ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމަށް މީހަކު ހޯދުމަށް ސިވިލް ސާވިސް ކޮމިޝަނުން އިއުލާނު ކޮށްފި އެވެ.
އެ ކޮމިޝަނުން މި މަގާމަށް އިއުލާނު ކޮށްފައި ވަނީ 70،000ރ. އުޖޫރައަކާ އެކު އެވެ. އެއީ މުސާރައިގެ ގޮތުގައި މަހަކު 54،430ރ.ގެ އިތުރުން، ސާވިސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް 530ރ. އެވެ. މިއީ ސިވިލް ސާވިސްގެ މަގާމްތަކަށް ބަލާއިރު އެންމެ ބޮޑެތި މުސާރަ ދޭ އެއް މަގާމެވެ. މިއީ ސިއްހީ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމުގައި އެންމެ ބޮޑު ޒިންމާއެއް ކަނޑައެޅިފައިވާ އެއް މަގާމެވެ.
މި މަގާމަށް މުސާރަ އާއި ސާވިސް އެލަވަންސްގެ އިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތާއި ޕެންޝަން ވެސް ލިބޭނެ ކަމަށް އިއުލާންގައި ބުނެފައި ވެ އެވެ.
މި މަގާމުގައި ކުރިން ހުންނެވީ ޑރ. ޝީޒާ އަލީ އެވެ. ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މި މަގާމުން ޑރ. ޝީޒާ ވަކިވެވަޑައިގެންފައި ވަނީ މި މަގާމަށް ކަނޑައަޅާފައިވާ "ޓާމް" ފުރިހަމަ ވުމުންނެވެ. މި މަގާމަށް އައްޔަން ކުރަނީ ހަތަރު އަހަރު ދުވަހަށެވެ.
އެ ކޮމިޝަނުން ބުނާ ގޮތުގައި މި މަގާމަށް އައްޔަން ކުރާނީ، ރާއްޖޭގެ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވާ މީހަކަށެވެ. އަދި އޭނާ ވާން ޖެހޭނީ އެ ކައުންސިލުން ގަބޫލުކުރާ ޓީޗިން ހޮސްޕިޓަލެއްގައި އެއް އަހަރު ދުވަހުގެ އިންޓާންޝިޕް ފުރިހަމަ ކޮށްފައިވާ، އެ ކައުންސިލުގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ އޮންނަ މީހަކަށެވެ. އަދި އެ މީހަކީ ސިއްހީ ދާއިރާގެ ހިންގުމުގެ މަސައްކަތުގައި މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ލިބިފައިވާ، ސިއްހީ ދާއިރާއިން އަށް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭ ކަމަށް މި މަގާމުގެ ޝަތުރުތަކުގައި ކަނޑައަޅާފައިވެއެވެ.