ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަމުން އަންނަ ވެކްސިންތަކުގެ ތެރެއިންް ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް މިއަދުން ފެށިގެން އެޕޮއިންޓްމެންޓް ހައްދަން ޖެހޭނީ އެޗްޕީއޭގެ ޕޯޓަލަކުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
މިވަގުތު ދެވަަނަ ޑޯޒް ޖަހައިދެމުން އަންނަނީ ފެބްރުއަރީ އަދި މާޗު މަހު ފުރަތަމަ ޑޯޒް ޖެހި މީހުންނަށެވެ.
ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމެންޓް ދޫކުރާ ގޮތަށް ހަމަޖެއްސުމާ އެކު ކިއުބީ މެދުވެރިކޮށް ކުރިން ދޫކުރަމުން އައި ގޮތަށް އެޕޮއިންޓްމެންޓް ދޫކުރުން ވަނީ ހުއްޓާލައިފަ އެވެ. އަދި އެއްވެސް ވެކްސިނޭޝަން ސެންޓަރަކުން ވެސް ދެވަނަ ޑޯޒް ޖެހުމަށް ނަމްބަރު ދުލެއް ނުކުރާނެ އެވެ.
ދެވަނަ ޑޯޒް ޖެހުމަށް ބޭނުންވާ މީހުން ޖެހޭނީ އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެމީހެއްގެ މައުލޫމާތު ފުރިހަމަކުރުމަށް ފަހު، ވެކްސިން ޖަހަން ދެވޭނެ ގަޑިއާއި ތާރީހު، އެއިން އިހުތިޔާރު ކުރާށެވެ. އަދި އެމީހަކަށް އެޕޮއިންޓްމެންޓް ހަމަޖެހުމުން، މެސެޖެއް ލިބޭނެ އެވެ. ވެކްސިން ޖަހަން ދިއުމަށް ފަހު، އެ ސެންޓަރަކަށް އެ މެސެޖް ދައްކަން ޖެހޭނެ އެވެ.
ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހައްދައި، ގަޑިއަށް ވެކްސިން ސެންޓަރަށް ދިއުމަށް ވެސް އެޗްޕީއޭ އިން އެދެ އެވެ. އަދި ގަޑިއަށް ނުދާ މީހުންގެ އެޕޮއިންޓްމެންޓް ކެންސަލްވާނެ ކަމަށާއި އެމީހުން ޖެހެނީ އަލުން އެހެން ދުވަހަކަށް އެޕޮއިންޓްމެންޓް ހައްދަން ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
ކޮވިޑުން ދިފާއުވުމަށް ރާއްޖެއިން އެންމެ ފުރަތަމަ ޖަހަން ފެށި، ކޮވިޝީލްޑް ވެކްސިން ހުސްވާން ގާތްވުމާ އެކު އެ ވެކްސިން ޖެހުން މެދުކަނޑާލީ މިދިޔަ މެއި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އޭރު ދެވަނަ ޑޯޒް ޖެހިފައި ތިބީ މަދު ބަޔަކަށެވެ. އަލުން ވެކްސިން ލިބި، އިއްޔެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދޭން ފެށިއިރު، ގިނަ ބަޔަކު ދެވަނަ ޑޯޒް ނުލިބިގެން ނުޖެހި އެބަ ތިއްބެވެ. އެކަމަކު ރާއްޖެއަށް ލިބިފައި ވަނީ ކިތައް ޑޯޒް ކަމެއް ސާފެއް ނުވެ އެވެ.
އަލުން ވެކްސިން ޕްރޮގްރާމު މި ފެށި ހެޔޮ އެދޭ މީހަކު ހަދިޔާ ކުރި ވެކްސިނާ އެކު އެޗްޕީއޭ އިން ބުނެ އެވެ.
ރާއްޖޭގައި ކުރިން ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދެމުން އައީ ފުރަތަމަ ޑޯޒް ޖަހާތާ، 8-12 ހަފްތާއާ ދެމެދުގަ އެވެ. އެކަމަކު ވެކްސިން ލިބުން ދަތިވެ، އަދި ފަހުގެ ދިރާސާތަކުގެ މައްޗަށް ބަލައި މިވަނީ ވެކްސިންގެ ދެވަނަ ޑޯޒް، ފުރަތަމަ ޑޯޒް ޖެހިތާ، ހަ މަސް ދުވަހުގެ ތެރޭގައި ޖަހައިދޭ ގޮތަށް ބަދަލު ގެނެސްފަ އެވެ.