ޖަޕަނީސް ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް (ޖޭޑީއެސް)ގެ ދަށުން ރާއްޖޭގެ ހަ ދަރިވަރަކަށް މަތީ ތައުލީމު ހާސިލް ކުރުމަށް ސްކޮލާޝިޕް ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.
ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީން ބުނީ، މި ސްކޮލާޝިޕްތަކަކީ 110 މިލިއަން ޖަޕަނީސް ޔެންގެ ސްކޮލާޝިޕްތަކެއް ކަމަށެވެ. އެއީ 998،000 ޑޮލަރާއި އެއްވަރުގެ އަގެކެވެ. މިއީ އަންނަ އަހަރަށް ދިނުމަށް ނިންމާފައިވާ ސްކޮލާޝިޕްތަކެކެވެ.
މިއީ ޖޭޑީއެސްގެ ދަށުން ރާއްޖޭގެ ދަރިވަރުންނަށް ސްކޮލާޝިޕް ދިނުމަށް ސޮއިކުރި ދެވަނަ ފަހަރެވެ. މިދިޔަ އަހަރު މި ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ 24 ދަރިވަރަކަށް 19 މިލިއަން ރުފިޔާގެ ސްކޮލާޝިޕްތަކެއް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.
ޖަޕާނުން އަންނަނީ ތައުލީމީ ދާއިރާގެ އިތުރު ންވެސް އެހެނިހެން ދާއިރާތަކުން ރާއްޖެ އަށް އެހީ ފޯރުކޮށްދެމުންނެވެ. އެގޮތުން ކޮވިޑުގެ މި ބަލިމަޑުކަމުގައި ވެސް ޖަޕާނުން ވަނީ ރާއްޖެ އަށް ގިނަ އެހީތަކެއް ފޯރުކޮށްދީފަ އެވެ.
ކޮވެކްސް ފެސިލީޓިގެ ދަށުން ޖަޕާނު ސަރުކާރުގެ ފަރާތުން ރާއްޖެއަށް ވެކްސިން ހަދިޔާކުރަން ވަނީ ނިންމައިިފަ އެވެ. ޖަޕާނު ސަރުކާރުން ރާއްޖެއަށް ވެކްސިން ހަދިޔާކުރަން ނިންމާފައިވާކަން ހާމަކުރައްވައި، ފޮރިން މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވެކްސް ފެސިލީޓިގެ ދަށުން 11 މިލިއަަން ޑޯޒްގެ ވެކްސިން 10 ގައުމަކަށް ހަދިޔާކުރަން ނިންމާފައިވާވާއިރު އޭގެތެރޭގައި ރާއްޖެ ވެސް ހިމެނޭ ކަމަށެވެ.