އާމިރު ޚާންގެ ކެރިއަރުގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ގުލާމް" ގެ ޝޫޓިން ތެރޭގައި އޭގެ ޑައިރެކްޝަނާ ކުރިން ހަވާލުވި މަހޭޝް ބަޓް ފިލްމުގެ މަސައްކަތުގައި ދޭ ސަމާލުކަން ކުޑަވެގެން އެކަމާ ހިތްޖަަނުޖެހި އެ ފިލްމު ދޫކޮށްލަން އުޅުނު ކަމަށް ލިޔުންތެރިޔާ ރޯޝްމީލާ ބަޓަޗާރިއާގެ ފޮތް "މެޓިނީ މެން" ގައި ބުނެފި އެވެ.
އާމިރާއި ރާނީ މުކަރްޖީ ލީޑް ރޯޅުނު އެކްޝަން ކްރައިމް ޑްރާމާ "ގުލާމް" އަކީ 1998 ގައި ރިލީޒްކުރި ފިލްމެކެވެ. މަހޭޝްގެ ކޮއްކޮ މުކޭޝް ބަޓް ޕްރޮޑިއުސްކުރި ފިލްމުގެ ޑައިރެކްޓަރަކީ ވިކްރަމް ބަޓެވެ. އަދި އޭގެ ސްކްރީންޕްލޭ ލިޔުނީ އަންޖުމް ރާޖަބާލީ އެވެ.
"މެޓިނީ މެން" ގައި ބުނެފައިވާ ގޮތުގައި މަހޭޝް ފިލްމު ޑައިރެކްޝަނާ ހަވާލުވެގެން އުޅުނު އިރު، ފިލްމުގެ މަސައްކަތްތަކަށް ފޯކަސްނުކޮށް، ޝޮޓްތަކަށް ވެސް ވާނުވާ ނުބަލައި އޭނާ އިންނަނީ ގިނަ ފަހަރަށް ކޮންމެވެސް ފޮތެއްގެ ތެރެއަށް ގެއްލިފަ އެވެ.
އެކަމަކާ ހިތްހަމަނުޖެހިގެން އާމިރު އެތައް ފަހަރަކު ޝަކުވާކުރުމުން މަހޭޝް ކަހާތަން ހިރުވާ ވެސް ނުލާ ކަމަށް ބުނެފައިވެ އެވެ. އަދި އެކަމާ އެންމެ ފަހުން ރުޅިގަދަވެގެން، އާމިރު ފިލްމު ދޫކޮށްލާނެކަމުގެ އިންޒާރުދީ، ފިލްމުން ލިބުނު ފީ ވެސް އަނބުރާދޭނެ ތައްޔާރަށް ހުރި ކަމަށް ބުންޏެވެ.
ފޮތުގައި ކިޔައި ދީފައިވާ ގޮތުގައި ވިކްރަމްއާ "ގުލާމް" ގެ ޑައިރެކްޝަން ހަވާލުކުރީ އެ ހިސާބުންނެވެ. އަދި މަހޭޝް ފިލްމުގެ ހުރިހާމަސައްކަތަކުން އަތްދޫކޮށްލި އެވެ. އޭނާ ޑައިރެކްޝަން ހަދަމުން ދިޔަ އިރު ވެސް ފިލްމުގެ މައިގަނޑު ހުރިހާ މަސައްކަތެއްގެ ޒިންމާ ނަގަމުން ދިޔައީ ވިކްރަމެވެ. އަދި އޭނާއާ މެދު އާމިރު ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ.
ފާހަގަކުރެވޭ ކަމަކީ އާމިރާ އެކީ މަހޭޝް "ގުލާމް" ހަދަން ފެށުމުގެ ކުރިން ވެސް އެ ދެ މީހުން އެކީގައި ކާމިޔާބު ފިލްމުތަކެއްގައި މަސައްކަތްކުރި ކަމެވެ. އެއީ 1991 ގެ "ދިލް ހޭ ކި މާންތާ ނެހީ" އާއި 1993 ގެ "ހަމް ހެ ރަހީ ޕިޔާރު ކޭ" އެވެ.
މަހޭޝްގެ ބަދަލުގައި "ގުލާމް" ގެ ޑައިރެކްޝަނާ ވިކްރަމް ހަވާލުވި އިރު އޭނާ އަކީ ކުރިން ވެސް މަހޭޝްއާ އެކު އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެކެވެ. އަދި "ގްލާމް" ގެ ކުރިން ވެސް ފިލްމުތަކެއް ޑައިރެކްޓް ވެސް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޖާނަމް (1992)، ގުނޭގާރް (1995) އަދި ފަރޭބް (1996) ހިމެނެ އެވެ. އެކަމަކު މިއިން އެއްވެސް ފިލްމަކީ މާ ކާމިޔާބު ފިލްމެއް ނޫމެވެ.
ވިކްރަމް ޑައިރެކްޓަރެއްގެ ގޮތުގައި މަޝްހޫރުވީ "ގްލާމް" ގެ ފަހުންނެވެ.
މި ފިލްމަކީ އާމިރުގެ ވަރަށް ހާއްސަ ދެ ކަމެއް އެކުލެވޭ ފިލްމެކެވެ. އެއް ކަމަކީ ފުރާނަ އަށް ނުރައްކާވަރުގެ ވަރުގަދަ ސްޓަންޓެއް ރޭލު ސީނެއްގައި ބޮޑީ ޑަަބަލްއަކާ ނުލައި ހެދުމާއި ފިލްމުގައި އޭނާގެ އަޑުން ރެކޯޑްކުރި ލަވައެއް ވެސް ހިމެނެ އެވެ. އެއީ މިހާރު ވެސް މަޝްހޫރު ލަވައެއް ކަމަށްވާ "އާތި ކިޔާ ކަންޑާލާ" އެވެ.
މީގެ 23 އަހަރު ކުރިން ޖޫން 19، 1998 ގައި ގެނެސްދިން "ގުލާމް" އަކީ އަދިވެސް ފޭނުންނަށް އެންމެ ކަމުދާ އާމިރުގެ ފިލްމުތަކުގެ ތެރެއިން އެއް ފިލްމެވެ.
އޭނާ އަކީ އަބަދު ވެސް ކުޅޭ ކޮންމެ ފިލްމަކަށް 100 ޕަސެންޓްދޭ އެކްޓަރެކެވެ. އެހެންވެ އާމިރުގެ ފިލްމެއް ނަމަ ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމަވާނެ ކަމަށް ބެލުންތެރިން ގަބޫލުކުރެ އެވެ. މިހާރު 56 އަހަރުގެ އެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ "ލާލް ސިންގް ޗައްޑާ" އެވެ.