މިދިޔަ މަހުގެ ހަ ވަަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަަމަލާގައި ލިބުނު ޒަހަމްތަކަށް ޖަރުމަނުގައި އިތުރު ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފައިގެ އޮޕަރޭޝަނެއް މިއަދު ކޮށްފި އެވެ.
އެ މަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު "މިހާރު" އަށް ވިދާޅުވީ، ނަޝީދު ހެއްދެވީ ފައިގައި ޒަހަމް ވެފައި ހުރި ތަނުގެ ސާޖަރީއެއް ކަމަށެވެ. އެ އޮޕަރޭޝަނަށް ފަހު، އެ މަނިކުފާނު ގެއަށް ދޫކޮށްލާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ގެކޮޅު ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރުއްވަން ވަޑައިގަންނަވަނިކޮށް، ނީލޯފަރު ހިނގުމާއި މަޖީދީ މަގާ ގުޅޭ ހިސާބުން ބޮމެއް ގޮއްވައިލުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް އެންމެ ފުރަތަމަ ނަޝީދަށް ފަރުވާ ދިނީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ. އެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓު ޓީމަކުން ވަނީ ނަޝީދުގެ ބޮޑެތި އޮޕަރޭޝަންތަކެއް ކޮށްފަ އެވެ.
އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުގެ 16 ގަޑިއިރުގެ އޮޕަރޭޝަނަށް ފަހު، ނަޝީދު ޖަރުމަނަށް ގެންދިޔައީ އިތުރު ފަރުވާ އަށާއި ބައެއް ތެރަޕީތައް ހެދުމަށެވެ. އެ ގައުމުގެ މިލިޓަރީ ހޮސްޕިޓަލެއްގައި ފަރުވާ ދިނުމަށް ފަހު ނަޝީދު ހޮސްޕިޓަލުން ދޫކޮށްލީ މިދިޔަ މަހުގެ 21 ގަ އެވެ.
ނަޝީދަށް ދިން ހަމަލައާ ގުޅިގެން މިހާތަނަށް ވ. ތިނަދޫ ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގޮއްވައިލި ސައިކަލުގެ ވެރިފަރާތް ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދާއި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ އިތުރުން އެހެން މީހަކު ހައްޔަރުކޮށްފައިވީ ނަމަވެސް އޭނާގެ ވަނަވަރު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.