ސަލްމާން ޚާނާއި އާލިއާ ބަޓާ އެކު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ 2019 ގައި ހަދަން އިއުލާންކުރި ފިލްމު "އިންޝާﷲ" އިން ސަލްމާން އެންމެ ފަހުން ވަގުތު ވަކިވުމުން އޭގެ މަސައްކަތް ހުއްޓާލާފައި އޮތުމަށް ފަހު އެ ފިލްމާ ބެހޭ އާ ވާހަކަތަކެއް އަނެއްކާ ވެސް ދެކެވެން ފަށައިފި އެވެ.

މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަލްމާން ފިލްމު ދޫކޮށްލިޔަސް، އާލިއާ ބަތަލާއަކަށް ލައިގެން ފިލްމު ގެނެސްދިނުމަކީ ބަންސާލީ ކުރާނެ ކަމެކެވެ. އެގޮތުން ޝާހްރުކް ޚާން ފިލްމުން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް މިދިޔަ އަހަރު ބައެއް މީޑީއާތަކުން ބުންޏެވެ.

"އިންޝާﷲ" އަށް ބޭނުން ވަނީ ސީނިއާ އެކްޓަރެކެވެ. މިއީ އެމެރިކާގައި ދިރިއުޅޭ އެމެރިކާގެ ދުވަސްވީ ވިޔަފާރިވެރިޔަކާއި އިންޑިއާގެ ޒުވާން ބަތަލާއެއްގެ އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭ ފިލްމެކެވެ. ސަލްމާން ފަހު ވަގުތު ފިލްމު ދޫކޮށްލުމުން އާލިއާ އެކު ބަންސާލީ ގެނެސްދޭން އިއުލާންކުރި ފިލްމަކީ މިހާރު ޖުލައި 30 ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް "ގަންގޫބާއީ ކަތިއަވާޅީ" އެވެ.

ރިޕޯޓްތައް މިހާރު ބުނާ ގޮތުން "އިންޝާﷲ" ރިތިކް ރޯޝަނަށް ހުށަހެޅުމުން އޭނާ އަށް ސްކްރިޕްޓް ވަރަށް ކަމުގޮސްފައިވެ އެވެ. އެހެންވެ މިހާރު ސޮއިކޮށްފައި އޮތް ދެ ފިލްމު ކަމަށްވާ "ވިކްރަމް ވޭދާ" ގެ ހިންދީ ރިމޭކާއި "ފައިޓާ" ގެ މަސައްކަތް ކުރިއަށްދާ ގޮތަށް ބަލައިފައި އޭނާ ފިލްމަށް ސޮއިކުރާނެ އެވެ.

ރިތިކް މިހާރު އަންނަނީ "ވިކްރަމް ވޭދާ" ގެ ޝޫޓިން ފަށަން ތައްޔާރީތައްވަމުންނެވެ. ސިދާތު އާނަންދު ޑައިރެކްޓްކުރާ އަދި ދީޕިކާ ޕަދްކޯން ބަތަލާގެ ރޯލު ކުޅޭ "ފައިޓާ" އަކީ އަންނަ އަހަރުގެ ސެޕްޓެމްބަރު 30 ގައި ސިނަމާތަކަށް ގެންނަން ނިންމާފައި އޮތް ފިލްމެކެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ ހަމަޖެހިލައިގެން ފިލްމުގެ މަސައްކަތްކުރެވޭ ގޮތަށް އަދި އެހެން ޝޫޓިންތަކަށް ބުރޫނާރާ ގޮތަށް ބަންސާލީ "އިންޝާﷲ" ގެ މަސައްކަތް ތަރުތީބުކޮށްދޭ ނަމަ ރިތިކް ފިލްމަށް ސޮއިކުރާނެ އެވެ. އޭނާ ފިލްމަށް އެއްބަސްވެއްޖެ ނަމަ މިއީ އާލިއާއާ އެކު ކުޅޭ ފުރަތަމަ ފިލްމަށްވާނެ އެވެ. އަދި މި ޖޯޑު ވާނީ ވަރަށް ޝައުގުވެރި ޖޯޑަކަށެވެ.

ރިތިކް ކުރިން ވެސް ބަންސާލީއާ އެކު މަސަައްކަތްކޮށްފައިވެ އެވެ. އެއީ އައިޝްވާރިއާ ރާއީ ބަތަލާގެ ރޯލު ކުޅުނު 2010 ގެ "ގުޒާރިޝް" އެވެ.

"ގަންގޫބާއީ" އަށް ފަހު ބަންސާލީ ހަދަން އިއުލާންކޮށްފައި އޮތް ފިލްމަކީ "ބައިޖޫ ބަވްރާ" އެވެ. އެހެންވެ "އިންޝާﷲ" ގެ މަސައްކަތް ފަށާނީ އޭގެ ފަހުން ކަމަށް ބެލެވެ އެވެ.