސް ފެނިފައި ވަނީ 41 އަހަރުގެ ފިރިހެނެއްގެ ހަށިގަނޑުންނެވެ. ޗައިނާގެ ޖިއަަންގްސޫ ޕްރޮވިންސްގައި އޮންނަ އެ ގައުމުގެ އެންމެ ބޮޑު ސިޓީ ޝަންހާއީގެ ހުޅަނގު އުތުރު ހިސާބެއްގައި ދިރިއުޅެމުން އަންނަ އެ މީހާ ހުން އައިސް، ރޯގާގެ އިތުރު އަލާމަތްތައް ފެނުމުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނީ މިދިޔަ އެޕްރީލް މަހުގެ 28 ވަނަ ދުވަހު އެވެ.
އެ މީހާގެ ބައްޔަކީ އެޗް10އެން3 ސްޓްރެއިންގެ ދޫނި ރޯގާކަން ކަށަވަރުވީ މިދިޔަ މަހު 28 ގަ އެވެ.
މި ޚަބަރު ޗައިނާ ސަރުކާރުން ކަށަވަރުކޮށްދީފައި ވިޔަސް އެ މީހާ އަށް ބަލި ޖެހުނު ގޮތެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި ބުނެފައިވަނީ މި ބަލި މާ ބޮޑަށް ފެތުރުމުގެ ފުރުސަތު ކުޑަ ކަމަށެވެ. ބަލި މީހާގެ ހާލު ރަނގަޅު ކަމަށާއި ވަރަށް އަވަހަށް ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ވެސް އެންއެޗްސީ އިން ބުންޏެވެ. ބަލިވި މީހާގެ ކޮންޓެކްޓުންގެ ކިބައިން ވެސް ބަލީގެ އާލާމާތެއް ނުފެންނަ ކަމަށްވެ އެވެ.
އެންއެޗްސީން ބުނީ މިހާތަނަށް އެ މީހާ ފިޔަވައި އިތުރު މީހެއްގެ ގައިން މި ވައިރަސް ފެނިފައިނުވާ ކަމަށެވެ.
"ޖަނަވާރެއްގެ ކިބައިން މި ވައިރަސް އިންސާނެއްގެ ގަޔަށް އަރާފައި ވަނީ އެކްސިޑެންޓަކުން ކަމަށް ބެލެވޭ،" އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
"އަދި މި ބަލި ފެތުރުމުގެ ފުރުސަތު ވެސް ކުޑަ."
ދޫނި ރޯގާ ނުވަތަ "ބާޑް ފްލޫ" އަކީ އާންމުކޮށް ދޫނިސޫފާސޫތްޕަށް ޖެހޭ ބައްޔަކެވެ. ޗައިނާގެ މި މީހާގެ ގައިން ފެނިފައިވާ މި ރޯގާގެ ވައިރަސްގެ ސްޓްރެއިން ކަމަށްވާ "އެޗް10އެން3" އަކީ ވަރަށް މަދުން ނޫނީ ނުފެންނަ ވައިރަސްއެކެވެ.
ރޮއިޓާސް އިން ރިޕޯޓްކުރި ގޮތުގައި މިދިޔަ 40 އަހަރު ތެރޭގައި ދޫނި ރޯގާ ވައިރަސްގެ މި ސްޓްރެއިންގެ ފެނިފައި ވަނީ އެންމެ 40 ކޭސް އެވެ. މި ވައިރަސް ފެނިފައި ވަނީ އޭޝިއާ އާއި އުތުރު އެމެރިކާގެ ބޯ ޖަންގަލިތަކުގައި ދިރިއުޅޭ ދޫނިތަކުން ކަމަށެވެ. އަދި މިހާތަނަށް، އެންމެ އާންމުކޮށް ދޫނި ރޯގާ ޖެހޭ ކުކުޅަކުން ވައިރަސްގެ މި ވައްތަރު ފެނިފައެއް ނުވެ އެވެ.
ޗައިނާ ސަރުކާރުން ބުނީ މިކަމާ ގުޅިގެން ކުރަންޖެހޭ އިތުރު ދިރާސާތައް ކުރަމުން އަންނަ ކަމަށެވެ.