ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
05 ޖުލައި 2021 - 15:27
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުން ބޭނުން ނަމަ އެ އަށް ވުރެ ފެންވަރު ރަނގަޅުކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ "ވިނަރެސް" ފްލެޓަށް ބަދަލުވުމުގެ ފުރުސަތު އެންމެންނަށް ދީ، އެ ކަމަށް އެދި ނަން ނޯޓުކުރުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ސަރުކާރުން އިތުރުކޮށް ދީފި އެވެ.
ހައުސިން މިނިސްޓްރީން ކުރިން އިއުލާންކުރި ގޮތުން ނަމަ، ހިޔާ ފްލެޓްތައް ލިބުނު މީހުންގެ ތެރެއިން ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުން ބޭނުން ނަމަ ސަރުކާރުން ކުރިއަށް ގެންދާ ގޯތިގެދޮރު މަޝްރޫއުގެ ތެރެއިން މަޝްރޫއަކަށް ފުރުސަތު ބަދަލު ކުރެވިދާނެ އެވެ.
ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކަށް ބަދަލުވާން ބޭނުން ނަމަ ފަންނީ މީހުންނަށް ތިން މަސް ދުވަހުގެ މުއްދަތެއް އޭރު ދޭން ނިންމި އެވެ.
އެކަމަކު ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން، "މިހާރު" އަށް މިއަދު ވިދާޅުވީ، މި މަހުގެ ނިޔަލަށް މުއްދަތު އިތުރުކުރިއިރު އެ މިނިސްޓްރީން ނިންމާފައި ވަނީ ހިޔާ މަޝްރޫއުން ފްލެޓް ލިބުނު ކޮންމެ މީހަކަށް ވެސް "ވިނަރެސް" ފްލެޓަށް ބަދަލުވުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.
އެގޮތަށް ބަދަލުކުރީ ފަންނީ މީހުންނަށް އެކަނި ފުރުސަތު ހުޅުވައިލުމުން، އެ ނޫން ކެޓަގަރީތަކުގެ ބައެއް މީހުން ވެސް "ވިނަރެސް" ފްލެޓަށް ބަދަލުވުމަށް އެދޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވިނަރެސް" މަޝްރޫއު އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިއްކާފައިވާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުން އަންނަ 13 ބުރީގެ 10 ޓަވަރުގެ މަސައްކަތެވެ. އެ ތަންތަނުގައި 1،344 ފްލެޓު ހުންނާނެ އެވެ.
ހިޔާ ފްލެޓްގެ ބަދަލުގެ ގޮތުގައި ވިނަރެސް ފްލެޓް އެ މީހުންނަށް ދޭން ނިންމީ އެއީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ އަވަހަށް ނިމެނޭ މަސައްކަތަކީ އެއީ ކަމަށް ވާތީ އެވެ. އެ މަސައްކަތް އަންނަ މެއި މަހުގެ ތެރޭގައި ނިމެނޭ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.
މި ތަންތަން ދޭނީ އެ ކުންފުނިން ކަނޑައަޅާފައިވާ އަގުތަކުގަ އެވެ.
ވިނަރެސް މަޝްރޫއުގައި ހިމެނޭ ހުރިހާ ޓަވަރެއްގައި ވެސް ހުންނާނީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. އެއީ ހަތަރު ވައްތަރެއްގެ އެޕާޓްމަންޓްތަކެކެވެ. އެގޮތުން އެ ތަނުގައި ހިމެނެނީ މެރީނާ ވިއު އާއި އިނާ ވިއު އަދި އައުޓާ ވިއުގެ އިތުރުން ސްޓޭންޑާޑް ވިއު އެވެ.
