އެންމެ ފަހުން ރާއްޖެ އަށް ކުރި ގަދަ ވިއްސާރައިގައި ހޯރަފުށި އެއާޕޯޓަށް ލިބުނު ގެއްލުމުގެ މަރާމާތަށް ހަރަދުވީ ތިންލައްކައެެއްހާ ރުފިޔާ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.

އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް "މިހާރު" އަށް ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ އެއާޕޯޓު ހަދަން ސަރުކަރާއެކު ވި އެއްބަސްވުމުގެ މުއްދަތު އަދި ހަމަނުވާތީ އެ އެއާޕޯޓުގެ މަރާމާތުގެ ހުރިހާ މަސައްކަތެއް ކުރީ އެމްޓީސީސީން ކަމަށެވެ.

އެ ވިއްސާރައިގައި ހޯރަފުށި އެއާޕޯޓަށް ލިބުނު ގެއްލުން ހީކުރި ވަރަށް ވުރެ ކުޑަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހާ ބޮޑު ގެއްލުމެއް އަސްލު ނުލިބޭ. ރަންވޭ އަށް ފަސް އަރާފައި ހުރުމުން އެތަން ސާފުކޮށް ޓާމިނަލުގެ މަރާމާތުތަކެއް ކުރަން ޖެހުނީ،" އާޒިމް ވިދާޅުވި އެވެ.

މޫސުން ގޯސްވެ އުދައެރުމުގެ ސަބަބުން ހޯރަފުށީ އެއާޕޯޓަށް ގެއްލުންވެ އޮޕަރޭޝަންތައް ވަގުތުން ހުއްޓާލަން ޖެހުނެވެ. ނަމަވެސް އިއްޔެ އެ އެއާޕޯޓުގެ އޮޕަރޭޝަންތައް ވަނީ އަލުން ފަށައިފަ އެވެ.

މިވަގުތު ހޯރަފުއްޓަށް ދަތުރު މޯލްޑިވިއަން އިން އެކަނި ކަމަށް ވާއިރު، އެއާލައިނުން ހަފުތާއަކު ދެ ދަތުރު ކުރާނެ އެވެ.

ނޮވެމްބަރު 19، 2020 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުއްވައި ދެއްވި މި އެއާޕޯޓު ހެދީ 198 މިލިއަން ރުފިޔާ އަށް އެމްޓީސީސީންނެވެ. މި އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ވަނީ ތަރައްގީކޮށްފަ އެވެ. އަދި ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ހަދައިފަ އެވެ.