ހާލަތު ރަނގަޅުނުވެ، ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާތައް ހިނގަމުންދާތީ، ކުޑަކުދިންގެ ހައްގުގައި ވަކާލާތުކުރާ އާކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވިލިމާލޭގައި ހުންނަ ހިޔާގައި ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި އަލިފާނުގެ ހަތަރު ހާދިސާއެއް ހިނގައި އެ މަރުކަޒަށް ގެއްލުންތަކެއް ލިބިފައިވެ އެވެ. ނަމަވެސް، އެއިން އެއްވެސް ހާދިސާއެއްގައި ކުއްޖަކަށް އަނިޔާއެއް ނުވެ އެވެ.

އެ ތަނުން އެންމެ ފުރަތަމަ އަލިފާން ރޯވީ ކުދިންތަކެއް ނިދާ ކޮޓަރިއެއްގަ އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ އުމުރުން 13 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިން ބެލެހެއްޓުމަށް އެންމެ ފުރަތަމަ ހާއްސަކުރި މަރުކަޒުގެ ހަތަރު ވަނަ ފްލޯގައި ހުރި ކޮޓަރިއެއްގައި މިއަދު ވެސް އަލިފާން ރޯވެގެން ހެނދުނު 6:00 ހާއިރު އެމްއެންޑީއެފަށް ރިޕޯޓުކުރި އެވެ.

އެ މަރުކަޒުގެ ސީއީއޯ މޫމިނާ އާދަމް "މިހާރު" އަށް ވިދާޅުވީ މިއަދު އަލިފާން ރޯވީ އޭނާ މަސައްކަތްކުރައްވާ ކޮޓަރިއާ، އެތަނާ ޖެހިގެން ހުންނަ ކައުންސެލިން ރޫމުގައި ކަމަށެވެ. އެ ދެ ތަނުގައި ހުރި ތަކެއްޗާއެކު އިމާރާތަށް ވެސް ގެއްލުން ލިބިފައިވެ އެވެ.

"ސީއީއޯ ރޫމާއި ކައުންސެލިން ރޫމު އިންނާނީ ފިލާގަނޑަކުން ވަކިކޮށްފައި. މަރާމާތުކޮށްގެެން އެ ތަންތަން ދެން ބޭނުންކުރެވޭނީ. މިއަދު އަލިފާން ރޯވި ސަބަބު ބަލަމުން މި އަންނަނީ،" މޫމިނާ ވިދާޅުވި އެވެ.

އެ މަރުކަޒު މިހާރު ހަމަޖައްސާފައިވަނީ އުމުރުން ދުވަސްވީ މީހުންނާއި ގެވެށި އަނިޔާގެ ޝިކާރައަށްވާ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދޭ މާހައުލެއްގެ ގޮތުގަ އެވެ. އެހެންވެ، އެންމެ ފަހުން އަލިފާން ރޯވިއިރު އެ ތަނުގައި ތިބީ ތިން ކުދިންނާއި ދެ މީހެކެވެ. ދެން ތިބި ކުޑަކުދިން ވަނީ އާއިލާާތައް އަދި ރަށްރަށުގައި ގާއިމްކޮށްފައިވާ "އަމާން ހިޔާ" ތަކަށް ބަދަލުކޮށްފަ އެވެ.

މޫމިނާ ވިދާޅުވީ އެ މަރުކަޒު ހުރީ މަރާމާތުކުރަން ވެސް ޖެހިފަ އެވެ. އެ މަސައްކަތަށް ފަހު ވެސް ހިޔާގައި ދެން ކުޑަކުދިން ނުބަލަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހާދިސާތަކާ ގުޅިގެން އާކުން މިއަދު ބުނީ ކުޑަކުދިން ދިރިއުޅޭ ތަނެއްގައި މި ފަހުން ކޮންމެ މަހަކު އެއް ފަހަރު ކަހަލަ ގޮތަކަށް އަލިފާނުގެ ހާދިސާތައް ތަކުރާރުވެގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެކަން އެގޮތަށް ދިމާވަނީ ވެސް، އެޗްއާރުސީއެމާއި ޗިލްޑްރެންސް އޮމްބަޑްސްޕާސަން ދީފައިވާ ލަފައާ އެއްގޮތަށް އަމަލުނުކުރާތީ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

"މި ފަހަރުގެ ހާދިސާގައި ވެސް ޑޮކިއުމަންޓުތައް އަނދައިގެން ދިޔައީމަ އެކަމާ ކަންބޮޑުވޭ. އެ ލިޔުންތަކުގައި ހުންނާނެ ވަރަށް ކްރިޓިކަލް މައުލޫމާތު،" ޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވި އެވެ.