ހއ. ދިއްދޫ ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ ރަށަށް އަރައިފޭބުން އަނެއްކާ ވެސް މަނާކޮށްފި އެވެ.

އެންމެ ފަހުން ދިއްދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ 24 ގަ އެވެ. އެ ފަހަރު ރަށުން 143 މީހަކަށް ކޮވިޑް ޖެހުނެވެ. އެކަމަކު އެ އެންމެން ބަލިން ރަނގަޅުވެ، އަދި ރަށުން ނެގުނު 500 އެއްހާ ރެންޑަމް ސާމްޕަލްތައް ވެސް ނެގެޓިވްވުމުން ދިއްދޫ ހުޅުވާލީ މިދިޔަ އަންގާރަ ދުވަހު އެވެ.

ދިއްދޫ އަށް އަރައިފޭބުން މިރޭ 9:00 ހާއިރު މަނާކޮށް އެޗްޕީއޭ އިން ލިޔުން ފޮނުވާފައި މިވަނީ އެރަށު ހޮސްޕިޓަލުގައި މަސައްކަތްކުރާ އިންޑިއާގެ ނަރުހަކު ކޮވިޑަށް ޕޮޒިޓިވްވެގެން ކަމަށް އެރަށު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވެ އެވެ.

ރަޝީދު ވިދާޅުވި ގޮތުގައި އިންޑިއާ އިން އައި އެ މީހާ ޕޮޒިޓިވްވެފައި ވަނީ ބަލީގެ އަލާމާތް ފެނިގެން ފްލޫ ކްލިނިކަށް ގޮސް ދެއްކުމުން ނެގި ސާމްޕަލަކުންނެވެ.

އެހެންވެ ދިއްދޫ އަލުން ބަންދުކޮށްފައި މިވަނީ ރަށް ހުޅުވާލިތާ އެންމެ ހަތަރު ދުވަސް ފަހުންނެވެ.

ރަށް އަލުން ބަންދުކުރަން ޖެހުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޗްޕީއޭގެ އުސޫލުގައިވާ ގޮތަށް އަޅާނެ ކަމަށް ވެސް ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.