ޗައިނާގެ ފޯނު ކުންފުނި ރިއަލްމީން މެގްނެޓިކް ވަޔަލެސް ޗާޖިން ހިމެނޭ ފޯނެއް ނެރެން ތައްޔާރުވެއްޖެ އެވެ.
އެ ކުންފުނީގެ މި އުފެއްދުން ވާނީ އެންޑްރޮއިޑް ފޯނެއް މެގްނެޓިކް ވަޔަލެސް ޗާޖިންއާ އެކު ނެރޭ ފުރަތަމަ ފަހަރަށެވެ. "ރިއަލްމީ ފްލޭޝް" ގެ ނަމުގައި އުފައްދާފައިވާ ފޯނު ވަރަށް އަވަހަށް ރަސްމީކޮށް ބާޒާރަށް ނެރޭނެ އެވެ. މީގެ ވާހަކަ ރިއަލްމީން ޓްވިޓާގައި ވެސް ހިއްސާކޮށްފައިވެ އެވެ. އެކަމަކު މިއާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ.
"ރިއަލްމީ ފްލޭޝް" ގައި ހިމެނޭ ވަޔަލެސް ޗާޖަރަށް ދީފައިވާ ނަމަކީ "މެގްޑާޓް" އެވެ. ރިޕޯޓްތައް ބުނާ ގޮތުން ޔޫއެސްބީ -ޕޯޓް ވެސް ހިމެނޭ މި ޗާޖަރުގެ ކެޕާސިޓީއަކީ 15 ވޮޓެވެ.
އެޕަލް އިން މިދިޔަ އަހަރު ނެރުނު އައިފޯން 12 އަށް، މީގެ ހަފުތާއެއްހާ ދުވަސްކުރިން މެގްނެޓިކް މެގްސޭފް ބެޓެރިއެއް ނެރެފައިވެ އެވެ. އޭގެ އަގަކީ 99 ޑޮލަރު (1,526ރ.) އެވެ.
ފޯނު އުފެއްދުމުގެ ވިޔަފާރި އަށް ނުކުތްތާ އަދި އެންމެ ތިން އަހަރެއްހާ ދުވަސްވީ ރިއަލްމީން އެންޑްރޮއިޑް ފޯނުގެ ޗާޖިން އަށް ބޮޑު ބަދަލެއް ގެނެސްދިނުމަކީ ޔަގީނުން ވެސް ވާދަވެރި މި ވިޔަފާރީގެ ތެރޭގައި އެ ކުންފުންޏަށް ހޯދޭ ވަރަށް ބޮޑު ކާމިޔާބިއަކަށް ވާނެ އެވެ.
ބެއިޖިންގައި ހެޑްކުއާޓަރު ހުންނަ ރިއަލްމީގެ ބާނީ އަކީ ސްލައި ލީ އެވެ. އޭނާ އަކީ ކުރިން ޗައިނާގެ އޮޕޯ ކުންފުނީގެ ވައިސް ޕްރެޒިޑެންޓެވެ.