މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބައެއް މީހުންގެ ވަކީލުން އެ މައްސަލަ އިން އަމިއްލައަށް ތަނާޒުލްވެއްޖެ އެވެ.

ނަޝީދަށް ދިން ހަމަލާގެ ތުހުމަތަށް އަށް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ އިރު އޭގެ ތެރެއިން ބައެއް މީހުންނަށް، ވަނީ ވަކީލުން ހަމަޖައްސައިފަ އެވެ. ވަކީލުން ހަމަޖެއްސި ކަމެއް ވެސް ތުހުމަތު ކުރެވޭ ބައެއް މީހުންނަށާއި އެ މީހުންގެ އާއިލާތަކަށް ނޭނގޭ އިރު، ހަމަލާ އަށް ފަންޑު ކުރި ބަޔަކު އަޑީގައި ތިބެގެން ވަކީލުން ހަމަޖެއްސި ކަމަށް ތުހުމަތުވާ ކަންކަން ހުރި ކަމަށް "މިހާރު" އަށް ވަނީ އެނގިފަ އެވެ.

އެހެން ނަމަވެސް، ހަމަޖެއްސި ބައެއް ވަކީލުން މިހާރު އަމިއްލަ އަށް މައްސަލަ އިން ތަނާޒުވުލްވެފައިވާކަން "މިހާރު"އަށް އެނގިފައިވެ އެވެ. އެ ވަކީލުން ވަނީ މައްސަލަ އިން ތަނާޒުލްވިކަން ރަސްމީކޮށް ކަމާ ބެހޭ ފަރާތްތަކަށް އަންގައިފަ އެވެ. ނަމަވެސް، ތަނާޒުލްވީ ކީއްވެ ކަމެއް އެނގިފައެއް ނުވެ އެވެ.

ބޮމުގެ ހަމަލާގެ ތުހުމަތު ކުރެވޭ މީހުންނަށް ބަޔަކު ވަކީލުން ހަމަޖެއްސުމުން ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު މީގެ ކުރިން ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.

ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައްޔަރުކޮށްފައިވާ ބައެއް މީހުންގެ ވަކީލުންގެ ގޮތުގައި ހަމަޖެއްސީ ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމުގައި ހުންނަވަނިކޮށް މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމުން އިސްތިއުފާ ދެއްވި މުހައްމަދު ރާގިބު އަހުމަދުގެ ލޯ ފާމްގެ ބައެއް ބޭފުޅުން ކަމަށެވެ.

ނާޒިމް ތުހުމަތު ކުރެއްވި ގޮތުގައި ހަމަލާގެ އަޑީގައި ތިބި ބައެއްގެ މައުލޫމާތު ރާގިބަށް އެނގިވަޑައިގަންނަވާނެ އެވެ. އަދި އޭނާ ތުހުމަތު ކުރެއްވީ، ވަކީލުން ހަމަޖެއްސީ މާލޭގެ ގޭންގަކުން ބުނެގެން ކަމަށެވެ.

ނަޝީދަށް ދިން ހަމަލާގެ ތުހުމަތަށް މިހާތަނަށް އަށް މީހަކު ހައްޔަރުކޮށްފައިވާކަން ހާމަކޮށްފައި ވިޔަސް އޭގެ ތެރެއިން ވަނަވަރު ހާމަކޮށްފައިވަނީ ފަސް މީހެއްގެ އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައި ވަނީ ހަމަލާއަށް ފަހު ފުލުހުން ޓެރަރިޒަމާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގެ ތެރެއިނެވެ.

ވަނަވަރު ހާމަކޮށްފައިވާ މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން، ދުންފިނިއުފާ އަހްމަދު ފާތިހުގެ އިތުރުން ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް އެވެ.

ޓެރަރިސްޓް ހަަމަލާ އިން ލިބުނު ޒަހަމްތަކާ ގުޅިގެން ބޮޑެތި އޮޕަރޭޝަންތަކެއް ނަޝީދު ވަނީ އޭޑީކޭގަ އާއި ޖަރުމަނުގައި ވެސް ކުރައްވައިފަ އެވެ. މިހާރު ހުންނެވީ އިތުރު ފަރުވާ ހޯއްދަވަން އިނގިރޭސިވިލާތުގަ އެވެ.