އިނާ ވިއު، އައުޓާ ވިއު އަދި މެރީނާ ވިއު އެޕާޓްމަންޓްތަކުގެ ބޮޑުމިނުގައި 902 އަކަފޫޓު ހުންނާނެ އެވެ. އެ ތަންތަނުގައި ތިން ކޮޓަރި އާއި ތިން ފާހާނާ އަދި ބެލްކަންޏެއް ވެސް ހުންނާނެ އެވެ. ސްޓޭންޑާޑް ވިއު އެޕާޓްމަންޓްތަކުގެ ބޮޑުމިނުގައި ހުންނާނީ 883 އަކަފޫޓެވެ. މި ތަންތަނުގައި ވެސް ތިން ކޮޓަރި ހިމެނޭ ގޮތަށް ތިން ފާހާނާ އާއި ބެލްކަންޏެއް ހުންނާނެ އެވެ.
މި ފްލެޓްތަކުގެ އަގު އުޅެނީ 2.5 މިލިއަނާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީކުރީ ދެ ކޮޓަރީގެ 6،720 ފްލެޓެވެ. އެ ފްލެޓްތައް ލިބުނު މީހުންނާ އެކު މި މަހުގެ 14 ވަނަ ދުވަހު އެއްބަސްވުމުގައި ސޮއިކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. ޖުމުލަ 25 އަހަރަށް ބަހާލައިގެން މަހު ކުލީގެ ގޮތުގައި 7،500 ރުފިޔާއާ އެކު ސާވިސް ފީގެ ގޮތުގައި 1،000 ރުފިޔާ މި ފްލެޓްތަކުން ނަގާނެ އެވެ. ފިނިޝިން މަސައްކަތް ވެސް ކުރަން ޖެހެނީ ފްލެޓް ލިބޭ މީހުންގެ އަމިއްލަ ހަރަދުގަ އެވެ.
ވިނަރެސް ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ނިމޭއިރު، ލިވިން ރޫމާއި ކޮޓަރިތަކުގައި ހުންނާނީ ތަށިމުށި ޖަހައިފަ އެވެ. ފާހާނާގެ ތަޅުމާއި ފާރުގައި ވެސް ތަށިމުށި ޖަހައި ފާހާނާގައި ފިކްސްޗާސްތައް ވެސް ހަރުކޮށްފައި ހުންނާނެ އެވެ. އަދި ބަދިގެ ކަބަޑު ސެޓު ވެސް ފާރުގައި ހަރުކޮށްފައި ހުންނާނެ އެވެ. ބެލްކަނި ހުންނާނީ ދޮންނަ މެޝިން ބެހެއްޓޭ ގޮތަށެވެ. ލިވިން ރޫމާއި ކޮޓަރިތަަކުގައި ވެސް އޭސީ ހަރުކޮށްފައި ހުންނާނެ އެވެ.
އެކަމަކު ވިނަރެސް އެޕާޓްމަންޓްތައް ހަވާލުކުރާއިރު އެތަނުގައި ފަރުނީޗަރެއް ނުހުންނާނެ އެވެ.
މި ތަންތަން ވިއްކުމަށް ހުޅުވާލާއިރު ޑައުންޕޭމަންޓްގެ ގޮތުގައި ވެސް ވަކި ވަރެއް ދައްކަން ޖެހޭނެ އެވެ. އެކަަމަކު ވިއްކުމަށް ހުޅުވާލުމުގެ ކުރިން ހިޔާ ފްލެޓް ދޫކޮށްލި މީހުންނަށް އެ މީހުން ބޭނުން ތަނަކުން ބޭނުން އެޕާޓްމަންޓެއް ނެގުމުގެ ފުރުސަތު ވެސް ދޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހުތާން
06 July 2021
ކާކުހޭ ބޭނުންވާނީ ތިންގުނަ އަގު ބޮޑެއް ނޫންހޭ؟ އަގު ކުޑާވޭހޭ؟؟؟
