ހިޔާނާތުގެ ރިޕޯޓް ވީހާވެސް އަވަހަކަށް ނެރެން މަސައްކަތް އެބަ ކުރަން: އޭސީސީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ތަހުގީގުކޮށް، ތައްޔާރުކޮށްފައިވާ ރިޕޯޓް ވީހާވެސް އަވަހަކަށް ނެރެން މަސައްކަތް ކުރަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސް މުއައްވިޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


އެ ހިޔާނާތުގައި ދައުލަތަށް 1.2 ބިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ބުނެފައިވާއިރު އެ ފައިސާ ހޯދުމުގެ މަސައްކަތް ނުފެށި ވަނީ، އޭސީސީގެ ރިޕޯޓް އާއްމު ނުކޮށްގެން ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް މިދިޔަ ހަފުތާގައި ވަނީ ވިދާޅުވެފަ އެވެ.

އޭސީސީގެ ރިޕޯޓު ނިމުނުހާ އަވަހަކަށް، އެ މައްސަލާގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައި ފައިސާ ހޯދުމުގެ ދައުވާތަކާ ހަމައަށް ދާނެ ކަމަށް އަނިލް ވިދާޅުވެފައިވެ އެވެ.

މުއައްވިޒު ވިދާޅުވީ ތަހުގީގު ނިންމައި 600 ސޮފްހާގެ ރިޕޯޓް ފައިނަލްކުރުމުގެ ތެރޭގައި ވެސް އިތުރަށް ބަލަން ޖެހޭ ބައެއް ކަންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިހާރު ކުރަނީ އެކަމާ ގުޅޭ ބަޔާންތައް ހޯދުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރިޕޯޓް އާއްމުކުރެވޭނެ ވަކި ދުވަހެއް އަދި ކަނޑައެއްނާޅާ. އެކަމަކު އަޅުގަނޑުމެން މިބަލަނީ ވީހާވެސް އަވަހަކަށް ރިޕޯޓް އާއްމުކުރެވޭތޯ،" މުއައްވިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބައެއް ފައިސާ އާއި މުދާ ނަހަމަ ގޮތުގައި ދިޔަ ބައެއް ދިމާތައް އޭސީސީގެ ތަހުގީގަށް ވަނީ ފާހަގަކުރެވިފަ އެވެ. ރިޕޯޓް އާއްމުކޮށް، އެ ފައިސާ އާއި މުދާ ހޯދަން ކަމާ ބެހޭ ފަރާތްތަަކަށް ތަފްސީލްތައް ހުށަހަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު އޭސީސީން ތަހުގީގުކުރަން ފެށި މައްސަލައިގެ ރިޕޯޓް ލަސްވާތީ، އެ ކޮމިޝަނަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި ރިޕޯޓުގެ ސައްހަކަމާ މެދު ވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ.

މުއައްވިޒް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން ވަރަށް ބޮޑެތި ހޯދުންތަކެއް އޭސީސީގެ ތަހުގީގު ޓީމުން ހޯދާފައިވާއިރު އެއިން އެއްވެސް ކަމެއް ރިޕޯޓުން އުނި ނުކުރާނެ ކަަމަށެވެ. ރިޕޯޓް ނެރޭނީ މިހާތަނަށް ތަހުގީގަށް ހޯދިފައި ހުރި ހުރިހާ ކަމެއް ހިމެނޭ ގޮތަށް ކަމުގެ ޔަގީންކަން އޭނާ ދެއްވަ އެވެ.

"ތަހުގީގު ޓީމުން ހޯދި ހުރިހާ މައުލޫމާތެއް ރިޕޯޓުގައި ހިމެނޭނެ،" މުއައްވިޒް ވިދާޅުވި އެވެ.

އޭސީސީން ކުރިން ބުނެފައިވާ ގޮތުގައި މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާއިރު، އޮޑިޓް އޮފީހުން އާއްމުކޮށްފައިވާ ފައިސާގެ އަދަދާއި އެ ކޮމިޝަނުން ހޯދި މައުލޫމާތުން ލިބުނު އަދަދުގައި މާ ބޮޑު ތަފާތެއް ނެތެވެ. އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ވަންނަން ޖެހޭ 1.2 ބިލިއަން ރުފިޔާ ވަނީ ގެއްލިފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ އޭސީސީން ވެސް މިހާތަނަށް ތަހުގީގުކުރާ އެންމެ ބޮޑު މައްސަލަ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.