ރާއްޖޭގައި އިޖުތިމާއީ މައްސަލަތައް ބައިވަރެވެ؛ ސިޔާސީ މައްސަލަތައް ވެސް މަދެއް ނޫނެވެ. އެއީ އޭގެ އެންމެ އަޑިއަށް ފީނައި، އަދި އެތައް ބަޔެއްގެ ވާހަކަތައް އަހައިގެން ނޫނީ އާންމުންނާ ހަމައަށް ތިލަކޮށްދެވޭ ވަރަށް ވުރެ ބޮޑެތި ވާހަކަތަކެކެވެ.
"މިހާރު"ން މިއަދު މި ނެރުނު ހާއްސަ އެޑިޝަން، "މެދު ސަފްހާ" އަކީ އެ މައްސަލަތައް އާންމުންނާ ހަމައަށް ގެނެސްދިނުމަށް ފެށި މަސައްކަތުގެ ފުރަތަމަ މަރުހަލާ އެވެ.
"މެދު ސަފުހާ"، މި ބަހަކީ ނޫސްވެރިކަމުގައި އާ ބަހެއް ނޫނެވެ. އެއީ، ޗާޕްގެ ނޫސްވެރިކަމުގައި މިހާރު ވެސް ބޭނުންކުރާ މަޝްހޫރު ނަމެކެވެ. މެދުސަފުހާއޭ ބުނެފި ނަމަ އޭގެ މާނައަކީ ހާއްސަ ސަފުހާއެއް ކަމެވެ. ނޫހުގެ މެދުގައި އޮންނަ ދެ ސަފުހާ ގުޅުވައިގެން އެ ގެންނަ މެދު ސަފުހާގައި ހާއްސަ ވާހަކަތަކެއް އަބަދު ވެސް ހިމެނޭނެ އެވެ.
"މިހާރު"ން ނިންމާފައި އޮތީ، ކޮންމެ ދެ ހަފުތާއިން އެއް ހަފުތާގެ ބުރާސްފަތި ދުވަހު މި އެޑިޝަން ގެނެސްދޭށެވެ. މި އެޑިޝަންގައި ޖުމްލަކޮށް އަޅުގަނޑުމެން ބަލާނީ އިޖުތިމާއީ އަދި ސިޔާސީ ބޮޑެތި މައްސަލަތައް ދިރާސާކޮށް، އިންޓަވިއުތަކާ އެކު ތަފުސީލުކޮށް އެ މައްސަލަތައް ގެނެސްދެވޭތޯ އެވެ. މި ރިޕޯޓްތައް ގެނެސްދޭނީ ތަޖުރިބާކާރުންނާ ވާހަކަ ދައްކައި، އެ އިޝޫއަކާ ގުޅޭ ޑޮކިއުމެންޓްތައް އެއްކޮށް، ވީޑިއޯ އާއި ގްރެފިކްސް އާއި ތަފާސްހިސާބުތައް ވެސް ބޭނުންކޮށްގެންނެވެ.
މިފަހަރު އަޅުގަނޑުމެން މި ގެނެސްދެނީ، ރާއްޖޭގައި މިހާތަނަށް ހިންގާ، ބޯހިޔާވަހި ކަމުގެ އެންމެ ބޮޑު މަޝްރޫއާ ބެހޭ ރިޕޯޓްތަކެވެ. "ހިޔާ ފްލެޓް މަޝްރޫއު" ނިމި، އެތަނަށް އާންމުން ވަންނަން ތައްޔާރުވަމުން އަންނަ އިރު، މާ ކުރިން ފެށިގެން ވެސް މިއީ ސުވާލުތަކެއްގެ ތެރޭގައި އޮތް މަޝްރޫއެކެވެ. އެތަން އާންމުންގެ ލޮލަށް ފެނި، ތަޖުރިބާތައް ކުރަން ޖެހުމުން ކުރި އިހުސާސް އެއީ މުޅިން ތަފާތު ކަމެކެވެ. މިއީ، އެ ވާހަކަތަކެވެ. ބައެއް މީހުންގެ ފޮނި އިހުސާސްތަކާއި އުންމީދުތަކެވެ. އަނެއް ބައެއްގެ ޝަކުވާތަކެވެ.
ރާއްޖޭގެ ނޫސްވެރިކަމުގައި މިއީ އަނެއްކާ ވެސް އާ ހަރުފަތެކެވެ. މިއީ އޮންލައިން ދުވަހު ނޫހެއް ވަކި ތީމަކަށް އަމާޒުކޮށް ތަރުތީބުވެގެން އެކަން ކުރާ ފުރަތަމަ ފަހަރެވެ. އުންމީދަކީ މި ސިލްސިލާގެ ދަށުން ރާއްޖޭގެ އިޖުތިމާއީ އަދި ސިޔާސީ އިޝޫތައް ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސް، އެ ކަންކަމަށް ހައްލު ހޯދުމުގެ ފުރުސަތު ލިބުމެވެ.