ބަބޫ
06 July 2021
އޭބަލަ މިކިޔާއެއްޗެއް. ކޮތަރު ކޮށީގައިހުރީ 600 އަކަފޫޓު އެއީ ދެކޮޓަރި ކޮޓަރިއަކަށް 300 އަކަފޫޓް. ވިނަރެސްގަ 3 ކޮޓަރިޔަށް 900 އަކަފޫޓު. ހަމަ ކޮޓަރިޔަކަށް 300 އަކަފޫޓު. ކޮޓަރިތަށް ދެތަނުގަވެސް މިވަނީ އެއްވަރު. ލަގްޒަރީ އަކީ ނަމެއް. ތަނުގެ ސައިޒު އެއްވަރު. ކިހާ ހެއްވާ
އިބްރ
05 July 2021
ތަނެއް ދޮރެއް ބަލައިނުލާ އުނިކޮށްލި ފްލެޓްތަކުގެ ޙައްޤުވެރިންނަށް ފްލެޓް ދޭނެ ގޮތެއް ނޭނގިގެން. މި ސަރުކާރަކަށް ފްލެޓެއް ނޭޅޭނެ. ތިންއަހަރު ނިމިދިޔައިރު އިންޑިޔާ ކުންފުންޏަކަށް ފްލެޓްކޮޅެއް އަޅަން ހަވާލުކުރެވުނީ ކިޔިޔާ. މިހާރުވެސް އިންޑިޔާ ކުންފުންޏަކަށް ނަޝީދު ސަރުކާރުގައި ފްލެޓް އަޅަން ދޫކުރި ބިންތަށް އެހެރީ މާލޭގަ ހުސްކޮށް. އިންޑިޔާމީހުން ރާޢްޖޭގެ ތަރަށްޤީއަށް ކަމެއް ނުކުރާނެ.
ޙާމަ
05 July 2021
ނަނަމަ ލިބިފައޮތްތަންކޮޅު ދޫކޮއްނުލާތި..އޭރުން 2 މީދާ ފެ ހި ބުޅަލައް ވީވަރުވެސް ނުވާނެ...ކޮންމެވެސް އެއްޗެކޭ ކިޔައިގެން ސަރުކާރުގެ ބޮޑުންގެ ކޮންމެވެސް ބަޔަކަށް ދޭ ން އެޢުޅެނީ...މިސަރުކާރުން ރައްޔިތުންއަށް އަޅާދިން އެއްވެސް ތަނެއް އަދިނެތް...5 އަހަރުވެގެންދާއިރު ކޮއްދެވުނީ ކޮންކަމެއް..
ަހުސެންދީދީ
05 July 2021
މާލޭގަ މާލޭގެ ރައްޔިތުން ބިކަކޮއްފި. އަތޮޅުތަކުން މައިން ބަފައިންގެ ބޮޑެތި ގެދޮރު ހުއްޓަސް އެމީހުންނަށް ފުލެޓުލިބޭ. މާލޭ ރައްވެއްސަކަށް މައިންބަފައިންގެ އުޅެވޭވަރުގެ ތަންކޮޅެއް ނެތަސް އެމީހަކު ފުލެޓު ލިބުމުން މަހުރޫމު ކޮއްލާ،، މީ ކޮންކަހަލަ އިންސާފެއްތޯ. ހިޔާފުލެޓުންވެސް 85 ޕަސެންޓަކީ އަތޮޅުތަކަށް ދީފަ ހުރި ބައި. މުއިޒު އިސްތިއުފާ
ޥނވޖވޖ
06 July 2021
އަތޮޅޭ މާލެއޭ ކިޔާނެކަމެއްނެތް. ހުޅުމާލެއަކީ ހަމައެކަނި މާލެމީހުންގެ މުދާގަނޑެއްކަމަށް ތިދެކޭ ކޮށިވިސްނުން ދޫކޮށްލަބަލަ. ދައުލަތަށްވަންނަހާ ފައިސާއެއް މާލެއާ މާލެކައިރީ ސަރަހައްދުގެ ތަރައްގީއަށް ރާއްޖެތެރޭމީހާ ކުޑަވައިއިނގިއްޔެއްގަ ރިއްސާލިޔަސް މާލެ. ބަލަ ހައްގުތަކަކީ ހަމައެކަނިމާލެމީހާއަށް އޮންނަންޖެހޭ އެއްޗެއްނޫނޭ. މާމާލެވެގެން އުޅުމަކީ މިޒަމާނުގަ މަލާމާތްލިބެކަމެއް. ކަލޭމެންއުޅޭގޮތުން އަފިރިންހާދަ މަލާމާތެއް ރައްދުކުރަމޭ ތަމެންނަށް. ހުއް
