ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ބޯޑުގެ ޗެއާމަންގެ މަގާމުން އަބްދުލް ހަމީދު ވަކިކޮށް އެ ބޯޑަށް ބަދަލު ގެނެސްފި އެވެ.
އެނގިފައިވާ ގޮތުގައި މައްސަލަތަކުން ބޮއްސުންލައިގެން ގޮސްފައިވާ އެންޑީއޭގެ ބޯޑުގައި ތިއްބެވި 10 މެމްބަރުންގެ ތެރެއިން ފަސް މެމްބަރަކު ވަކިކޮށް، މި މަހުގެ ކުރީކޮޅު އާ މެމްބަރުން ވަނީ ހަމަޖައްސައިފަ އެވެ. އެއީ، އެޑިއުކޭޝަން މިނިސްޓްރީ، ހޯމް މިނިސްޓްރީ، ޔޫތު މިނިސްޓްރީ، ހެލްތު މިނިސްޓްރީ އަދި ރައީސް އޮފީހެވެ.
ނަމަވެސް އެ ބޯޑަށް އަދި ޗެއާމަނެއް އައްޔަންނުކުރެ އެވެ.
އެންޑީއޭ ހިންގުމުގައި އިސްކޮށް އުޅުއްވާ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ރަޝީދު (އައިސްތު) ވިދާޅުވީ މިދިޔަ މެއި މަހުގެ ކުރީކޮޅު އެ މިނިސްޓްރީގެ ދަށަށް އެ އެޖެންސީ ބަދަލުކޮށް ބޯޑުގެ ރިވިއުއެއް ހެދި ކަމަށެވެ. އެ ރިވިއުއިން ފާހަގަވި ކަންކަމަށް ރިއާޔަތްކޮށް ބޯޑަށް ބަދަލުތައް ގެންނާނެ ކަމަށް ކުރިން އޭނާ ވިދާޅުވެފައި ވެ އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ވެސް ބަދަލުތައް ގެނައުމާ ގުޅޭ މަޝްވަރާކުރަމުން އަންނަ ކަމަށް އައިސްތު ވިދާޅުވި އެވެ. އޭގެ ތެރޭގައި، އެ ވަގުތަކު އެންޑީއޭ ހިންގާ ތަނެއްގެ ބެލުމުގެ ދަށުން މަސައްކަތް ކުރުމުގެ ފުރުސަތު ދިނުން ހިމެނެ އެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދޭ މަރުކަޒުތައް ބަލަހައްޓާ އެޖެންސީ މިހާރު ވެސް ހިންގަމުންދަނީ ސީއީއޯއެއް ނެތި އެވެ. އެ ތަނުގައި އެންމެ ފަހުން ހުންނެވި ސީއީއޯ މުހައްމަދު ހަބީބު ވެސް ވަނީ މެއި 16 ގައި މަގާމުން ވަކިކޮށްފަ އެވެ.
މަސްތުވާތަކެތީގެ ގާނޫނުގައިވާ ގޮތުން އެންޑީއޭ ބޯޑުގެ މަސައްކަތަކީ އެކި ކަންކަމުގައި ލަފަ އާއި އިރުޝާދު ދިނުމެވެ. އެ ކަންކަމަށް ރިއާޔަތްކޮށް ތަން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިިވާނީ ސީއީއޯ އެވެ.