ސްކޫލް ގައިޑް: "މިހާރު"ގެ އާ ފެށުން

ސްކޫލްގެ ބޮޑު ޗުއްޓީގެ ފުރަތަމަ ދުވަހާ އެކު "މިހާރު" ން މި ފެށީ އާ މަސައްކަތެކެވެ. ނޫސްވެރިކަމާއި ލިއުންތެރިކަމުގެ އެންމެ ތަޖުރިބާކާރު ޓީމުގައި ހިމެނޭ "މިހާރު"ގެ ލިއުންތެރިން "ސްކޫލް ގައިޑް 2017" މި ގެނެސްދެނީ ތައުލީމީ އާ އަހަރަށް ތައްޔާރުވާ އިރު، ދަރިވަރުންނަށާއި ބެލެނިވެރިންނަށާއި ޓީޗަރުންނަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ލިއްބައިދެވޭނެ ކަމުގެ އުއްމީދުގަ އެވެ.


ކުރިން ވެސް "ސްކޫލް ގައިޑް" ނެރެން މި ޓީމުން ވަނީ ހަރަކާތްތެރިވެފަ އެވެ. އެކަމަކު މިއީ މޭ 2016 ގައި ރާއްޖޭގެ މީޑިއާ އަށް އަލަށް ވަން އެކަމަކު ކުރިން "ހަވީރު"ގައި މަސައްކަތްކުރި ލިއުންތެރިންނާއި މާކެޓިން އަދި އައިޓީ ޑިޕާޓްމަންޓް ގުޅިގެން ދަރިވަރުންނަށް އަމާޒުކޮށް ނެރޭ ފުރަތަމަ އަދަދެވެ.

ކޮންމެ ތައުލީމީ އަހަރެއް ނިންމައި ބޮޑު ޗުއްޓީ އަށް ދާއިރު ދަރިވަރުންނަށާއި ބެލެނިވެރިން އަދި ތައުލީމީ ދާއިރާގެ ފަރާތްތަކަށް ލިބެނީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ބުރަ އަހަރެއް ކާމިޔާބުކަމާ އެކު ނުވަތަ އިތުރަށް ކާމިޔާބު ހޯދޭނެ އާ މަގުތައް ތަނަވަސް ކުރުމަަށް ފަހު ނިންމާލުމެވެ. އާ އަހަރަކަށް ކުރިމަތިލުމުގެ ކުރިން ކަންކަން ރާވާލާނެ ވަގުތެވެ.

މި ގައިޑްގައި ބައެއް ގްރޭޑްތަކުގެ ދަރިވަރުން ތައުލީމީ އާ އަހަރަށް ފަށާ އިރު ވިސްނަން ޖެހޭ ކަންކަމާއި އެހެން ދަރިވަރުން ދޭ ނަސޭހަތްތައް ވެސް ހިމަނާފައިވާނެ އެވެ. އަދި ތައުލީމީ ދާއިރާގެ ބައެއް ތަޖުރިބާކާރުންގެ ލިއުންތައް ވެސް ހިމެނޭނެ އެވެ.

"މިހާރު"ގެ ޓީމުން އެދެނީ އުފާވެރި ޗުއްޓީއަކަށާއި ތައުލީމީ ކާމިޔާބު އާ އަހަރަކަށެވެ.