ކޮވިޑް-19 އިން ދިފާއުވުމަށް ޗައިނާގައި އުފައްދާފައިވާ ދެ ވަނަ ވެކްސިން ކަމަށްވާ "ސިނޯވެކް-ކޮރޯނާވެކް" އިމަޖެންސީ ހާލަތުގައި ބޭނުންކުރުމުގެ ހުއްދަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން މިއަދު ދީފި އެވެ.
އިމަޖެންސީ ޔޫސް ލިސްޓުގައި މިހާރު ހިމަނާފައިވާ "ސިނޯވެކް" ވެކްސިން އުފައްދަނީ ޗައިނާގެ ބެއިޖިންގައި ހުންނަ ފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ ސިނޯވެކް އިންނެވެ.
ޑަބްލިއުއެޗްއޯ އިން ބުނީ އިމަޖެންސީގައި ބޭނުންކުރަން ހުއްދަ ދޭ ވެކްސިންތަކުގައި ހުންނަންޖެހޭ ހުރިހާ ކަމެއް މި ވެކްސިންގައި ފުރިހަމަވާ ކަމަށެވެ. އަދި މި ވެކްސިނުން ރައްކާތެރިކަން ލިބޭ މިންވަރާއި ވެކްސިން ބަންދުކުރުމުގެ މިންގަނޑުތައް ވެސް ބައިނަލްއަގުވާމީ ގޮތުން ބަލާ ރައްކާތެރިކަމުގެ މިންގަނޑަށް ފެތޭ ކަމަށް ވަނީ ބުނެފަ އެވެ.
މި ވެކްސިންނަށް އިމަޖެންސީގައި ބޭނުންކުރަން ހުއްދަދިނުމަށް ޑަބްލިއުއެޗްއޯ އިން ވަނީ ވެކްސިން އުފައްދާ ފެސިލިޓީ އަށް ގޮސް އެސަސްމަންޓެއް ހަދައިފަ އެވެ. އަދި މިއީ ގެންގުޅެން ވަރަށް ފަސޭހަ ވެކްސިނެއްކަން ވަނީ ފާހަގަކޮށްފަ އެވެ.
ޑަބްލިޔު.އެޗް.އޯގެ ސްޓްރެޖެޓިކް އެޑްވައިޒަރީ ގްރޫޕް އޮފް އެކްސްޕާޓާސް އޮން އިމުނައިޒޭޝަން (ސޭޖް) ގެ ރިވިއުއަށް ފަހު ބުނީ ވެކްސިން ދެވޭނީ އުމުރުން 18 އަހަރުންގެ މަތީގެ މީހުންނަށް ކަމަށެވެ. މިއީ ވެސް ދެ ޑޯޒް ޖަހަންޖެހޭ ވެކްސިނެކެވެ. މީގެ ދެ ވަނަ ޑޯޒް ޖަހާނީ 2-4 ހަފުތާއާ ތެރޭގަ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ބަލީގެ އަލާމާތްތައް ފެނުން މި ވެކްސިނުން 51 ޕަސެންޓް ކުޑަކޮށްދެ އެވެ. އަދި އެއްވެސް މީހަކު ހޮސްޕިޓަލުގައި އެޑްމިޑްކުރަން ޖެހިފައެއް ނުވެ އެވެ.
މި ވެކްސިނުން ރައްކާތެރިކަން ލިބިދޭ މިންވަރު ބެލުމަށް ކުރި ދިރާސާތަކުގައި އުމުރުން 60 އަހަރުން މަތީގެ މީހުން ބޭނުންކޮށްފައި ވަނީ ވަރަށް މަދުން ކަމަށް ވާތީ، އެ އުމުރުގެ މީހުންނަށް ރައްކާތެރިކަން ލިބޭނީ ކިހާ މިންވަރަކަށް ކަށަވަރު ނުވާ ކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ ބުނެފަ އެވެ. ނަމަވެސް އުމުރުން ދުވަސްވީ މީހުނަށް މި ވެކްސިން ނުދޭން ނާންގާނެ ކަމަށާއި އެއީ ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އުމުރުން ދުވަސްވީ މީހުންނަށް ވެސް މީގެ ރައްކާތެރިކަން ލިބޭ ކަމަށް ފެންނާތީ ކަމަށް ބުންޏެވެ.
ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭން އދ. އިން ގާއިމުކޮށްފައވާ ކޮވެކްސް ފެސިލިޓީގެ ދަށުން ވެސް މި ވެކްސިން ފޯރުކޮށްދޭނެ އެވެ.
ޑަބްލިއުއެޗްއޯގެ އިމަޖެންސީ ޔޫސް ލިސްޓުގައި ހިމެނުނު ޗައިނާގެ ފުރަތަމަ ވެކްސިނަކީ މިހާރު ރާއްޖޭގައި ވެސް ބޭނުންކުރަމުން އަންނަ "ސިނޮފޯމް" އެވެ. މި ލިސްޓުގައި ދެން ހިމެނެނީ ފައިޒާ ވެކްސިނާއި އެސްޓްރަޒެނިކާ އިން އުފައްދަމުން އަންނަ ވެކްސިންގެ އިތުރުން ޖޯންސަން އެންޑް ޖޯންސަން ވެކްސިން އަދި މޮޑާނާގެ ވެކްސިނެވެ.