މާލޭގެސްތުހައުސް
06 July 2021
އަތޮޅުތަކުގައި ބޮޑެތި ބިންތަކުގައި ގެސްޓްހައުސް އަޅާލާފަ ހުންނާތީ ބިމުގެ ވެރިން ހޯދިއިރު އެނގުނީ ގިނައީ މާލޭގެ ބޭފުޅުންގެ ބިންތައްކަން. ޚާއްޞަކޮށް ލ.އަތޮޅުގެ ބޮޑެތިބިންތަކަކީ މާލޭ ބޭފުޅުންނަށް މަމޫނު ސަރުކާރުގައި ދީފައި ހުރިތަންތަން. ގަނޑުވަރު ފަދަ ގެސްޓު ހައުސްތައް ހުރީ މި ބިން ބިމުގައި. މާލޭގެ ބޮޑުގެ 60 ބުރިއަށް ނަގާ ކުއްޔަށްދީ ރަށްރަށުގެ ބިމުގައިވެސް ގެސްޓުހައުސް ހަދައިގެން ތިބެ މި ކިޔަނީ މާލެޔޭ ރަށްރަށެ. މާލޭ ބޭފުޅިޒަމް ގޭންގް މައްސަލައަކީ.
އެމެރިކާ
05 July 2021
ރައިސް ޔާމިން ވަނީ ހުޅުމާލެ ފޭސް 2ގަ ވަރައްގިނަ ފްލެޓުއަޅާފަ. އެތަނުން ކޮމްމެ ފުލެޓެއް ދިނަސް ރައިސް ޔާމިންގެ ދައުރުގަ އެޅިތަނަކައް ވާނީ
ސަމއ
05 July 2021
ތިކަން ކުރިން އެގޭނަމަ މަވެސް ލީމުސް ސޯސަލް ހައުސިން އަށް ކޮށްފާ ދެނީ ލަގްޒަރީ ކޮބަ އެހެން މީހުންގެ ހައްގި
އަލީ ރަމީޒު
05 July 2021
މާލޭގެ ރައްޔިތުންނަށް ޖެއްސުންނުކޮށް ވީހާއަވަހަށް މުއިޒު އަވަހަށް އިސްތިއުފާ ދެއްވުމަކީ ވަރަށް ރަގަޅު ކަމެއް، މާލޭ އޭރިޔާއިން ފުރުސަތުދެނީ މުޅިންވެސް އަތޮޅުތަކުގަ ދިރިއުޅޭ ރައްޔިތުންނަށް. އިސްތިއުފާ މުއިޒު
ޢަބްދުﷲ ޢަލީ
05 July 2021
ހިޔާ ފްލެޓަކީ ކޮންމެ ސަރުކާރެއްގެ މަޝްރޫޢެއް ކަމުގައި ވިޔަސް، އެތަނުން ފެންނަނީ، އަދި ދިރިއުޅެން ފެށުމުން އެތަން ސިފަވެގެން ދާނީ ތޮއްޖެހިފައިވާ، ޖާގަދަތި، އުނދަގޫ ވެއްޓެއްގެ ގޮތުގައި. ހަމަ މިނޫންގޮތެއް ނެތިގެންބާ މިގޮތަށް މިކަން ކުރީ؟ އާކިޓެކްޓެއްގެ ހައިސިއްޔަތުން ބަލާލަން ވަރަށް ދަތި މަންޒަރެއް. އެތައް ހާސް ބައެއް، އެތައް އަހަރުތަކަކަށް ލޯނެއްގަ ބެދިގެން ދާނީ މިކަހަލަ ތަނަކަށް ފައިސާ ދައްކަމުން؟؟؟
އަލީ ރަސީދު
05 July 2021
އަތޮޅުތަކުގަ ދިރި އުޅޭމީހުނަށް މުއިޒު މިތަނުން އިސްކަން ދެއްވާނަނަތޯ އެވެ. ސަބަބަކީ މުއިޒު ހޮވީ އަހަރުމެން މާލޭ ދަފުތަރުގަ ޖެއްސުވީމަނޫންތޯ އެވެ