ބޮލީވުޑްގެ ޒުވާން ބަތަލާ އާލިއާ ބަޓް ޕްރޮޑިއުސްކޮށް، ކުޅޭ ފުރަތަމަ ފިލްމު "ޑާލިންސް" ގެ ޝޫޓިން ފެށުމާ އެކު އޭގެ މަސައްކަތް ނިންމާލައި ދެން ހަދާ ފިލްމަކުން ފުރުސަތެއް ދޭން އެދި ޝާހްރުކް ޚާން ސަމާސާކޮށްފި އެވެ.

ފިލްމުގެ ޝޫޓިން ފެށި ވާހަކަ އާލިއާ ހާމަކުރި ޓްވީޓާ އެކު ޝާހްރުކް ބުނީ "ކުޑަމީހާގެ ޕްރޮޑަކްޝަނުން ދެން ހަދާ ފިލްމަކަށް އޭނާ އަށް ފުރުސަތުދޭން އެދޭ" ކަމަށެވެ.

"ޔަގީން ގަޑިއަށް ދާނަން ޝޫޓިން އަށް. އަދި ހުވާކޮށްފައި ބުނަން ވަރަށް ޕްރޮފެޝަނަލް ވެސް ވާނަން." ޝާހްރުކް ބުންޏެވެ.

އޭނާގެ މި ވާހަކަ އަކީ ހަގީގަތުގައި އާލިއާ އަށް މަރުހަބާ ކިޔައި ހިތްވަރުދޭން ކުރި ޓްވީޓެކެވެ. ޝާހްރުކްގެ ޓްވީޓްގެ ޖަވާބުގައި އާލިއާ ހިނިގަނޑެއް ޖަހާފައި ބުނީ އެއަށް ވުރެ ބޮޑު އުފަލެއް ނެތް ކަމަށާއި ޑީލް ކަށަވަރު ކަމަށެވެ.

"ވަރަށް ލޯބިވޭ މަގޭ ފެވަރިޓް ދެކެ،" އޭނާ ބުންޏެވެ.

"ޑާލިންސް" އަކީ ޝާހްރުކްގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި އާލިއާގެ ފިލްމު ކުންފުނި ސަންޝައިން ޕްރޮޑަކްޝަން ގުޅިގެން ހަދާ ފިލްމެކެވެ. އެހެންވެ މިއީ އާލިއާ އަށް ފިލްމަކުން ޕްރޮޑިއުސަރެއްގެ ކްރެޑިޓް ލިބޭނެ ފުރަތަމަ ފިލްމެވެ.

ޑާކް ކޮމެޑީ ޖޯންރާގެ "ޑާލިންސް" އަކީ ސްކްރީން ރައިޓަރު ޖަސްމީތު ކޭ ރީން ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ. މީގެ ކާސްޓްގައި ވިޖޭ ވަރުމާ އާއި ޝެފާލީ ޝާހް ވެސް ހިމެނެ އެވެ.

"ޑާލިންސް" ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

ޝާހްރުކާ ގުޅިގެން އާލިއާ ފިލްމެއް ޕްރޮޑިއުސްކުރާ އިރު ޑައިރެކްޓަރު/ޕްރޮޑިއުސަރު މަހޭޝް ބަޓްގެ ދަރިފުޅު 2012 ގައި ބޮލީވުޑަށް ތައާރަފުވި ކަރަން ޖޯހަރްގެ "ސްޓޫޑަންޓް އޮފް ދި އިޔާ" އަކީ ކަރަންގެ ދަރުމާ އާއި ޝާހްރުކްގެ ރެޑް ޗިލީޒް ގުޅިގެން ގެނެސްދިން ފިލްމެކެވެ. އަދި އާލިއާ ވަނީ ޝާހްރުކާ އެކީ ވެސް ފިލްމެއް ކުޅެފަ އެވެ. އެއީ ރެޑް ޗިލީޒް އާއި ދަރުމާގެ އިތުރުން ޑައިރެކްޓަރު/ޕްރޮޑިއުސަރު އާރް ބަލްކީގެ ހޯޕް ޕްރޮޑަކްޝަނުން 2016 ގައި ގެނެސްދިން "ޑިއާ ޒިންދަގީ" ގަ އެވެ. އެ ފިލްމަކީ ބަލްކީގެ އަންހެނުން ގޯރީ ޝިންޑޭ ޑައިރެކްޓްކުރި ފިލްމެކެވެ.