ދުޅަހެޔޮ ސިއްހަތަކަށް ކަސްރަތު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެކަމު މަސައްކަތުގެ ޝެޑިއުލްތައް އޮންނަ ގޮތެއްގެ ސަބަބުން އާންމުކޮށް ކަސްރަތު ކުރުމަކީ މިހާރު ގިނަ ބަޔަކަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. އަދި ވަގުތު ހުންނަ ގޮތުން އެކި މީހުން ކަސްރަތު ކުރަނީ އެކި ދުވަސްދުވަހު އެކި ވަގުތުގަ އެވެ.
އެންމެ ފުރަތަމަ ވެސް ހަނދާންކުރަން ޖެހޭ އެއް ކަމަކީ ކޮންމެ ގަޑިއެއްގައި ކަސްރަތު ކުރި ނަމަވެސް އެކަން ރަނގަޅު ކަމެވެ. އިންސާނާގެ ހަށިގަނޑަށް ކަސްރަތަކީ މުހިއްމު ކަމެކެވެ. އެކަމަކު ކަސްރަތު ކުރާއިރު ވެސް ވަކި ވަގުތެއްގައި އެ ކަސްރަތު ކުރާ ނަމަ އޭގެ އިފެކްޓިވްނެސް އިތުރު ވާނެ އެވެ.
މިސާލަކަށް، ހެނދުނު ވަގުތު ކަސްރަތު ކުރާނަމަ އެކަމުން ހަށިގަނޑަށް ފައިދާކުރާ މިންވަރު އިތުރުވާނެ އެވެ. އެއީ އޮފީހަށް ދިއުމުގެ ކުރިން ކަސްރަތު ކޮށްލައި ތައްޔާރުވެލުމުން މީހާ ރަނގަޅަށް ހޭލައްވާލަ އެވެ. އަދި މުޅި ދުވަހު ވެސް އޭގެ ސަބަބުން އިތުރަށް ވަރު ޖެހި އިތުރަށް މަސައްކަތް ކުރެވޭ ގޮތް ވާނެ އެވެ.
އޮފީސް ނިންމާލުމަށް ފަހު ކަސްރަތުކުރަން ރާވާނަމަ ގިނަ ފަހަރަށް އެކަންތައް ނުވުން އެކަށީގެން ވެ އެވެ. އެއީ ސަބަބަކީ މުޅި ދުވަހު މަސައްކަތުގައި އުޅުމަށްފަހު ގެއަށް ދާއިރު ގައިގައި އެހާ ވަރު ނެތުމުން ދެން އެ ދުވަހު ކަސްރަތު ކުރަން ވަރަށް އުނދަގޫ ވާނެ އެވެ.
ހެނދުނު ކަސްރަތު ކުރާނަމަ އެކަމުގެ ސަބަބުން ހާއްސަ ރޫޓީންއެއް ކަނޑައަޅަން ފަސޭހަ ވާނެ އެވެ. ހެނދުނު ވަކި ގަޑިއެއް ހަމަޖައްސައި ފޮލޯކުރަން ފަސޭހަ ވަނީ މަސައްކަތަށް ދިއިމުގެ ކުރީން އޮންނަ ވިންޑޯ ކުޑަވީމަ އެވެ. އެހެންވެ ފަހުން ކުރަން ކިޔައި ކަސްރަތު ލަސްކުރަން އުނދަގުވާނެ އެވެ.
ހެނދުނު ކަސްރަތު ކުރާނަމަ ސްލީޕް ސައިކަލް ރަނގަޅު ވުމުގެ ފުރުސަތު ވެސް ވަރަށް ބޮޑެވެ. ހެނދުނު ހޭލައިގެން ކަސްރަތުކޮށް ހެދުމަކީ އެންމެ ފުރަތަމަ ކޮންމެވެސް ވަރަކަށް އުނދަގޫ ކަމަކަށް ވެދާނެ އެވެ. ނަމަވެސް ހެނދުނުގެ ކަސްރަތަށް އާދަވުމުން މީހާގެ ކާޑިއަން ރިދަމް އަށް ބަދަަލު އާދެ އެވެ. އެއާ ގުޅިގެން މީހާގެ ހަށިގަނޑު ހެނދުނަށް އެލާޓު ވެފައި ރޭގަނޑަށް ވަރުބަލިވާނެ އެވެ. ނަތީޖާއެއްގެ ގޮތުން ނިދަން ފަސޭހަ ވާނެ އެވެ.