ޝޫޓިން ފެށުމުގެ ތައްޔާރީތައްވެފައި ވަނިކޮށް 2019 ގައި ސަލްމާން ޚާން ދޫކޮށްލި، ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "އިންޝާﷲ" އެހެން އެކްޓަރަކާ އެކު ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެ ފިލްމަކީ ސަލްމާނާއި އާލިއާ ބަޓާ ބަންސާލީ ގެނެސްދޭ ނިންމި ފިލްމެކެވެ. ނަމަވެސް ފިލްމުގެ ޝޫޓިން ފަށަން ކުޑަތަންވެފައި ވަނިކޮށް ސަލްމާން ފިލްމު ދޫކޮށްލުމުން އޭގެ މަސައްކަތް ހުއްޓާލައި ބަންސާލީ ވަނީ އާލިއާއާ އެކު "ގަންގްބާއީ ކަތިއާވާޅީ" ކިޔާ ފިލްމެއްގެ މަސައްކަތް ފަށައިފަ އެވެ.

މިހާރު ޝޫޓިން ނިމުމަކާ ގާތަށް އައިސްފައި އޮތް އެ ފިލްމަކީ ބަންސާލީ މި އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ ފިލްމެކެވެ.

ވަރަށް އަސަރުގަދަ ލޯބީގެ ވާހަކައަކަށް ހަދަން އުޅުނު "އިންޝާﷲ" އިން ސަލްމާން ވަކިވި ސީދާ ސަބަބެއް މިހާތަނަށް ރަސްމީކޮށް ސާފެއް ނުވެ އެވެ. އެކަމަކު ކުރިން މީޑިއާތަކުން ބުނެފައި ވަނީ އޭނާ ފިލްމު ދޫކޮށްލީ ޒުވާން ބަތަލާ އާލިއާއާ އެކު ފިލްމުގައި ވަރަށް ގިނަ އަދަދަކަށް ގައިގޯޅި މަންޒަރުތަކެއް ކުޅެން ޖެހޭތީ އެކަމާ ދޭތެރޭ ހިތްހަމަނުޖެހިގެންނެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ސަލްމާން "އިންޝާﷲ" ދޫކޮށްލިޔަސް އެ ފިލްމަކީ ބެލުންތެރިންނަށް ބަންސާލީގެ ގެނެސްދޭނެ ފިލްމެކެވެ. އަދި ހަމަ އާލިއާ ބަތަލާއަކަށް ލައިގެން އެހެން އެކްޓަރަކާ އެކު ފިލްމު ގެނެސްދޭން މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށް އެ ނޫހުން ބުންޏެވެ. "އިންޝާﷲ" އަކީ އެމެރިކާގައި ދިރިއުޅޭ އިންޑިއާގެ ނުފޫޒު ގަދަ ދުވަސްވީ ވިޔަފާވެރިއަކާއި އިންޑިއާގެ ޒުވާން ބަތަލާއެއްގެ ލޯބީގެ ވާހަކަ ކިޔައިދޭނެ ވަރަށް ސާދާ ރީތި ވާހަކައެއް ކަމަށް މީޑިއާތަކުން ބުންޏެވެ.

މި ފިލްމަށް ބޭނުން ވަނީ 50 އަހަރުން މަތީގެ އެކްޓަރަކު ކަމަށްވާތީ ފިލްމަށް ނަގައިފާނެ ކަމަށް ބެލެވޭ އެކްޓަރުންގެ ލިސްޓްގެ ކުރީގައި އުޅެނީ ޝާހްރުކް ޚާން ކަމަށް ހަންގާމާ އިން ބުންޏެވެ. ސަލްމާން "އިންޝާﷲ" ދޫކޮށްލި ދުވަސްވަރު ވެސް ޝާހްރުކަށް ފިލްމު ހުށަހެޅިކަމުގެ އަޑުތަކެއް އެރި އެވެ.

އޭނާ އަކީ ބަންސާލީ 2022 ގައި ގެނެސްދިން "ދޭވްދާސް" ގެ ބަތަލެވެ.

ބަންސާލީއާ އެކު ސަލްމާން ކުރިން މަސައްކަތްކުރި ފިލްމުތަކުގެ ތެރޭގައި "ޚާމޯޝީ" އާއި "ހަމް ދިލް ދޭ ޗުކޭ ސަނަމް" ގެ އިތުރުން "ސާވަރިޔާ" ހިމެނެ އެވެ.

ބަންސާލީ "އިންޝާﷲ" ގެނެސްދިނުމާ ގުޅޭ މަޝްވަރާތަކުގައި އުޅުނަސް ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނެ އިރެއް އަދިއެއް ނޭނގެ އެވެ. އޭނާ ވަނީ "ބައިޖޫ ބަވްރާ" ކިޔާ ފިލްމެއް ވެސް އިއުލާންކޮށްފަ އެވެ. އެ ފިލްމު 2019 ގައި އިއުލާންކުރީ މި އަހަރުގެ ދިވާލީގައި ސިނަމާތަކަށް ގެންނަ ގޮތަށެވެ.

ދެހާސް އަށާރައިގެ "ޕަދުމާވަތު" އަށް ފަހު ބަންސާލީ ގެނެސްދޭ "ގަންގްބާއީ" ރިލީޒްކުރާނެ ތާރީހެއް ވެސް އަދި އިއުލާނެއްނުކުރެ އެވެ.